ޒުވާން ސްކޮޑަކާ އެކު ޗެލްސީ ވިދަނީ، ލަމްޕާޑަށް ތައުރީފު ހައްގު!

ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމް އާއި އެ ޓީމުގެ ކޯޗް ފްރޭންކް ލަމްޕާޑް --- ފޮޓޯ// ޓޮމް ވެބާ

ގަވާއިދާ ހިލާފަށް އުމުރުން 18 އަހަރު ނުވާ ކުޅުންތެރިން ގަނެ ވިއްކި މައްސަލައިގައި ދެ ސީޒަނުގެ ނިޔަލަށް އެއްވެސް ކުޅުންތެރިޔަކު ނުގަނެވޭނެ ގޮތަށް ޗެލްސީ ސަސްޕެންޑް ކުރުމުން އެ ޓީމަށް ދިމާވެފައި އޮތީ އުނދަގޫ ހާލަތެކެވެ. ޓީމުގައި ތިބި ބައެއް ތަޖުރިބާކާރު ކުޅުންތެރިން ޓީމު ދޫކޮށްލުން ވީ އަދި މާ ބޮޑު ދެރަޔަކަށެވެ. ނަމަވެސް މިވަގުތު ތިބ ޒުވާން ސްކޮޑާ އެކު ޗެލްސީން އަންނަނީ އުންމީދީ ކުޅުމެއް ދައްކަމުންނެވެ.

އެގޮތުން ރޭ ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ވަރުގަދަ ވޮލްވާހަމްޓޮން ގާތުން 2-5 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެފަ އެވެ. މި މެޗުގެ ތަރިއަކަށް ވެގެން ދިޔައީ އެ ޓީމަށް މި ސީޒަނުގައި ކުޅެން ފެށި އުމުރުން 21 އަހަރުގެ ޓެމީ އަބްރަހަމް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ޗެލްސީއަށް ތިން ގޯލު ޖަހައިދީ ހެޓްރިކެއް ހަދައިފަ އެވެ. އެއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ޗެލްސީގެ ކުރިއަށް ކުޅެމުން އަންނަ ދެ ކުޅުންތެރިން ---

މިފަހަރުގެ ސީޒަނުގައި ޗެލްސީން މިހާތަނަށް 10 ގޯލު ޖެހި އިރު އެ ހުރިހާ ގޯލެއް ވެސް ޖަހައިފައި ވަނީ 21 އަހަރު ނުވަތަ އެއަށްވުރެން އުމުރު ދަށް ކުޅުންތެރިންނެވެ. ވޭތުވެ ދިޔަ ފަސް ވަރަކަށް ސީޒަނުގައި ޓީމުގައި ހުރި އެންމެ މަގްބޫލް ކުޅުންތެރިޔާކަމަށްވާ އެޑެން ހަޒާޑް ޗެލްސީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅުމުން ޗެލްސީއަށް ގޯލު ޖެހުމުގައި ދަތިތަކެއް ކުރިމަތިވި އެވެ. ނަމަވެސް ޓީމުގައި ތިބި ޒުވާން ކުޅުންތެރިން މިހާރު ވަނީ ހަޒާޑްގެ ވާހަކަ މާޒީކޮށް މުޅިން އައު ސޮފްހާއެއް ފަށައިފަ އެވެ.

ތަޖުރިބާ ނެތް ޒުވާން ސްކޮޑަކާ އެކު ލީގަށް ޗެލްސީން ކުރިމަތިލާން ޖެހުމުން ގިނަ ބަޔަކު ތިބީ ކަންބޮޑުވެފަ އެވެ. ނަމަވެސް ޓީމާ ދޭތެރޭ ބޮޑު އުންމީދެއްގައި ހުރި ކޯޗު ފްރޭންކް ލަމްޕާޑް ބުނަމުން އައި ވާހަކަ އަކީ ޗެލްސީގައި ތިބި ކުޅުންތެރިންގެ ހިތްވަރުން ޓީމު ނަގައި ކޮޅަށް ޖަހާނެ ކަމަށެވެ.

އެކަން މިއަދު އޭނާ އެ އަންނަނީ ކުރަމުންނެވެ. ރޭގެ މެޗުގައި ވެސް ޓީމުން ދެއްކި އާދަޔާ ޙިލާފު މޮޅު ކުޅުމުން ސާބިތި ކޮށްދިނީ ޓީމުގެ އަޒުމް ވަރުގަދަ ކަމާ ކުރިއަށް ދެވިދާނެ ކަން ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ޗެލްސީގެ ޒުވާން ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާ އެކު އެ ޓީމު ކުރިއަށް އޮތްތާ ބޮޑެތި ޓީމުތައް ގާތުން ވެސް ރަނގަޅު ނަތީޖާ ނެރޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރޭގެ މޮޅަކީ އެކަމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާ އެ ކުޅުންތެރިން ގައުމީ ޓީމުން ވެސް ޖާގަ ހޯދާނެ ކަމަށް ލަމްޕާޑް ބުންޏެވެ.

comment ކޮމެންޓް