ހާޝުގްޖީ މަރާލަން އަމުރު ނުކުރައްވާ ކަމަށް ސައުދީ ވަލީއަހުދު ވިދާޅުވެއްޖެ

ސައުދީ ވަލީއަހުދު ވަނީ ހާޝުގްޖީ މަރާލަން އަމުރު ނުކުރައްވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭޕީ

ރިޔާޒު (ސެޕްޓެމްބަރު 30): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން އަމުރު ނުކުރައްވާ ކަމަށް އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސީބީއެސްގެ "60 މިނިޓްސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވަލީއަހުދު ވަނީ ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ އޭނާ ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. ނަމަވެސް ހާޝުގްޖީ މަރާލީ ސައުދީ ސަރުކާރަށް މަސައްކަތް ކުރަމުން ދިޔަ ބައެއް ކަމުން، ގައުމުގެ ލީޑަރުގެ ހައިސިއްޔަތުން އެމަރުގެ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި އެގައުމުގެ ޓީމަކުން ހާޝުގްޖީ މަރާލި އިރު އެކަމާ ބެހޭ ގޮތުން ވަލީއަހުދަށް އެނގިވަޑައިނުގަތީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވަނީ ސައުދީގައި ތިން މިލިއަން މީހުން ތިބޭ ކަމަށާއި، އެ އެންމެންނާ ބެހޭ މައުލޫމާތު ކޮންމެ ދުވަހަކު ސަރުކާރަށް ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ވަލީއަހުދު ވަނީ އެމެރިކާގެ ޕީބީއެސްއިން ހަދާފައިވާ ޑޮކިއުމެންޓަރީއެއްގައިވެސް އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު ދޭއްގައި ހާޝުގްޖީ މަރާލި ހާދިސާއާ ވަލީއަހުދާ އޮތް ގުޅުމާ ބެހޭ ގޮތުން އޭނާ މީޑިއާއާ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ސައުދީ ވަލީއަހުދު ޕީބީއެސްއާ ދެއްކެވި ވާހަކައާ ބެހޭ ގޮތުން ހާޝުގްޖީގެ ލޯބިވެރިޔާ، ހަދީޖާ ޖެންގިޒް ބުނި ގޮތުގައި އެއީ ސިޔާސީ ބޭނުމަކަށް ބިން ސަލްމާން ދެއްކެވި ވާހަކަ އެވެ.

އެގޮތުން ހާޝުގްޖީގެ މަރުގެ ހާދިސާ ހިނގާ ދިޔައި ގައުމުގެ ކަންތައްތައް ވަލީއަހުދު ބައްލަވަނިކޮށް ކަމަށް ވިދާޅުވުމުން، އެއީ ސައުދީ ރަސްގެފާނަށް ވުރެ ވަލީއަހުދުގެ ނުފޫޒުގަދަ ކަމާއި ގައުމުގެ އަސްލު ވެރިޔަކީ އޭނާ ކަމަށް ދެއްކުން ކަމަށް ޖެންގިޒް ބުންޏެވެ.

ސީބީއެސްއަށް ދެއްވި އިންޓަވިއުގައި ބިން ސަލްމާން ވަނީ ހާޝުގްޖީގެ މަރު ތަހުގީގު ކުރަމުންދާ ކަމަށާއި، ދައުވާ ސާބިތުވުމުން، ވަކި މަގާމަކަށް ނުބަލައި އެމީހަކު ކޯޓަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީ ޝާހީ އާއިލާއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ހާޝުގްޖީ ކޮންސިއުލޭޓު ތެރޭގައި މަރާލި ކަމަށް ފުރަތަމަ ހަބަރު ފެތުރުމުން ސައުދީން އެކަން ދޮގު ކުރި އެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ ހާޝުގްޖީ މަރާލީ ވެރިންގެ އަމުރަކާ ނުލައި، އަމިއްލައަށް މަސައްކަތް ކުރި ބަޔެއް ކަމަށް ބުނެފަ އެވެ.

އަދި އެއީ ސައުދީގެ ޖާސޫސީ އިދާރާގެ އޭރުގެ ވެރިޔާ، އަހުމަދު އަސީރީގެ އަމުރަށް ހާޝުގްޖީ ސައުދީ ގެންދަން މަސައްކަތް ކުރަނިކޮށް، ހިނގި ހާދިސާއެއް ކަމަށް ބުނެފަ އެވެ. އެމައްސަލާގައި އަސީރީ ވަނީ ފަހުން މަގާމުން ދުރުކޮށްފަ އެވެ.

ހާޝުގްޖީގެ މަރުގެ މައްސަލާގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. ނަމަވެސް އެއީ ކޮންބަޔެއްކަން އެގައުމުން ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވޮޝިންޓަން ޕޯސްޓުން ވަނީ ހާޝުގްޖީ މަރާލަން އެންގެވީ ސައުދީ ވަލީއަހުދު ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ސައުދީން ވަނީ އެރިޕޯޓު ދޮގުކޮށްފަ އެވެ.

ހާޝުގްޖީގެ ހަށިގަނޑަށްވީ ގޮތެއް އަދިވެސް ހޯދިފައި ނުވެ އެވެ.

comment ކޮމެންޓް