ފަތުރުވެރިކަމާއި މަސްވެރިކަމަށް އެހީ ހޯދަން އޭޑީބީގައި ރައީސް އެދިވަޑައިގެންފި

އޭޑީބީގެ ރައީސް އަދި ރައީސް ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމާއި މަސްވެރިކަން ތަރއްގީކުރުމާ ބެހޭ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، (އޭޑީބީ)ގެ ރައީސް މިސްޓަރު ޓަކަހިކޯ ނަކައޯ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތައް ތަރައްޤީކުރުމުގައި ސްމޯލްގްރާންޓް އަދި ލޯނުގެ އެހީތެރިކަން ހޯދުމާބެހޭގޮތުން ވަނީ މަޝްވަރާތައް ބާއްވަވައިފަ އެވެ.

އޭޑީގެ ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ނަފާ ވީހާވެސް ގިނަ ރައްޔިތުންނަށް ބެހިގެންދާނެ ގޮތެއްގެ މަތީން ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ ގެސްޓްހައުން ވިޔަފާރި މިހާރަށް ވުރެ ފުޅާކުރުމުގެ މުހިންމު ކަންވެސް އޭޑީބީގެ ރައީސް ފާހަގަކުރެއްވި އެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި، ކުރިޔަށް ހުރި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޒިންމާދާރުކަމާ އެކު ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަންކަން ކުރިޔަށްގެންދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

އޭޑީބީގެ ރައީސްގެ ދަތުރުގައި މިއަދު ވަނީ އެ ބޭންކުން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމިކަން ވެސް އިއުލާންކުރައްވައިފަ އެވެ. އެގޮތުން އިއާދަކުނިވި ހަކަތައިގެ މަޝްރޫއުތަކަށް ކުރިއަށް އޮތް ދެ އަހަރަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އަދި ކުނި މެނޭޖްކުރުމަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް