ތިން ފަނޑިޔާރުންނަށް ނަސޭހަތްދެނީ އިކްރާމްގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ގެންދިޔުމުން

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން (ކ-ވ) އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ގެންދިޔުމުންކަން "ސަން" އަށް އެނގިއްޖެއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ގޮސްފައިވާ މައްސަލައެއްގެ ފައިލް ފޮނުވުމަށް އަންގައި، އަދި އެ ފައިލް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ގެނައުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލި އަދި އަދުލު އިންސާފުގެ ހަމަޔާއި އުސޫލު ގެއްލޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެ ތިން ފަނޑިޔާރުންގެ އެ އަމަލަކީ ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރަންވާނީ ތައައްސުބުން އެއްކިބާވެތިބެ ހަމަހަމަ ކަމާއި މުސްތަގިއްލުކަމާއެކު، ވަކި ފަރާތަކަށް ނުވަތަ ވަކި ފަރާތެއްގެ މަސްލަހަތަށް އިސްކަންދިނުމަކާ ނުލައި ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވާ ބުނުމާއި، އަދި ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރުމުގައި އެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން ކުރާ އަމަލަކުން ނުވަތަ ބުނާ ބަހަކުން ނުވަތަ އެ ނޫން ގޮތަކަށް ވެސް، ނަހަމަގޮތުގައި އެއްވެސް ފަރާތެއްގެ މަސްލަހަތަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ އެކަމެއް ވަގުތުން ހުއްޓުވާނެ ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވާ ބުނުމާ ޚިލާފު އަމަލެއް ކަމަށް ވާތީ ކަމަށް އެ ބަޔާނުގައިވެއެވެ.

ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން ފިޔަވަޅު އެޅުމާ ބެހޭ އުސޫލުތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއެއްގެ ދަށުން ދަށު ކޯޓުތަކަށް ހުށަހެޅި ބަލަމުންދާ މައްސަލަތައް ހުއްޓުވައި، އެ މައްސަލަ އާއި އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔުމަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ހުރަސްއެޅި، ޝަރުއީ ތިން މަރުހަލާ އިން ހައްގުތައް ކަށަވަރުކުރުމަށް އޮތް ފުރުސަތު ގެއްލިގެންދާ ކަމެއް ކަމަށް މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

Redmore

comment ކޮމެންޓް