އެތްލީޓުންގެ އިލްތިމާސް: ހަމަ ތިބެލާފައި ރޯޑް ރޭހުގައި ނުދުވާތި

ދިރާގު ރޯޑް ރޭހާ ގުޅޭގޮތުން ޕްރޮފެޝަނަލް ދުވުންތެރިން ޝުއޫރުތައް ހިއްސާކުރަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

ދިރާގުން ބާއްވާ ރޯޑް ރޭހުގެ ބައިވެރިން "ހަމަ ތިބެފައި" މުބާރާތަށް އަރައި ދުވަން ނުފެށުމަށް ޕްރޮފެޝަނަލް ދުވުންތެރިން އެދިއްޖެ އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ޕްރޮފެޝަނަލް ދުވުންތެރިން، ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ރޭހަކަށް ދިޔުމުގެ ކުރީން ދުވުންތެރީން ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ގައުމީ ރެކޯޑް މުގުރާފައިވާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު ބުނީ ދުވުމުގެ އެހެން މުބާރާތްތަކެކޭ އެއްފަދައިން ރޯޑް ރޭހުގައި ބައިވެރިވުމުގެ ކުރީން ޓްރެއިނިން ހެދުން މުހިއްމު ކަމަށެވެ. އަދި އެއްވެސް ކަހަލަ ތައްޔާރީއެއް ނުވެ ދުވަން ފެށުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ.

ދިރާގު ރޯޑް ރޭސް ކުރިއަށްދާނީ 10 ކިލޯމީޓަރުގެ ބަޔާއި ފަސް ކިލޯމީޓަރުގެ ބައިންނެވެ. އަދި މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ކެޓަގަރީ ދެ ވަގުތެއްގަ އެވެ. ދިރާގުން ބުނިގޮތުގައި 10 ކިލޯމީޓަރުގެ ދުވުން ކުރިއަށްދާނީ ހެނދުނުގަ އެވެ. އަދި ފަސް ކިލޯމީޓަރުގެ ދުވުން ކުރިއަށްދާނީ ހަވީރެވެ.

ދެގަޑިއަކަށް ދުވުން އޮތުމުން މުބާރާތަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް ދުވުންތެރީން ބުންޏެވެ. އެއީ ދެ ރޭހުގައިވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދުވުންތެރީން ފާހަގަކޮށްފައިވެ އެވެ.

ފާއިތުވެދިޔަ 13 އަހަރުގެ މާޒީގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް އަދި އިޖުތިމާއީ ހަރަކާތްވެސް މެއެވެ. އެގޮތުން، މި ވޭތުވެދިޔާ ހަތް އަހަރު ދިރާގު ރޯޑް ރޭސް ވަނީ ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ކުރިއެރުވުމަށް މަގުފަހި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ނުވަތަ އެން.ޖީ.އޯ ތަކަށް ފައިސާ ހޯދާނެ ގޮތަކަކަށް ބައްޓަން ކޮށްފަ އެވެ.

މިއަހަރުގެ ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހުކުރު ދުވަހުގަ އެވެ.

comment ކޮމެންޓް