ކޮންފެޑަރޭޝަން އޮފް އިންޑިއަން އިސްޑަސްޓްރީ (ސީއައިއައި) ގެ މެންބަރުންނާއެކު ރާއްޖޭގެ ވިޔަފާރިތައް ބައިވެރިކޮށްގެން ވަށްމޭޒު މަޝްވަރާތަކެއް ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަޝްވަރާތަކަކީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތުދީ، ދެގައުމުގެ ވިޔަފާރިވެރިންގެ ގުޅުން ބަދަހިކޮށް، ދެގައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ބަދަލުކުރުމަށް ބާއްވާ މަޝްވަރާ ތަކެކެވެ.
މަޝްވަރާތައް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ފެށުމެއްގެ ގޮތުން، ފޮރިން އިންވެސްޓަރުންނަށް ފަހިވާނެހެން ފޮރިން އިންވެސްޓުމެންޓުގެ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާ އަކީ އެމެރިކާ އަށް ފަހު ގްރީން ބިލްޑިންގްސް އެންމެ ގިނަ ގައުމު ކަމަށާއި އިންޑިއާގައި އެ މަސައްކަތް ކުރާގޮތް ނަމޫނާ އަކަށް ބަލައިގެން ރާއްޖޭގައި އެކަން ކުރުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެއްގައުމުން އަނެއްގައުމަށް ވިޔަފާރީގެ ދާއިރާގައި އެއްބާރުން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވާ ސަންޖޭ ވިދާޅުވީ ދެގައުމުގެ ވިޔަފާރިތައް ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އެމްބަސީ އޮންނާނެ ކަމަށެވެ.
ސީއައިއައިގެ ޑިރެކްޓާ ޖެނެރަލް ޗަންދްރަޖީތް ބެނަޖީ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންޑިއާގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެގްޒިބިޝަނެއް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު އިންޑިއާގެ ވިޔަފާރިތަކަށް ފޯރުކޮށްދޭނެ ކޮންފަރެންސެއް ބޭއްވުމުގެ މުހިއްމުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނައިރު ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމަކީވެސް މުހިއްމު ކަމެއް. މި ބައްދަލުވުމާއެކުވެސް އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެވި އެ މަޝްވަރާތައް ހާސިލް ކުރުމަށް މަސައްކަތް ކުރެވޭނެ،" ބެނަޖީ ވިދާޅުވިއެވެ.