ރިލްވާންގެ މައްސަލައިގައި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފި

މާޗް 18، 2018: ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން އައްޔަން ކުރި ހަސަން އަލީ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ބުނީ، ހަސަން އަލީ ސަސްޕެންޑް ކުރަން ޖެހުނީ، އޭނާ ކޮންޓްރޯލާ އަކަށް ހުންނެވި ދުވަސްވަރު، ރިލްވާން ރާއްޖެއިން ބޭރަށް ދިޔަކަށް ދެއްކުމަށް ފުލުހުންގެ ދެ އިންޓެލިޖެންސް އޮފިސަރަކާ ގުޅިގެން ފޭކް ލިޔުމެއް ތައްޔާރު ކުރަން އުޅުމުގެ ތުހުމަތުގައި އެ ފަނޑިޔާރުގެ މައްސަލައެއް ރިޔާސީ ކޮމިޝަނުން ބަލާކަށް އަންގާފައިވާތީ ކަމަށެވެ.

މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ނޮވެމްބަރު 23، 2013 އިން ފެށިގެން ޖެނުއަރީ 20، 2015 ވަނަ ދުވަހާ ހަމައަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވިއިރު، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާކަން ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓެއް ހަދައިދިނުމަށް އިންޓެލިޖެންސް ދެ ފުލުހަކު އޭނަގާތު އެދުނު ކަމަށެވެ.

އަދި އެގޮތަށް އެދުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ޖަވާބުގައި ރަސްމީލިޔުމެއް ނުގެނެވޭނެކަމަށް އެދެމީހުން ބުނިކަމަށް އެ ރިޕޯޓުގައިވެއެވެ.

ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓު އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

އެކަން މަރު ކޮމިޝަނަށް އެނގިފައި ވަނީ ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ހަސަން އަލީއާ ގުޅޭގޮތުން މިހާރު ވެސް ޖޭއެސްސީން އަންނަނީ އިތުރު މައްސަލައެއް ބަލަމުންނެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކެމްޕެއިން ކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

comment ކޮމެންޓް