އުނގެނުމުގައި މަކަރުހެދުން

14 ޖުލައި 2018: އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި މަތީތައުލީމު އުނގެނޭ ދަރިވަރުން އަދި މަތީ ތައުލީމުގެ ކޯސްތަކުގެ ފެންވަރާ މެދު ދޭތެރެ ދޭތެރެއިން ނޫސްތަކުގައްޔާއި މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ޚިޔާލުފާޅުކޮށްފައި ހުންނަތަން ފެނެ އެވެ. ޚާއްސަކޮށް އޮންލައިން އުނގެނުމުގެ ގޮތްތައް ޝާމިލުވާ ކޯސްތަކުގެ ފެންވަރާ މެދު ޝައްކުގެ ނަޒަރަކުން ބައެއް މީހުން ބަލަ އެވެ. މިފަދަ މީހުންގެ ނަޒަރުގައި އޮންލައިން އުނގެނުމުގެ ތެރެއިން ނުހައްގު ގޮތުގައި ސަނަދު ލިބިގަތުމަށް ދަރިވަރުންނަށް ފަހިވެ އެވެ. އާދައިގެ ބަހުން ބުނާ ނަމަ، މަކަރުހެދުމަށް ދަރިވަރުންނަށް ފަސޭހަވެ އެވެ. މި ބަހުސަކީ ރާއްޖޭގައި އެކަނި ހިނގާ ކަމެއް ނޫނެވެ. މިއީ މަތީތައުލީމާ މެދު ޚިޔާލުފާޅުކޮށް، އިލްމީ ދިރާސާ ކުރާ މީހުންގެ މެދުގައި ވެސްމެ ހިނގާ ބަހުސެކެވެ.

އުނގެނުމުގައި މަކަރު ހަދަނީ ނުވަތަ ހެދުމަށް މަސައްކަތް ކުރަނީ ހަމައެކަނި އޮންލައިންކޮށް ކިޔަވާ ދަރިވަރުންނެއް ނޫނެވެ. ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ބައެއް ޔުނިވަރސިޓީތަކުގެ ތިންބައިކުޅަ ދެބަޔަށް ވުރެ ގިނަ ދަރިވަރުން، ކޯހުގެ މުއްދަތުގެ ތެރޭގައި އުނގެނުމުގައި މަކަރުހެދުމާ ގުޅޭ ކަމެއްގައި މަދުވެގެން އެއްފަހަރު ޝާމިލުވެ އެވެ. ނުވަތަ މަކަރު ހެދުމުގައި ޝާމިލުވި ދަރިވަރެއްގެ މައުލޫމާތު އެނގޭކަމަށް ބުނެފައިވެ އެވެ. މިހެންވުމުން މިފަދަ ކަންކަން ކޮންޓުރޯލުކޮށް ބެލެހެއްޓުމަށް، މަތީތައުލީމުދޭ މަރުކަޒުތަކުގައި ހަރުކަށި އުސޫލުތަކެއް ހަދާފައި ހުރެ އެވެ. އަދި އެ އުސޫލުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުން ހޭލުންތެރި ކުރުވުމަށް ތާއަބަދު ގިނަ މަސައްކަތްތަކެއް ކުރެވެ އެވެ.

