އިތުރު ދެ ވޯލްޑް ރެކޯޑެއް ރާއްޖޭގައި ހަދަން ތައްޔާރުވެއްޖެ

ދުނިޔޭގެ ރެކޯޑް ހެދުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް މިއަދު އެމްއެމްޕީއާރުސީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓުއަރިޒަމް ދުވަހާއި ގުޅުވައިގެން އަންނަ މަހުގެ ދެވަނަ ދުވަހު ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއްފަހަރާ ޑައިވް ކޮށްގެން ދުނިޔޭގެ ރެކޯޑް ހެދުމުގެ ތައްޔާރީތައް ވަމުންދާ އިރު، އިތުރު ދެ ރެެކޯޑެއް ހެދުމަށްވެސް ނިންމައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އިސްނަގައިގެން މާދަމާ ބަރޮސް މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނޭވާ" ގިނިސް ވޯލްޑް ރެކޯޑް ފްރީޑައިވް އިވެންޓް އަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމެކެވެ. އެދުވަހު ހެދުމަށް މަސައްކަތް ކުރާ ރެކޯޑަކީ އެންމެ ގިނަ ބަޔަކު އެއްފަހަރާ ޑައިވްކޮށްގެން ހަދަން މަސައްކަތް ކުރާ ރެކޯޑެކެވެ.

އެ ރެކޯޑުގެ އިތުރުން އިތުރު ދެ ރެކޯޑެއް ހެދުމަށްވެސް މިހާރު ވަނީ ނިންމާފައެވެ. އެ ދެ ރެކޯޑަކީ އެމްއެމްޕީއާރުސީއާއި ޓީއެފްޖީ އަދި ކެނަޑާގެ ދުވުންތެރިއެއް ކަމަށްވާ މިކަލް ކެޕްރެލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މި ދެ ރެކޯޑް ވެސް އަންނަ މަހު ހެދުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ ރެކޯޑް ހަދާނީ އައްޑޫގަ އެވެ.

ދުނިޔޭގެ ރެކޯޑް ހެދުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް މިއަދު އެމްއެމްޕީއާރުސީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެގޮތުން އަންނަ މަހުގެ ފަސްވަނަ ދުވަހު އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ ރެކޯޑަކީ ހަތަރު ބޯޅަ ޖަގްލްކުރަމުން 10 ކިލޯމީޓަރަށް ދުވުމުގެ ރެކޯޑެވެ. މިއީ މުޅިން އަލަށް ދުނިޔޭގައި ހަދާނެ ރެކޯޑަކަށް ވާ އިރު މި ރޭހުގައި ދުވުންތެރިޔާ ކެޕްރަލް ހަތަރު ބޯޅަ އުކަމުން ދުވާނީ އެ ދުވަހު އައްޑޫގައި އޮންނަ ޓީއެފްޖީ އައްޑޫ ރަންގެ ދުވުންތެރިންނާއެކުއެވެ. އޭނާ ރޭހުގައި ދުވަމުންދާ އިރު ބޯޅަ ވެއްޓިއްޖެނަމަ ބޯޅަ ވެއްޓުނު ހިސާބަށް އައިސް ދުވަން ފަށާނެއެވެ.

އެ ރޭހުގައި ދުވާނެ މަގުތަައް ކަނޑައަޅައި، ގިނިސް ރެކޯޑް ގަބޫލު ކުރާ ފެންވަރަށް އެ ރެކޯޑް ހެދިކަން ޔަގީންކުރުމަށް ބޭނުންވާނެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އެތުލެޓިކްސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް ޓީއެފްޖީން ވަނީ ބުނެފައެވެ.

އަންނަ މަހު ހެދުމަށް ހަމަޖެހިފައިވާ ދެވަނަ ރެކޯޑަކީ އެއް ގަޑިއިރު ވަންދެން ހުއްޓާ ނުލައި ތިން ބޯޅަ އުކަމުން ސިޑިން އެރުމުގެ ރެކޯޑެވެ. އެ ރެކޯޑް ހެދުމަށް ނިންމާފައި ވަނީ މާލޭ ސަލްޓަން ޕާކުގަ އެވެ. މި ރެކޯޑްވެސް ކެޕްރަލް ހަދާ އިރު އޭނާ އެ ރެކޯޑް ހަދާނީ ހުއްޓާ ނުލައި ސަލްޓަން ޕާކުގައި އޮންނަ ސިޑި މަތީ ބޯޅަ އުކަމުން ސިޑިން އަރައި ފައިބަމުންނެވެ. އެގޮތުން ގައިގަނޑަކަށް 3،000 ފިޔަވަޅު ގަޑިއިރެއްގެ ތެރޭގައި ނެގޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ދުނިޔޭގެ ރެކޯޑް ހެދުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް މިއަދު އެމްއެމްޕީއާރުސީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކެޕްރަލްއަކީ މީގެ ކުރިން ވެސް ދުނިޔޭގެ ވޯލްޑް ރެކޯޑެއް މުގުރާލާފައިވާ މީހެކެވެ. އޭނާ ކުރިން ހެދި ވޯލްޑް ރެކޯޑަކީ ތިން ބޯޅަ އުކަމުން މެރަތަން އެއް ދުވުމުގެ ރެކޯޑެވެ. އެ ރެކޯޑް އޭނާ ހެދީ ދެ ގަޑި އިރާއި 50 މިނަޓު ދުވެގެންނެވެ.

އެ ރެކޯޑްތައް ހެދުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބް މުހައްމަދު ވިދާޅުވީ، މިފަދަ އިވެންޓުތަކަކީ ދުނިޔޭގައި މިހާރު ވަރަށް މަޝްހޫރު ކަމެއް ކަމަށެވެ. އެގޮތުން މިހާރު ފެށުމަށް ހަމަޖެހިފައިވާ މި ރެކޯޑަކީ ފެށުމެއް ކަމަށާއި ރެކޯޑު ހެދުމުން އެކަންތައް މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ.

އަދި އަންނަ އަހަރު މިކަހަލަ ގިނަ ރެކޯޑްތައް ހެދުމަށް ނިންމާފައިވާ ކަމަށާއި ރާއްޖޭގެ އެކި އެކި ރަށްރަށުގައި ވެސް މިފަދަ ދުވުންތައް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ސްޕޯޓްސް ޓުއަރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަކީ މެރަތަން ދުވެލުމަށް އަންނަ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ މާކެޓުގައި އިސްތިހާރު ކުރުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

comment ކޮމެންޓް