މާލީ ބަޔާން އާންމު ކުރުމުގެ ނިޒާމު ފުރިހަމައަށް ހިންގުމަށާއި، ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ކުރުމަށް، މާލީ ބަޔާން ހުށަހެޅުމަށް ހާއްސަ ގާނޫނެއް އޮތުން މުހިންމު ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އިން ބުނެފި އެވެ.
އޭސީސީ އިން ބުނީ ރާއްޖޭގެ އެސެޓް ޑެކްލެރޭޝަން ނިޒާމާ ގުޅޭގޮތުން 2017 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާ އިން މާލީ ބަޔާން ހުށަހެޅުމަށް ހާއްސަ ގާނޫނެއް އައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިއަދު އިސްލާމިކް ޔުނިވާސިޓީގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އޭސީސީ އިން ބޭއްވި ބައްދަލުވުމެއްގައި އެ ދިރާސާގެ ހުލާސާ ރިޕޯޓު ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.
ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޝަނުގެ އެސިސްޓަންޓް ރީސާޗް އޮފިސަރު ފާތިމަތު ނިޝާ ފަހުމީ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މާލީ ބަޔާން ހުށަހަޅަން ޖެހެނީ އެގައުމެއްގެ އެންޓި ކޮރަޕްޝަން އެޖެންސީއަށް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިހާރު މާލީ ބަޔާން ހުށަހެޅުމުގެ ނިޒާމު އޮތް ގޮތުން، މަޖިލީހުގެ މެމްބަރުންނާއި، ކައުންސިލަރުން މާލީ ބަޔާން ހުށަހަޅަނީ އެކަށީގެންވާ ގޮތުގައި އެފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ފަރާތްތަކަށް ނޫންކަމަށެވެ.
"މަޖިލީހުގެ މެމްބަރުން އަމީންއާމަށް ހުށަހަޅުއްވާ އިރު، ކައުންސިލްތަކުގެ މެމްބަރުން ހުށަހަޅުއްވަން މިޖެހެނީ ކައުންސިލް އިދާރާއަށް. އެފަރާތްތަކުގެ މާލީ ބަޔާން މިނިވަން އެހެން ފަރާތަކަށް ހުށަހަޅަން ޖެހޭގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މުޅި ނިޒާމުގެ ނަޒާހަތްތެރިކަމާ ޖަވާބުދާރީކުރުވުމުގެ އުސޫލު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް،" ދިރާސާގެ ހޯދުންތަކާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
"މީގެ އިތުރުން ސައްހަކަން ވެރިފައި ކުރެވޭނެ ނިޒާމަކާއި، ކުށް ކަނޑައަޅައި އެއަށް އަދަބު ކަނޑައަޅަން ޖެހޭކަން ފާހަގަކޮށްލަން،" ނިޝާ ވިދާޅުވި އެވެ.
ނިޝާ އަދި ވިދާޅުވީ މާލީ ބަޔާންތަކުގެ ސައްހަކަން ދެނެގަތުމަށް އެ ބަޔާންތައް ވެރިފައި ކުރަން ޖެހޭނެ ކަމަށް މިހާރު އޮތް ގާނޫނުގައި ކަނޑައެޅި ބަޔާންވެފައި ނެތް ކަމަށެވެ. އަދި މިހާރު އޮތް ނިޒާމާ ހިލާފުވާ ފަރާތްތަކަށް ދެވޭނެ އިދާރީ ނުވަތަ ޖިނާއީ އަދަބެއް ވެސް ގުޅުންހުރި ގާނޫނުތަކުގައި ސަރީހަކޮށް ބަޔާންކޮށްފައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭސީސީގެ ދިރާސާގެ ހޯދުންތަކަށް ބިނާކޮށް، ކޮމިޝަނުން ހުށަހަޅާ ލަފާ އަދި އިރުޝާދުގެ ތެރޭގައި މާލީ ބަޔާން އާންމު ކުރުމަށް ވަކި ހާއްސަ، ގާނޫނީ އޮނިގަނޑެއް ހެދުމާއި، އެސެޓް ޑެކްލެރޭޝަން އަދި މާލީ ބަޔާނުގެ ކަންކަން ބަލަހައްޓާ މެނޭޖު ކުރުމުގެ ޒިންމާ އޮންނަ ވަކި މަރުކަޒީ މުއައްސަސާއެއް ނުވަތަ އޯވާސައިޓް ބޮޑީއެއް އެކުލަވާލަން ވެސް ވަނީ ހިމަނާފަ އެވެ.
ހަމައެއާއެކު އައިސީޓީގެ ވަސީލަތްތައް ބޭނުން ކުރުމާއި، ވީހާވެސް ބޮޑަށް ކަރުދާހާ ދުރުވުމަށް މާލީ ބަޔާނަކީ ވެބް ޕޯޓަލް އެއް ނުވަތަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ހުށަހަޅާ އެއްޗަކަށް ހެދުން މުހިންމު ކަމަށް ވެސް ދިރާސާ އިން ވަނީ ދައްކާފަ އެވެ.
"މާލީ ބަޔާން ހުށަހެޅުމުގެ ނިޒާމު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ލަފަޔާ މަޝްވަރާ އާއެކު މާލީ ބަޔާން ހުށަހެޅުމަށް ހާއްސަ ގާނޫނެއް އައުމަކީ ވަރަށް މުހިންމު ކަމެއް ކަން ފާހަގަކޮށްލަން،" ރިޕޯޓް ހުށަހަޅުއްވާ ނިންމާލަމުން ނިޝާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އޭސީސީ އިން ވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތައް ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.