މަގާމުން ދުރުުކުރި ބޯލްޓަންވަނީ ޓްރަމްޕް ބޭޒާރުކުރަންވެސް ރާވާފަ: ބްލޫމްބާގް

ވޮޝިންޓަން (ސެޕްޓެމްބަރު 12): އެމެރިކާގެ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބޭފުޅެއްކަމަށްވާ ގައުމީ ސަލާމަތާ ބެހޭ ކުރީގެ މުސްތަޝާރު ޖޯން ބޯލްޓަން ކުއްލި ގޮތަކަށް މަގާމުން ދުރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ އީރާނުގެ މައްސަލައާ ގުޅިގެންނާ އަދި ޓްރަމްޕް ބޭޒާރުކުރަން ބޯލްޓަން އުޅުއްވުމުން ކަމަށް އެމެރިކާގެ ނޫސްއެޖެންސީއެއްކަމަށްވާ ބްލޫމްބާގް އިން ބުނެފިއެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ ބައެއް ފަރާތްތަކާ ހަވާލާދީ ބްލޫމްބާގް ބުނެފައިވަނީ ބޯލްޓަން ގެންގުޅުއްވާ ހައްދުފަހަނަޅާފައިވާ ވިސްނުމުގެ ސަބަބުން އޭނާއާއި ޓްރަމްޕާ ދެމެދު އެތަށްފަހަރަކު ދެބަސްވެ މައްސަލަޖެހިފައިވާ ކަމަށާއި ނަމަވެސް ބޯލްޓަން ވަކިކުރާ ހިސާބަށް ކަންތައްދިޔައީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއްދޭން ޓްރަމްޕް ކުރައްވާ މަސައްކަތަށް ބޯލްޓަން ދެކޮޅު ހައްދަވައި ފަރުދާގެ އަނެއްފަރާތުން ޓްރަމްޕް ބޭޒާރުކުރަން ބޯލްޓަން އުޅުއްވުމުން ކަމުގައެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ މަންދޫބުންނާ ކޭމްޕްޑޭވިޑްގައި ބައްދަލުކުރައްވަން ޓްރަމްޕް ރޭއްވެވި ރޭވުން ބޭޒާރުކޮށްލުމުގެ ފަހަތުގައި ހުންނެވީވެސް ބޯލްޓަންކަން ޓްރަމްޕަށް އެނގިވަޑައިގަތުމަކީ ބޯލްޓަން މަގާމުން ދުރުކުރަން ޓްރަމްޕް ނިންމެވި ސަބަބެއްކަމަށް ބްލޫމްބާގް އިން ބުނެފައިވެއެވެ.

އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއްދޭން ޓްރަމްޕް ބޭނުންފުޅުވަނީ އަންނަ ހަފްތާގައި ފެށޭ އދ. ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާތަކުގެ ހަވާސާގައި އީރާނުގެ ރައީސް ހަސަން ރޫހާނީ އާ ބައްދަލުކުރެއްވުމުގެ ފުރްސަތު ހޯއްދެވުމުގެ ގޮތުންކަމަށްވެއެވެ. ޓްރަމްޕާއި ރޫހާނީގެ ސަމިޓް ބައްދަލުވުމެއް ބޭއްވޭތޯ ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ފަރުދާގެ އަނެއްފަރާތުގައި ސިއްރިޔާތުގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ބޯލްޓަން މަގާމުން ދުރުކުރުމަކީ އެމެރިކާއާއި އީރާނާދެމެދު ވާހަކަތައް އޮޓަމެޓިކުން ފެށޭނެ ސަބަބެއް ނޫންކަމަށް ވިދާޅުވެފައެވެ. އެމެރިކާއާއެކު އީރާނުން ވާހަކަތައް ދައްކާނީ އަދި ޓްރަމްޕާ އޭނާ ބައްދަލުކުރައްވާނީ ކުރިންވެސް އީރާނުން ޝަރުތުކޮށްފައިވާ ފަދައިން އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ރޫހާނީވަނީ ވިދާޅުވެފައެވެ. އީރާނާދެކޮޅަށް ހަނގުރާމައިގެ ބިރު ދެއްކުމުގައި އިސްކޮށް ހަރަކާތްތެރިވި މޭސްތިރިއަކީ ބޯލްޓަން ކަމަށާ ބޯލްޓަން މަގާމުން ދުރުކުރުމަކީ ހަނގުރާމައެއްގެ ބިރުދައްކައިގެން އެމެރިކާ އީރާނަށް ކުރިމަތިކުރި އާދަޔާ ޚިލާފު ޕްރެޝަރުތައް ފެއިލްވެގެން ދިޔުން ކަމަށް ރޫހާނީ ވަނީ ސިފަކުރައްވާފައެވެ.

