އިސްރާއީލުގެ އާއްމު އިންތިޚާބުގައި ނަތަންޔާހޫ ބަލިވަނީ

ނަަތަންޔާހޫ

ޓެލްއަވީވް (ސެޕްޓެމްބަރު 18): އިސްރާއީލުގައި އާއްމު އިންތިޚާބުގެ ވޯޓުލުން ނިމިފައިވާއިރު، އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބޭނެކަން ވޯޓުލީ މީހުންގެތެރެއިން ނެގި އެގްޒިޓް ޕޯލުން ހާމަވެއްޖެ އެވެ.

އެގްޒިޓް ޕޯލުން ހާމަވާގޮތުގައި ދެގޮނޑީގެ ތަފާތަކުން އިންތިޚާބުކާމިޔާބުކުރައްވާނީ އިދިކޮޅު ލީޑަރު ބެނީ ގަންޓްޒްއެވެ. އޭނާގެ ބްލޫ އެންޑް ވައިޓް ޕާޓީއަށް ޕާލަމެންޓްގެ 33 ގޮނޑި ލިބޭނެކަމަށް އެގްޒިޓް ޕޯލުން ދައްކާއިރު ނަތަންޔާހޫގެ ލިކުޑް ޕާޓީ އަށް ލިބޭނެކަމަށް ދައްކަނީ 31 ގޮނޑިއެވެ. 120 ގޮނޑި ހިމެނޭ އިސްރާއީލުގެ ޕާލަމެންޓްގައި ދެން ބާކީހުރި ގޮނޑިތައް ލިބޭނެކަމަށް ދައްކަނީ ކުދި ޕާޓީތަކަށެވެ.

އިސްރާއީލުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ވޯޓުގުނުމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ވަރަށް ކުޑަ ތަފާތަކުން ކުރީގައި އުޅެނީ ނަތަންޔާހޫގެ ލިކުޑް ޕާޓީކަމަށާ ނަމަވެސް ވޯޓުގެ ޓްރެންޑް ހުރިގޮތުން މިކަން ބަދަލުވުންގާތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި ފަލަސްތީނު އާންމުންގެ ދިރިއުޅުމުގެ ހައްގުތަކަށް ފާޅުގައި އަރައިގަތުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ނަތަންޔަހޫ އިންތިޚާބަށް ކުރެއްވި ކޭންޕޭންގެ ދަށުން ފަލަސްތީނަށާ އަދި އަވަށްޓެރި އަރަބި ގައުމުތަކަށްވަނީ އުދުވާނީ އެތަށް ހަމަލާއެއްދީ ކުށެއްނެތް އެތަށް ބަޔަކު ޝަހީދުކޮށް އުދުވާން ހިންގާފައެވެ. މި ޖަރީމާތައް ނަތަންޔާހޫ ހިންގެވީ ހަރުކަށި ޔަހޫދީންނާއި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެންއުޅޭ ޔަހޫދީ ވަޒަންވެރިންގެ ތާއީދު ހޯދުމަށެވެ. ނަތަންޔާހޫ މިކަން ކުރެއްވީ އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކުން އާންމުންގެ ސަމާލުކަން އެއްފަރާތް ކުރުމަށްކަމަށްވަނީ ބެލެވިފައެވެ.

ކޭންޕޭންގެ ދަށުން ނަތަންޔަހޫ ހިންގި އުދުވާނުގައި ސޫރިޔާއާއި އިރާގު ލުބްނާން އަދި ފަލަސްތިނުގެ ބިންތައް ޝާމިލްވެފައިވާއިރު އެ އުދުވާނާ ގުޅިގެން އިސްރާއީލަށް ރައްދު ހަމަލާދިނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުންނެވެ. އިސްރާއީލުގައި ނަގާ އެގްޒިޓް ޕޯލުގެ ނަތީޖާއަކީ ވަރަށް ދިމާވާ ނަތީޖާއެކެވެ. އިދިކޮޅު ލީޑަރު ބެނީ ގަންޓްޒްވަނީ އެގްޒިޓް ޕޯލަށްފަހު ނަތަންޔާހޫ ފެއިލްވެއްޖެ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. މިއާއެކު ނަތަންޔަހޫ ފެނިފައިވަނީ ގޮތްހުސްވެ މާޔޫސްވެފައި ވަނިކޮށެވެ.

ހަރުކަށި ނަތަންޔާހޫ ވަނީ އިސްރާއީލުގައި ހަތަރު ދައުރު ވެރިކަން ކުރައްވާފައެވެ. މިފަހަރު ކުރިމަތިލައްފައިމިވަނީ ފަސްވަނަ ދައުރަށެވެ. ނަތަންޔާހޫވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ ފަލަސްތީނުގެ ހުޅަނގުގެ އައްސޭރީގެ ބޮޑުބައެއް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ހަމާސް ޖަމާއަތާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތައް ހަލާކުކޮށްލާނެ ކަމުގެ ޔަގީންކަން އިސްރާއީލުގެ ހަރުކަށި ޔަހޫދީންނަށް ދެއްވާފައެވެ.

އިސްރާއީލުގެ އެހެން ލީޑަރުންނެކޭ އެއްގޮތަށް ނަތަންޔާހޫ އަކީވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ކުށެއްނެތް އާންމުންގެ ތާހިރު ލެއިން ތައްތެޅިފައިވާ ނުރައްކާތެރި ގާތިލެއް ކަަމަށް ފަލަސްތީނުންއާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު