ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ބޭބެ، ރީކޯ އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.
އުމުރުން 69 އަހަރުގައި ހ. ރީކޯގެ، އިބްރާހިމް މަނިކު އަވަހާރަވީ މިއަދުއެވެ. އަވަހާރަވި އިރު އުމުރަކީ 69 އަހަރެވެ.
އިބްރާހިމް މަނިކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ފަރާތެކެވެ.
އަދި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ފެށި ފަހުން، އޭނާވެސް އަމިއްލަ ޕާޓީއެއް ހެއްދެވިއެވެ. އެއީ މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ)އެވެ. 2008 ވަނަ އަހަރު އުފެއްދި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި، ޕާޓީގެ ވަގުތީ ލީޑަރަކަށްވެސް އިންތިހާބުވީ އޭނާއެވެ.
އެހެން ނަމަވެސް 3،000 މެމްބަރުން ހަމަނުވުމުގެ ސަބަބުން އެ ޕާޓީ ފަހުން ވަނީ އުވާލައިފައެވެ.
ރީކޯ އިބްރާހިމް މަނިކުގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.