އުނގެނުމުގައި މަކަރުހެދުމަށް މެދުވެރިވާ އާއްމު ސަބަބުތަކެއް ހުރެ އެވެ. އެއްކަމަކީ އުނގެނުމަށް ހުންނަ ޝައުގަށް ވުރެ، ހަމައެކަނި ސަނަދެއް ހާސިލުކުރުމުގެ ބޭނުމުގައި ކިޔެވުމެވެ. މިގޮތް ގިނަ ފަހަރަށް މެދުވެރި ވަނީ މީހާގެ ހުނަރުވެރިކަމާއި ގާބިލުކަން ހުރިމިންވަރަށް ރިއާޔަތްކުރުމުގެ ބަދަލުގައި ތަނުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ވަޒީފާގެ ފުރުސަތާއި މަގާމު މަތިވުމާއި މުސާރައިގެ ކުރިއެރުން، ހަމައެކަނި ސަނަދަށް ބަލައިގެން ލިބޭތީއެވެ. އަނެއް ކަމަކީ، ވަކި މުއްދަތެއްގެ ތެރޭގައި ވަކި މިންވަރަކަށް މީހުން ތަމްރީނުކުރުމުގެ ލަނޑުދަނޑިއެއް ކަނޑައަޅައި، އެލަނޑުދަނޑިއަށް ކޮންމެހެންވެސް ވާސިލުވުމަށް ޓަކައި ކޯސްތަކަށް ވަނުމުގެ ޝަރުޠު ލުއިކުރުމެވެ. ނުވަތަ އެކަށީގެންވާ ފެންވަރު ނެތް މީހުންނަށް އެއްފަހަރާ ކޯސްތަކުން ޖާގަ ދިނުމެވެ. މިފަދަ ބައެއް ދަރިވަރުންނަށް ފާސްވުމަށް އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ގަބޫލުކުރެވިގެން މަކަރުހަދަ އެވެ. ތިން ވަނަ ކަމަކީ ދިރިއުޅުމުގެ ހާލަތާއި އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކުގެ ބުރަކަމާ އެކު ވެސް، ލިބެންއޮތް އެންމެ ފަސޭހަގޮތަކުން ސަނަދެއް ހޯދުމަށް މަޖުބޫރުވާ ހާލަތަކަށް ދިޔުމެވެ. އިތުރު ސަނަދެއްނެތި ދިރިއުޅެވެން ނެތުމެވެ. އެހެނަސް ދިރިއުޅުމަށް ކުރާ ކަންކަން ދޫކޮށްފައި ކިޔެވެން ނެތުމެވެ. ހަތަރު ވަނަ ކަމަކީ، ކޮޕީ ކުރުމާއި އިލްމީ އަޚުލާގީ މިންގަނޑަކީ ކޮބައިކަން ނޭނގުމުގެ ސަބަބުން އެއީ މާބޮޑުކަމެއް ކަމުގައި ނުދެކި، އެކަން ކުރުމެވެ. އަދި މިނޫން އެހެން ސަބަބުތަކެއް ވެސް ހުރެދާނެ އެވެ.

އުނގެނުމުގައި މަކަރުހެދުމާ ގުޅޭ ގޮތުން ހެދިފައިވާ އިލްމީ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި އިންސާނާ ކަމެއް ކުރަނީ ނުވަތަ ކުރަން ގަސްތުކުރަނީ އޭނާގެ ހިތުގައި އެކަމަކާ މެދު އުފެދޭ ޝައުގެއްގެ ސަބަބުންނެވެ. މިޝައުގުގެ އެއްބާވަތަކީ އެކަމެއް ކުރުމުން ނުވަތަ ހާސިލުވުމުން ތިމާގެ ހިތަށް ތަސައްލީއެއް ލިބޭ ކަންކަމެވެ. ހިތްހަމަޖެހި އުފާވާ ކަންކަމެވެ. ދެވަނަ ބާވަތަކީ އެކަމެއް ކުރުމުން ނުވަތަ ހާސިލުވުމުން މާއްދީގޮތުން ތިމާއަށް މަންފާއެއް ލިބެނިވި ކަންކަމެވެ. މީގެތެރެއިން ފުރަތަމަ ބުނެވުނު ޝައުގުވެރިކަމުގެ ސަބަބުން ކިޔަވަންފަށާ މީހުން، އުނގެނުމުގައި މަކަރުހަދާ މިންވަރު ކުޑަކަމަށް ފާހަގަކުރެވިފައިވެ އެވެ. އެހެނީ އުނގެނުމުގެ ސަބަބުން މިފަދަ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ އެވެ. ނަފްސާނީ ހަމަޖެހުން އޮންނާނެއެވެ. ނަތީޖާއަކަށް ވާނީ މާއްދީ ގޮތުން ލިބޭ ނުވަތަ ލިބެން އޮތް އެއްޗަކަށް ވުރެ، އައު މައުލޫމާތާއި ކަންކަން ދަސްކުރަން ބޭނުންވުމެވެ. އުނގެނުމުގައި މަކަރުހެދުމުން ދުރުހެލި ވުމެވެ.

އުނގެނުމުގައި ދަރިވަރުން މަކަރުހަދާ މިންވަރާއި އެކަމާ މެދު މުދައްރިސުން ދެކޭ ގޮތާއި އަމަލުކުރާގޮތާ ގުޅުން ހުރެއެވެ. މީގައި މައިގަނޑު ދެކަމެއް ޝާމިލުވެއެވެ. އެއްކަމަކީ ޔުނިވަރސިޓީގައި މަކަރުހެދުމުގެ ހާދިސާތައް މެދުވެރިވާ މިންވަރާއި އެކަމަށް މަގުފަހި ވެފައިވާ މިންވަރާއި އަދި މަކަރު ހަދައިފި ނަމަ އެކަމެއް ފަޅާއެރުމުގެ ފުރުސަތު އޮތްމިންވަރެވެ. ދެވަނަ ކަމަކީ އުނގެނުމުގައި މަކަރުހަދައިފިކަން މުދައްރިސަށް އެނގުމުން، ނުވަތަ ފަޅާއެރުމުން އެކަމުގައި މުދައްރިސް އަމަލުކުރާނެ ގޮތްކަމަށް ދަރިވަރުންނަށް ވިސްނިފައި އޮންނަ ގޮތެވެ. އެހެންގޮތަކަށް ބުނާ ނަމަ މަކަރުހެދުމުގައި ބައިވެރިވާ ދަރިވަރަށް ނުވަތަ ދަރިވަރުންނާ މެދު މުދައްރިސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދަރިވަރަށް ވިސްނިފައިވާ މިންވަރާއި ގޮތެވެ. މިކަމަކީ އުނގަންނައިދިނުމުގެ ތެރެއިން މުދައްރިސް، ދަރިވަރަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން، އަމަލީގޮތުން ދައްކައިދޭން ޖެހޭ ކަމެކެވެ. އެހެނީ އުނގެނުމުގައި މަކަރުހެދުމަކީ އެއްވެސް މިންވަރަކަށް މުދައްރިސް ފުރުސަތު ދޭނެކަމެއް ނޫންކަމުގައި ދަރިވަރުންނަށް ވިސްނި، އަދި އެކަމުގައި ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހޭނެކަން ދަރިވަރުންނަށް ގަބޫލުކުރެވޭ ނަމަ، މަކަރު ހެދުމުގައި ދަރިވަރުން ޝާމިލުވުމުގެ ފުރުސަތު ކުޑަވާނެ އެވެ.

ހެވާއި ނުބަޔަކީ ކޮބައިކަމުގައި އެންމެން ގަބޫލުކުރާ އާއްމު މިންގަނޑުތަކެއް ހުރެ އެވެ. މި މިންގަނޑު ފަހަނަޅައި، އުނގެނުމުގައި މަކަރުހެދުމުގެ ތެރެއަށް ދަރިވަރުން ވަންނަނީ ހަމައެކަނި އުނގަންނައިދިނުމުގެ ވަކިގޮތެއް ބޭނުންކުރާތީއޭ ބުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. އެހެނީ މިއީ ކިޔަވައިދެވޭ މާހައުލުގެ ގިނަ ކަންތައްތަކެއް ގުޅި ލާމެހިގެން އަންނަ ކަމެކެވެ. މިހެންވުމުން އޮންލައިންކޮށް ކިޔެވިޔަސް، ކޮންމެ ދުވަހަކު މުދައްރިސާއި ބައްދަލުކޮށް ކިޔެވިޔަސް، އުނގެނޭ މާހަލުގެ ކަންކަން ބައްޓަންވެފައި އޮންނަ ގޮތަކުން އުނގެނުމުގައި ދަރިވަރުން މަކަރު ހަދައިފާނެ އެވެ. ވީމާ ކުށްވެރިވަނީ އޮންލައިންކޮށް ކިޔެވުންކަމުގައި ކަނޑައަޅައި ހުކުމް ނުކުރާށެވެ. އެހެނީ، ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި އޮންލައިންކޮށް އުނގެނޭ ދަރިވަރުންނަށް ވުރެ ކޮންމެ ދުވަހަކު ކިލާހަށް ހާޒިރުވެ ކިޔަވާ ދަރިވަރުން، އުނގެނުމުގައި މަކަރުހަދާލެއް ބޮޑެވެ.

comment ކޮމެންޓް