މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލަ ބަލަނީ

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ބަލަން ނިންމައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭ 12:30 އެހާކަން ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެ އަންހެން މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަަމަށާއި އަދި މަރުވި ކުއްޖާ ނަގައިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް ވަނީ އަޑުފެތުރިފައެވެ. ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެފަދަ ކޮންމެ މައްސަލައެއްވެސް މިނިސްޓްރީން ވަރަށް ސީރިއަސްކޮށް ބަލާ ކަމަށާއި އަދި އެ މައްސަލަވެސް މިނިސްޓްރީން ބަލާނެ ކަމަށެވެ.

ޑޮކްޓަރުންގެ އިހުމާލާ ހުރެ އެފަދަ ކިތަންމަ ހާދިސާތައް ހިނގާފައިވާ ކަމަށް ބުނެ މީގެ ކުރިން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ ގެންނަ ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ވަނީ މަސައްކަތްތަކެއް ފަށަައިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ޑޮކްޓަރުން އެތެރެވާއިރު ޑޮކްޓަރުންގެ ފެންވަރުދެނެގަނެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް