އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރު ބަޔޮޕިކް އެއް ހަދަން ނިންމައި ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.
އިއްޔެ ފާހަގަކުރި މޯދީގެ 69 ވަނަ އުފަންދުވަހާ ގުޅިގެން މޯދީގެ ހަޔާތުގެ މައްޗަށް އުފައްދާ އާ ފިލްމު އިއުލާންކުރުމަށް ބޭއްވި ހަފްލާގައި ފިލްމުގެ ޕޯސްޓަރު ރިލީޒްކުރީ "ސާހޯ"ގެ ބަތަލު ޕްރަބާސް އެވެ.
ޒުވާނެއްގެ ގޮތުގައި މޯދީގެ ޝަހުސިއްޔަތު ފާހަގަވާން ފެށި ދުވަސްވަރުގެ ވާހަކަ ކިޔަދޭ އެ ފިލްމުގެ ނަމަކީ "މަން ބައިރާގީ" އެވެ. އެ ފިލްމު ޕޮރޮޑިއުސް ކުރަނީ ސަންޖޭ ލީލާ ބަންސާލީއެވެ.
ބަންސާލީ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމަކީ ގިނަ ދިރާސާތަކެއްކޮށް އުފައްދާ ފިލްމެއް ކަމަށާއި މި ފިލްމުވެގެންދާނީ މޯދީ އާ ގުޅޭ ގިނަ ވާހަކަތަކެއް ދެކެވިގެންދާ ފިލްމަކަށް ކަމަށެވެ.
ސަންޖޭ ތުރިޕަތީ ޑައިރެކްޓްކުރާ އެ ފިލްމަކީ ތެލެގޫ، ތަމަޅަ އަދި އިނގިރޭސި ބަހުން ގެނެސްދޭނެ ފިލްމެކެވެ.
"ކާމިޔާބު މީހެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެއް މިއީ. ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެ،"
މިދިޔަ މެއި މަހު ވަނީ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދި ފިލްމު 'ޕީއެމް ނަރެންދުރަ މޯދީ' ރިލީޒްކޮށްފަ އެވެ.