ރައީސް ޔާމީންގެ ޝަރީއަތް ޓީވީން ލައިވްކުރަން ނިންމައިފި

ރައީސް ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ބާއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ޓީވީން ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް "ސަން" އަށް ވިދާޅުވީ މިއަދު އިރުއޮއްސުނުފަހުން ކްރިމިނަލް ކޯޓުން އެ އޮފީހަށް ގުޅައި ރައީސް ޔާމީންގެ ޝަރީއަތް ޓީވީން ލައިވްކުރަން ނިންމާފައިވާކަން އަންގާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިން ދައުވާގެ އަޑުއެހުން އޮންނާނީ މާދަމާ 11:30 ގައިއެވެ.

ބިޝާމް ވިދާޅުވީ މާދަމާގެ ޝަރީއަތުގެ މަޖިލީސް ވެސް އޮންނާނީ ކްރިމިނަލް ކޯޓުގެ ކޯޓު ރޫމްގައި ކަމަށް އެ ކޯޓުން އަންގާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާ ލިބުނު އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ އެމަނިކުފާނުގެ ސޭވިން އެކައުންޓަށް ޖަމާވެފައިވަނިކޮށް، އެ ފައިސާ ކަމަށް ބުނެ ބީއެމްއެލްގައި އެސްކުރޯ އެކައުންޓެއް ހުޅުވައި އެހެން ފައިސާތަކެއް އެ ކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ.

ދައުލަތުން ބުނަނީ، އެއީ ކޮރަޕްޝަނުން ލިބިފައިވާ ފައިސާތަކެއްގެ އަސްލު އޮޅުވާލައި ފޮރުވުމަށް ރައީސް ޔާމީން ހިންގަވާފައިވާ އަމަލެއް ކަމަށެވެ.

އެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީނާ ދެކޮޅަށް ހެކިން ހުށަހަޅައިފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލްޣަފޫރާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

comment ކޮމެންޓް