ފަޔަރ އެންޑް އައިސް (21)

ފަޔަރ އެންޑް އައިސް

އާރިޒް ހުރީ ހިތް ހަލާކުވެފައެވެ. ލޮލުގައި ކަރުނަ ގިނަވާންފެށިއެވެ. އޭނައަކަށް އާޔާއަށް ދޭނެ ރައްދެއް ނުވިސްނުނެވެ. އެންމެ ރަގަޅުގޮތަކީ މިތަނުން ދިޔުމެވެ. އާރިޒްއަށް އެއް ފިޔަވަޅު އެޅުނުއިރު އާޔާ އޭނަގެ ފަހަތުން އައިސް ބުރަކަށީގައި ދެއަތުން ތަޅައިގަތެވެ.

"ކަލޭ ....ކަލޭ އާރްޔާ.... މަރައިލީ.....އެހާ އަނިޔާވެރިކޮށް އަހަރެން ބަލަން ހުއްޓާ.................."

އާރްޔާގެ ފަހު ޖުމްލަތައް އެތަނަށް ދުވެފައި އައިސް އޭނަގެ ގައިގާ ހިފަހައްޓާ އާރިޒްއާއި ވަކިކުރަން އުޅުނު ބައްޕަ ފުރުގާންއާއި އެހެން އެންމެންގެ ކަންފަތަށް އިވުނެވެ. ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮށް ބަލަން ތިބީ އާރްޔާގެ އެ އިލްޒާމުން ސިހި ބިރުވެތިވެފައެވެ. ޚާއްސަކޮށް ފުރުގާންގެ ކަންފަތަށް އެ އަޑު އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ނިތްކުރިން ފިނި ދަލެއް ހިއްލާލައިފިއެވެ.

"ދަރިފުޅާ އާޔާ. އާ ޔޫ އޯކޭ....."

"ލައްބަ ބައްޕާ. އަޅުގަނޑު ހަމަ މުޅިން ރަގަޅޭ" އާޔާ ބުނެލިއެވެ.

"ދެން ކީއްވެ؟ ދަރިފުޅަކީ ތިހެން އުޅޭ ކުއްޖެއް ނޫނެއްނު. ރުޅިގަދަ ކުއްޖެއް ނޫނެއްނު. ވަރަށް ބޮޑު އިލްޒާމެއްނު މީހެއްގެ ބޮލުގައި ތި އަޅުވަނީ..." ފުރުގާންގެ ސަމާލުކަން ހުރީ ހަމައެކަނި އާޔާއަށެވެ.

"މީގެ ހަ އަހަރުކުރިން އާރްޔާގެ އުފަންދުވަހުގެ ފަހު ދުވަހު މީނަ އާރްޔާ މަރައިލިތަން އަޅުގަނޑު ލޮލުން ދެކުނީމޭ ބައްޕާ. އާރްޔާ އެންޑް މީ.....ވީ ހޭޑް އެ ފައިޓް.....އާރްޔާއާއި ޒުވާބުކުރަން ޖެހުނީ އާރިޒްއާއި މާ ކްލޯޒްވެގެން އުޅޭތީ. އެހެން ބުނީމަ އާރްޔާ ކޮއްކޮ ދިޔައީ ރުޅިއައިސްގެން ވަލުތެރެއަށް. އޭރުވެސް އެނގުނު އާރިޒްގެ އިންޓެންޝަން...އޭނަގެ ހިތުގައި އޮތީ އާރްޔާ މަރައިލުން.އަޅުގަނޑުވެސް ފަހަތުން ދިޔައީ. އާރިޒް ކޯރުކައިރީ މަޑުކޮށްލައިގެން ހުއްޓާ އާރްޔާ ފަހަތުން ގޮސް ހިފައިގަތީ. އޭރު ކިރިޔާ އެމީހުން ފެންނަކަން. އެހާ ދުރުގައި ހުރެވުނީ. އާރިޒް ނައްޓާފައިކަން ނޭގޭހުރީ. އެނބުރިފައި އާޔާ ކޮށްޕައިލިގޮތަށް ވިއްސައިގެންގޮސް ޖެހުނީ ގާތަކުގެ މަތީގައި..އަޅުގަނޑު ދުއްވައިގަތްތަނާ ދެން ފެނުނީ އާރްޔާގެ ލޯތެރެއަށް އިނގިލި ބާނާފައި ލޯ ދަމައިގަތްތަން......" އާރްޔާއަށް އެހިސާބަށް ދެވުނުއިރު ރޮވެން ފެށިގޮތަށް ގިސްލެވެން ފެށުނެވެ.


ފުރުގާން އާޔާ ގެނެސް މޭގައި ޖެއްސިއެވެ. އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"ކޮއްކޮ ހަމަ ނޮޅައިލީ......ބަނޑު ތެރެއިން ގޮހޮރުވެސް ދަމައިގަތް. އެންމެފަހުން ހިތް...................ދެންވީގޮތެއް ނޭގުނު.. އެހުރިހާ އިރުވާންދެން ޝޮކެއްގައި ހުރެފައި މޫނަށް އަނދިރިވާން ފެށީ. ދުވަހަކު މި ނުލަފާ ފުރޭތައަށް މާފުނުދޭނަން. އެއީ އިންސާނެއްނޫން. އެނިމަލްއެއް. ނޫނީ ފުރޭތައެއް."

ފުރުގާންއަށްވެސް އެ ޖުމްލަތަކުން ބުނަން ނޭގޭފަދަ އަސަރެއްކުރިއެވެ. ކުރިއަށް ޖެހިލާފައި އާރިޒްގެ ގަމީހުގެ ގިރުވާނުގައި ހިފާފައި ދަމައިގެން އޭނައާއި ހަތަރުކަޅި ހަމަކުރުވިއެވެ.

"އާޔާ އެބުނަނީ ތެދެއްތަ؟ "

އޭރު އާރިކް ކުޑައިރުއްސުރެން ބަލާބޮޑުކުރި މައިންބަފައިންވެސް ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެމީހުންނަށް އާރިޒް ފެނުމުން އާރިކްއާއި ވައްތަރުވެ "ޓްވިން" އެއްކަމަށް އާރިކް ބުނި ދުވަހުން ފެށިގެން އެ މަޑުމައިތިރި ޒުވާނާދެކެ އަމިއްލަ ދަރިއެއްފަދައިން ލޯބިވެވުނެވެ. އާރިކްއާއި އާރިޒްގެ ހަގީގީ މައިންބަފައިންނަކީ ކޮބާކަން ނޭގުނަސް އެޒުވާނުންގެ ހުންނަ މަތިވެރި އަޚުލާގާއި ވިސްނުންތެރިކަން އެމީހުންގެ ހިތް އަތުލައިގަތެވެ. ނަމަވެސް މިއިވެމުންދާ ވާހަކަތަކުން އެމީހުން ދަރިއަކަށް ހަދާ ހިމާޔަތްދިނީ ގާތިލަކަށްކަމުގައި ޔަގީންކުރެވުމުން ހިތަށް ނުބައި އަސަރެއްކޮށްފިއެވެ. މައިކަލްގެ އަންހެނުން އޭނަގެ އަތުގައި ހިފާ ބާރުކޮށްލިއިރު އެލޮލުގައި ކަރުނައެވެ. އާރިޒް އެހާ ނުލަފާވެއްޖެއްޔާ އެމީހުންނަށް އާރިކްއަށް އިތުބާރުކުރެވިދާނެ ހެއްޔެވެ؟ އާރިކްގެ ހުންނަ ބޮޑާކަމާއި ލިބިފައިވާ ބާރުތަކާއިމެދު ކަންބޮޑުވިޔަސް އެމީހުން އެދަރިފުޅާއިމެދު އަބަދުވެސް ފަޚުރުވެރިވިއެވެ. މިހާރު އެކަން ނިމުމަކަށް އައީހެއްޔެވެ؟ ހާސްކަމާއިއެކު އެމީހުންނަށް ބަލައިލެވުނީ ކައިރިއަށް އައިސް ހުއްޓުނު އާރިކްއަށާއި ޖަނާހުއަށެވެ.

"ލީވް ހިމް އެލޯން.............." އާރިކް ކުރިއަށް ޖެހިލާފައި ބުނެލިއިރު އަމުރުވެރިގޮތެއް ހުއްޓެވެ.

"ތިއީ ކާކު އަދި ވާހަކަދައްކަން....ކަލެއަކާއި ބެހޭކަމެއް ނޫން...." ފުރުގާން ބުމަ ކައިރިކޮށްލިއެވެ.

"މީހަކު މަރައިލިކަމުގެ ތުހުމަތު އަޅުވާއިރު އެޓްލީސްޓް ހޭވް ސަމް އެވިޑެންސް. ޑޯންޓް ރަން ޔޯ މައުތް ސޯ ކެއަލެސްލީ ވިތްއައުޓް ޕްރޫފް އާޔާ......" އާރިކް ހުރީ ލޯ ހިމަކޮށްލައިގެންނެވެ. އާރިޒް އެހާ ދެރަވެފައި ހުރިތަން ފެނި އާރިކް ރުޅިގަދަވެގެންގޮސް ކެތްވީއެއް ނޫނެވެ.

"ޝަރީއަތުގައި ހެކި ދައްކާނީ. އައިމް ފައިލިން އެ ކޭސް އެގައިންސްޓް ހިމް...." ފުރުގާން އާޔާގެ ކޮނޑުގައި އަތް ޖައްސައިލިގޮތަށް ދުރަށް ގެންދާން އުޅުނެވެ. އާޔާގެ ރުޅި އޭރު ފިނިވާއަތަށް އަޅާ ދެރަވެ ހިތުގައި ޖެހިފައިވުމުން އެތައް ބަޔެއްގެ ސަމާލުކަން އޭނައަށް ލިބިފައިވާކަން އެނގުނެވެ. އެންމެ ރަގަޅުގޮތަކީ ބައްޕަ ނިންމިފަދައިން ކޯޓަށް މައްސަލަ ހުށަހެޅުމެވެ. އޭނަ މިހުރިހާ ދުވަސްވާންދެން ހީކޮށްގެން ހުރީ އާރިޒް ދުނިޔޭގައި ނެތްކަމަށެވެ. ތިން މޫނުގެ ވެރިއެކެވެ. އެއްއިރެއްގައި އާރިޒްގެ މޫނުގައި ހުރި ކަޅުލަފުގެ ސަބަބުން މޫނުގައި މާސްކެއް އަޅައިގެން ހުރުމެކޭ ތަފާތެއް ނެތެވެ. ދެން އާޔާއަށް ލޯބިވެވުނީ އާރިޒް ލޫސިފާގެ ނަމުގައި ޔޫޓިއުބަށް ލަވަ ލާން ފެށުމުން އެމީހަކު ދެކެއެވެ. ތިންވަނަ މޫނަކީ މިހާރު އާރިޒްގެ އެހެރަ ސިފަތެކެވެ. އޭނައަށް އޮޅުވާލައިގެން ބޮޑު ލަނޑެއް ނުލިބުނީ ހަމަ ކިރިޔާއެވެ. އޭނަގެ އަންބަކަށް ވެވުނުނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފަހު ވަގުތުކޮޅު އެނގުނުކަމީ އޭނަގެ ނަސީބެވެ. ލެއްވި ރަހުމަތެކެވެ.

އިސްތިޚާރާ ނަމާދުގެ އަސަރެވެ.

އާރިޒް އެއްވެސް މީހެއްގެ މޫނަށް ބަލައިލުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ.

***

އާޔާ އޭނަގެ ކޮޓަރިން އެހެން ކޮޓަރިއަށް ބަދަލުވިއެވެ. އާރިޒްގެ އަވަށްޓެރިޔާގެ ގޮތުގައި ކުރިމައްޗަށްވާ ގޮތަށް ހުރި ބެލްކަނިތައް ހިއްސާކުރުމަކީވެސް ކުރެވޭނެކަމެއް ނޫނެވެ. އެތައް އަހަރަކަށްފަހު އެ "ފުރޭތަ" އޭނަގެ ދިރިއުޅުމަށް ފުންމައިލިގޮތަށް އޭނަގެ ބައިވެރިޔަކަށް ނުވީ ހަމަ ކިރިޔާއެވެ. އެހެން ހިތަށް އަރާފައިވެސް ބިރުން ރޫރޫ އަޅައިގަތެވެ.

***

ހަތަރު ގަޑި އިރު ކުރިން

ކައިވެންޏަށް ތައްޔާރުވެ އާޔާ ނަލަހެދުނުއިރު ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކަމުގައިވިއެވެ. އޭނަގެ ކައިވެނީގެ ޕާޓީއަށް މުޅި ހޮސްޕިޓަލް އެންމެނަށް ދައުވަތު ދިނެވެ. ކައިވެނީގެ ސަޔަށް ދައުވަތުދިނީ އާއިލާއާއި ގާތްމީހުންނަށެވެ. އާޔާ އެ ވަލީމާއަށްވެސް ތައްޔާރުވީ އެހާ ނަލަ ހެދުމެއްގައެވެ. ސެލޫންއަށްގޮސް ލުއި މޭކަޕެއްކޮށްލުމުން ތަންކޮޅެއް ހަރުފާޑުޖެހިއެވެ. ކޮޓަރިން ބޭރަށް ނިކުމެގެން އައިއިރު އާރިޒްގެ ގައިގާ ލައިނުގަތީ ހަމަކިރިޔާއެވެ.

"ހައި......" އާޔާ ލަދުގަންނަގޮތްވިއެވެ.

"ނުވެސް އެނގުނު......ހާދަ ވަރަކަށް މޭކަޕް ކޮށްފައި..." އާރިޒްއަށް ކަމުނުދިޔައެވެ.

"އޯ ޑަޒް އިޓް ލުކް ބޭޑް؟ ކަމުނުދޭތަ " އާޔާ އެހިއެވެ.

"ޔޫ ލުކް ޖަސްޓް އޭޒް ބިއުޓިފުލް އީދާ ވޭ........"އާރިޒް ޖަވާބުދިނެވެ. ދެން ދެކެވުނު ވާހަކައިގާ އާޔާއަށް އޮޅިގެން ބުނެވުނީ ސްވިސް ޖަރމަން ބަހުންނެވެ. ފުރުގާންއަށްވެސް އެވަގުތު އެތަނަށް އާދެވުނެވެ. ތިން މީހުންނަށްވެސް ދެން ވާހަކަދެއްކުނީ ހަމަ ސްވިޒަލޭންޑްގައި އުޅުނުއިރު ދެއްކި ފަދައިން އެބަހުންނެވެ. އާރިޒް އެބަހަށް އެހާ ފަރިތައެއް ނޫނެވެ. އާޔާއަށް އާރިޒްގެ މޫނަށް ބަލަން ހުރެވުނީ އެ މޫނުން އެހެން މީހަކު ހޯދުމަށްޓަކާ ބަލާހާ ފަރުވާތެރިކަމާ އެކުގައެވެ. އެ އާރިޒްއާއި މި އާރިޒް އެބަހުން ދައްކާއިރު ތަފާތެއް ނެތެވެ. އާޔާ އަނގަ ހުޅުވިފައި ބަލަން ހުރިތަން ފެނި އާރިޒް އިސްތަށިގަނޑުގައި އަތް ހާކާލުމަށްފަހު ހިނިތުންވެލިއެވެ. ހިތް ވިރޭފަދަ ހިނިތުންވުމެކެވެ. އެމީހުންނާއިއެކު އުޅުނު އާރިޒް ދުވަހަކުވެސް ހީފައެއް ނެތެވެ. ހީލަން ދަންނަމީހެއްވެސް ނޫނެވެ. އާރިޒް ކޮންމެ ސިފައެއްގައި ހުއްޓަސް ހިނިތުންވުން ރީތިވީމަ ގަސްތުގައި އެ ރީތި ސިފަ ފޮރުވައިގެން ހުރީކަމަށް ވެދާނެއެވެ. އާޔާގެ ހިތުގައި ޝައްކާއި ވަހުމް އުތުރިއަރަން ފެށިއެވެ. ފުރުގާން އެއްފަރާތަކަށް ހިނގައިގަތީ ބަލްސަމް ގޮވައިލި އަޑަށެވެ. ބަލްސަމް އާރިޒްގެ މޫނަށް ބަލަން ހުރެ ހުރެފައި ބުމަ ކައިރިކޮށްލިއެވެ. އާރިޒް ފެނުމުން ކޮންމެވެސް ހަނދާންތަކެއް ސިކުނޑީގައި ކޮށްޓާލައެވެ. ނަމަވެސް ހަނދާނާއި ކުޅެލަނީ ކޮންފަދަ ބާރަކުން ކަމެއް ނޭގެއެވެ.

"އިޓްސް ޔޫ............."އާޔާއަށް ބަލަން ހުރެފައި ބުނެވުނެވެ.

އާރިޒްވެސް އޭރު ހިނގައިގެންފިއެވެ.

"އާރިޒް........" އާޔާ ގޮވާލަން އުޅުނުތަނާ ކޮންމެވެސް ނުދަންނަ މީހަކު އަތުލަފިކޮށްގެން މުސްކުޅި އަންހެނަކު ގެނެސް ސިޓިންރޫމްގައި ހުރި ސޯފާއެއްގައި ބޭންދިއެވެ. އާޔާއަށް އެމީހަކު ތައާރަފުކޮށްދިނީ އާރިޒްގެ މާމަ ޝަކީރާ ކަމުގައެވެ. އާޔާގެ އަތުގައި ހިފައިލިގޮތަށް ޝަކީރާ ދެއްކި ވާހަކަތަކުން އާރްޔާ ހުރިތަނަށް އަނބުރައިގެން ނުވެއްޓުނީ ގައި ނެތް ހިތްވަރުލާފައެވެ. ޝަކީރާއަކީ ބަލްސަމްގެ މަންމަކަން އެނގުމުން ލިބުނު ޝޮކް އިތުރުވީ ޝަކީރާ އާރިޒްއާއި ބެހޭގޮތުން ދެއްކި ވާހަކަތަކުންނެވެ. އާރިޒް ކުޑައިރުއްސުރެން މޫނުމަތީގައި ހުރި ލަފު ނެތިގެން ދިޔައީ އެކްސިޑެންޓެއްވެ މޫނުމަތި އޮޕަރޭޝަނެއް ކޮށްގެން ކަމުގައި ޝަކީރާ ބުނެލުމުން އާޔާއަށް ތެދުވެވިއްޖެއެވެ. އޭނަގެ ލޯމަތީ އެޅިފައިވާ ކެހިވެރިކަމުގެ ފަރުދާ އެވަގުތު ކަޝްފުވެ ލޮލުން ނެގިއްޖެއެވެ. ސާފުކޮށް އާރިޒްއަކީ ކެހިވެރި މަކަރުވެރިއެއްކަން ހާމަވުމާއިއެކު ލޮލުން ދިލަ ނަގަން ފެށިއެވެ. މުށި ލޮލުގައި ގިނަވެގަތް ކަރުނަތައް ތިރިއަށް ދެމިގަންނަން އިރުކޮޅެއްވެސް ނުނެގިއެވެ.

"އެބަ އަންނަން.........." އާޔާ އަވަސްވެގަތީ ކަރުނަ އެހެން މީހަކަށް ނުފެނި އެތަނުން ސަލާމަތްވުމަށެވެ.

ކޮޓަރިއަށް ވަނުމާއިއެކު އާޔާ ރުޅިވެރިކަމާއިއެކު ލޮލުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލައިފިއެވެ. އެނުލަފާ ފުރޭތައަށްޓަކާ އޭނަގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް އޮހިގެން ނުވާނެއެވެ. ހިތް ހަލާކުކޮށްލައިފިއެވެ. ނުބައި އިންސާނުންވެސް ދުނިޔޭގައި އުޅެއެވެ. އެކަމަކު މިހާ މަކަރުވެރި ނުބައި ނުލަފާ އިންސާނެއް ދުނިޔޭގައި ވާނެކަމެއް ނޭގެއެވެ.

މިވީގޮތުން އޭނަވެސް ލަދުގަންނާނެއެވެ. ބަދުނާމްވެސް ވާނެއެވެ. އެންމެ ފަހު ވަގުތު ކައިވެނި ކެންސަލްވުމުން މުޅި ތާ އޮންނާނީ އެ ޚަބަރެވެ. ފުރަތަމަ ކައިވެނި ފެއިލްވީ ގޮތަށް ދެވަނަ ކައިވެނި ނުކުރެވެނީސް މިވީ ކިހިނެއްހެއްޔެވެ؟ އޭނަގެ ތަގުދީރުގައި ލޯތްބާއި ފިރިއެއްގެ ނަސީބު ނެތީއެވެ.

އާޔާ އޭނަގެ ކައިވެނީގެ ހެދުން ހަށިގަނޑާއި ވަކިކޮށްލިއެވެ.

"މިވެސް އަލިފާނަށް ލާނީ. އައި ވިލް ޑިސްޓްރޯއި ހިމް................."

***

ކޮޅިގަނޑެއްގައި ޖަންބުގަހުގެ ގޮފިގަނޑެއް ބެލްކަންޏަށް ވެއްޓުނުއިރު އާރިޒްއަށް ރީތިކޮށް އެތަނުން "ފުރޭތަ" އެއް ސޫރަވިއެވެ. ހަމައެކަނި އެގޭގެ ގަސްތަކަށް ވަރުބާލާހިތުން އުޅޭ އެއްޗެކެވެ. އާރިޒް ފުރޯއެއް ހިފައިގެން ގޮސް ބެލްކަންޏަށް ވެއްޓިފައިވާ ގޮފިތައް ކަނޑަންފެށިއިރު ވަރުބަލިކަމެއް އިހުސާސެއް ނުވެއެވެ. ކޮންމެފަހަރަކު ފުރޯއިން އަޅާ ވިހެލާއިރު އަތުގެ މުލައްދަނޑީގެ މަސްތައް ހަރަކާތްކުރާގޮތުން މަސްތަކުގެ ވަރުގަދަކަން ހާމަވެއެވެ. ޖަނާހު އާރިޒްގެ ހީވާގިކަން ދެކެން އެއްފަރާތުގައި ބަލަން ހުރިއިރު އާރިކްގެ އަތުގައި ކޮފީތަށްޓެކެވެ.

"އަހަރެން ބުނެފީމެއްނު އިރުކޮޅަކުން ބަންގާޅުކުދިން ތަކެއް ތި މަސައްކަތްކުރަން އަންނާނެއޭ....." ޖަނާހު ކިޔައިލިއެވެ.

"ގެންނާނެކަމެއް ނެތް. ލުސިފާ ސްޓްރެސް ފިލާނީ މިގޮތަށް. އެންމެފަހު ވަގުތު ބްރައިޑް އެކަހަލަ ކްރައިމް އެއް ބޮލުގައި އަޅުވާފައި އެގޮތަށް ކެންސަލްކުރަން އެކްސްކިއުޒެއް ދެއްކީމަ ޖަނާ ނަމަވެސް ކަޑަވާނެ ދޯ.........." އާރިކް ހުރީ ހީލަ ހީލައެވެ. ޖަނާހުގެ ހިތްވެސް އާރިޒްއަށްޓަކާ ހަމްދަރުދީއިން ފުރި ހިތްވަރުދޭން އެކިގޮތްގޮތަށް ވާހަކަދެއްކިއެވެ. އެކަހަލަ އަންހެންކުދިންނާއި ދުރުން އުޅެން ނަސޭހަތްތެރިވިއެވެ. އާޔާމެން ތައުލީމީ ރީތި އަންހެންކުދިންނަށް ވިޔަސް ކަމެއް ދެއްވާފައި ވަނީއެވެ. އެއީ ގިނަ މުއްސަދި އަންހެންކުދިންގެ ފާޑެވެ. އާޔާ އާރިޒް ދޫކޮށްލިޔަސް އެފަދަ ކިތަންމެ އާޔާއެއް އާރިޒްއަށް ލިބިދާނެއެވެ. އަންހެންކުދިންގެ ކިއޫ ދިގުކަމުން ހަނދާއި ހަމަޔަށް ފޯރާނެކަމުގައި ޖަނާހު ބުނެލިއެވެ.

"ލުސިފާ. ޑިޑް ޔޫ ކިލް ހާ..........." ޖަނާހު އުކުޅުގައި އަތް ވިއްދައިލިއެވެ.

އާރިޒް ކުރިއަށްވުރެ ބާރަށް ގޮފިގަނޑުގައި ފުރޯއިން އަޅާ ވިހެލިއެވެ. މިއުޒިކެއްފަދައިން އެއް ރާގަކަށް އެހިސާބުގައި ހަރުލާފައިވަނީ ފުރޯ ގަހުގެ ގޮފިގަނޑުގައި ޖެހޭ ބާރު އަޑުފަށެވެ.

"ލޫސިފާ ކުޑައިރު މެންޓަލް ވީމަ ކަން ނޭގޭ."

"މަށެއް ނުދެނަހުރިން. މެންޓަލް އެސެސްމެންޓެއް ނަހަދާ ޕައިލެޓަކަށް ނީދެވޭނެ............ހީޒް އެ ޑޭމް ގުޑް ކެޕްޓަން..................." ޖަނާހު އާރިކްގެ ވާހަކައާއި ދެކޮޅުހެދިއެވެ." މަށަށް ހީވޭ ޝައިތާނާ ލުސިފާގެ ސިކުނޑިއަށް އެރިގެން ކުޅިގަނޑެއް ކުޅެނީހެން. ކީއްވެ ހިމޭނުން ތިހިރީ. އަމިއްލަ ނަފުސްގެ ދިފާއުގައި އައްޑަނަ އުފުލައިލަން ޖެހޭނެއްނު. ދޫ ހިމޭނުން ބާއްވައިގެނެއް މި ކޭހުގައި މޮޅެއް ނުވެވޭނެ"

"ޖަނާ ޑޮކްޓަރަކަށްވީމަ ޖިންނި ޝައިތާނުން އުޅޭކަމަށް ގަބޫލުނުކުރަމެއްނު. ސީރިއަލް ކިލާއަކާއި ވާހަކަދައްކާފައިވެސް ޖަނާމެން ބުނާނީ މެންޓަލް މައްސަލައެއް ހުރީމައޭ މީހުންމަރަނީ. ޖިންނިއެއް ފެނިއްޖެއްޔާ އެނގޭނެތަ؟ މިއޮތް ބޮޑު ގަސް ވައްޓައިލީ ޖިންނިއެކޭ ބުނެފިއްޔާ ޖަނާ ބުނާނެ މަ ވެސް ދުނިޔޭން މޮޔަވީއޭ......." އާރިކް ހިނިގަނޑެއް ޖަހައިލިއެވެ.

***

"ކޯޓު އަމުރެއްގެ ދަށުން މިސްޓަރ އާރިޒް ހައްޔަރުކުރަން އަޅުގަނޑުމެން މިއައީ............" ފުލުހުންގެ ޔުނިފޯމުގައި ތިބި ދެމީހުން ކޯޓުން ގެނައި ލިޔުން ދައްކައިލުމުން އާރިޒް ހަމަޖެހިލާފައި އަތް ދިއްކޮށްލިއެވެ. އެކަކު ކުރިއަށް ޖެހިލާފައި އޭނަގެ އަތުގައި ބިޑިއެޅުވިއެވެ.

(ނުނިމޭ...)

https://sun.mv/121902

comment ކޮމެންޓް