އީރާނަކީ އެމެރިކާއަށް ކުޑަވެސް ދުލެއް ނުދިނުމުގެ ހަރުކަށި ސިޔާސަތެއް އެމެރިކާއާމެދު ގެންގުޅޭ އަދި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމެރިކާގެ ރައީސުން "މަޅީގައި ޖެއްސުމުގެ" ސިޔާސީ ކުޅި ކުޅުމުގެ ތަޖްރިބާ ލިބިފައިވާ ގައުމެކެވެ. މީގެއިތުރުން އީރާނަކީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކާ ސުލްޙައިގެ ވާހަކަތައް ދައްކައިގެން މަގްސަދުތައް ހާސިލް ކުރުމުގެ ހުނަރުވެރި ޑިޕްލޮމަސީގެ ވަރުގަދަ ތަޖްރިބާތަކެއްވެސް ހާސިލްކޮށްފައިވާ ގައުމެއްގެ ގޮތުގައި ސިފަކުރެވޭ ގައުމެކެވެ. 2015 ވަނަ އަހަރު ބޮޑެތި ބާރުތަކާ ވާހަކަދައްކައިގެން ނިއުކްލިޔާ ޑީލަކަށް ދިޔުމުގައި އީރާން ހޯދި ކާމިޔާބީއަކީ ޑިޕްލޮމެޓުން ވަރަށް ފާހަގަކުރާ ކަމެކެވެ.

އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އީރާނުން ސިފަކޮށްފައިވަނީ އިގްތިސާދީ ޓެރަރިޒަމްގެ ގޮތުގައެވެ. މީގެއިތުރުން އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތްކޮށް އަރަބި އިސްލާމީ ގައުމުތައް ހަލާކުކުރުމަށްޓަކައި ފަރުދާގެ އަނެއްފަރާތުން އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތުވެސް އީރާނުން އެމެރިކާގެ މައްޗަށް އަބަދުވެސް ކުރެއެވެ. ނަމަވެސް އައިއެސްއަށް ސިއްރިޔާތުގައި އެހީތެރިވާކަމަށް ކުރާ ތުހުމަތުތަކަށް އެމެރިކާ އިންކާރުކުރެއެވެ.

ބޯލްޓަން މަގާމުން ދުރުކުރުމުން އިސްރާއީލު ކަންބޮޑުވެފައިވާއިރު އެކަމުގެ ސަބަބުން ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ ހަރުކަށި ފަރާތްތަކަށް ސިހުންލިބި އެފަރާތްތަކުގެ ބާރުވެސް ކުޑަވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޓްރަމްޕަކީ އީރާން ފަދަ އެމެރިކާ އާ އިދިކޮޅު ސިޔާސަތު ގެންގުޅޭ ގައުމުތަކަށް ފިއްތުންތައް ކުރިމަތިކޮށް އިންޒާރުތައް ދެއްވާ ބޭފުޅެއް ނަމަވެސް ޓްރަމްޕަކީ ހަނގުރާމައިގެ ބޭފުޅެއް ނޫންކަމަށާ ޓްރަމްޕް ބޭނުންވަނީ އެމެރިކާގެ ދުޝްމަނުންނާ ހަނގުރާމަ ކުރުމުގެ ބަދަލުގައި އެފަރާތްތަކާއެކު އެމެރިކާއަށް ފައިދާވާނެ ޑީލްތައް ހެދުން ކަމަށް މުހައްލިލުން ދެކެއެވެ. (އަލްޖަޒީރާ+ ބްލޫމްބާގް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު