ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަޅުވަކަރު މިސްކިތުގެ ފުރަތަމަ ގައު ބަހައްޓައިދެއްވަނީ --- ފޮޓޯ : ރައީސް އޮފީސް

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ފުރަތަމަ ގައު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަހައްޓަވައިދެއްވައިފި އެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ފަށްޓަވާފައިވާ އިރު ރައީސްގެ އިތުރުން ވެސް ދައުލަތުގެ އިސް ބޭފުޅުން ވަނީ މިސްކިތުގެ ގާތައް ބެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފަ އެވެ.

ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު، މިސްކިތުގެ ގާ ބެހެއްޓުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިންނެވި އެވެ.

ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅުން ވެސް މިސްކިތުގެ ގާ ބެހެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނެވި އެވެ.

ކަޅުވަކަރު މިސްކިތުގެ މަސައްކަތްތައް ބަލަހައްޓައި ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އާ އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކަޅުވަކަރު މިސްކިތުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގައި ނިމޭނެ އެވެ.

މިސްކިތުގެ މަސައްކަތް ނިންމާ އިރު މިސްކިތް ހިމެނޭ ސަރަހައްދުގައި އެގްޒަބިޝަނަކާއި ޕާކެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ މިސްކިތް އާންމުންނަށް ހުޅުވާލެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކަޅުވަކަރު މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭއިރު އެ މިސްކިތަކީ އެންމެ ގިނަ ސަރަހައްދުތަކަށް "ދަތުރު"ކޮށްފައިވާ މިސްކިތް ވެސް މެ އެވެ.

ކަޅުވަކަރު މިސްކިތް ކޮށްފައިވާ ދަތުރުގެ ކުޑަ ތާރީހެއް

ކަޅުވަކަރު މިސްކިތަކީ ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީހެއް އޮތް މިސްކިތަކަށް ވާއިރު އެ މިސްކިތް ވަނީ އެކި ސަރުކާރުތަކުގައި އެކި ތަންތަނަށް ގެންގޮސްފަ އެވެ.

އެ މިސްކިތް ކުރިން ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ވަނީ ނީލަން ކިޔައި ފުރަނަފުށީގައި ބަހައްޓައިފަ އެވެ.

ފުރަނަފުށީގައި އެ މިސްކިތް ބަހައްޓާފައި ހުއްޓައި، ރައީސް މައުމޫން އަބްދުލްގައްޔޫމު ވެރިކަމަށް އަރައިވަޑައިގެން 1980 ވަނަ އަހަރުގެ ފެބްރުއަރީގައި އެ މިސްކިތް އަލުން މާލެ ގެނެވުނެވެ. އެއަށް ފަހު އެ މިސްކިތް ބަހައްޓާފައި ހުރީ ސަލްޓަން ޕާރކް އިރު ދެކުނު ކަނުގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެއް ކަޅުވަކަރު މިސްކިތް އެތަނުގައި ހުއްޓެވެ. އަދި ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހިމާޔަތްކުރުމުގެ މަސައްކަތަށް އެތަން ބަންދުކުރި އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު ކަޅުވަކަރު މިސްކިތް ހުޅުވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 19 އޭޕްރިލް 2009 ގަ އެވެ.

ދެން އެއަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައި އެ މިސްކިތް ރޫޅާލުމަށް ފަހު ސަލްޓަން ޕާކުން ނެނގި އެވެ. އެއަށް ފަހު އެ މިސްކިތަށް ހަދާނެ ގޮތެއް ނޭނގިގެން އުޅޭ ކަމަށް އެތައް ވާހަކަތައް ދެކެވުނެވެ. ބައެއް ވާހަކަތަކުގައި އެ މިސްކިތް ގދ. ތިނަދޫގައި އެ މިސްކިތް ބެހެއްޓުމުގެ ވާހަކަ ދެކެވުނު އިރު އަނެއްކޮޅުން ހުޅުމާލޭގައި މިސްކިތް ބަހައްޓާ ވާހަކަތައް ދެކެވުނެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވައިފައި ނުވާއިރު މިސްކިތުގެ ބައިތައް ހުރީ ރައްކާކޮށްފަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެ މިސްކިތްް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް އަލުން ފެށިގެން ދިޔަ އެވެ. ހެރިޓޭޖު މިނިސްޓްރީއާ ހަވާލުކޮށްގެން މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ކުރަންފެށީ މިސްކިތުގެ ބައިތައް ހޯދައި ރައްކާތެރިކޮށް އެ ބައިތައް ދެމިހުންނާނެ ގޮތްތައް ހޯދައި އެ މަސައްކަތްތަކާއެކުގަ އެވެ

comment ކޮމެންޓް