އަމީނީ މަގުގެ މާފައްނާވީ ކޮޅުގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރިއެއް: މި ކުޑަ ތަންކޮޅުގައި ހަ މީހުން ނިދާ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިހަ ފޫޓު ދިހަ ފޫޓުގެ ގޮޅިއެކެވެ. މި ގޮޅި ތެރޭގައި ނުކަތާ ވަރަށް އަށި ޖަހާފައި ހުއްޓެވެ. ފާރުގައި ހަރުކޮށްފައި ހުރި ލަކުޑި ގަނޑެއްގެ މަތީގައި ލަގެޖު ދަބަސްތައް މަތިމައްޗަށް ޖަހާފައި ހުއްޓެވެ. އެލުވާފައި ހުރި ރޯނުތަކާއި ނިދަން އަތުރާފައި ހުރި އަށިތަކުގައި މުންޑާއި އެހެނިހެން އަންނައުނު އެލުވާފައި ހުރިއިރު މުޅިތަން އެއްވަސްކޮށްލާފައި އޮތީ މި ތަކެތިން އަރާ މިލަވަހުން އެވެ. ޔަގީނަށް ވެސް މިގޮޅީގެ ތެރޭގައި ފަހަރަކު ކޮޅަށް ހުރެވޭނީ އެންމެ މީހަކަށެވެ. ގޮޅީގެ ސައިޒަށް ވުރެ ކުޑައީ ހަމައެކަނި ތަނުގެ ސާފުތާހިރުކަމެވެ. މިތަނުގައި އިންސާނަކު އުޅެން ހެޔޮ ނުވާނެއޭ ހިތާ ހިތާ ބުނީމެވެ. އަހަނަށް މި ހުރެވުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަ ބިދޭސީން މާލޭގައި ދިރިއުޅޭ ކޮޓަރިއެއްގެ އެންމެ އެތެރޭގަ އެވެ.

"މިއީ އަހަރެންގެ ގެސްޓްހައުސް، މިތަނުގައި ނިދަނީ، އުޅެނީ. އަދި އަހަރެންނާ އެކު ހަ މީހުން މި ކޮޓަރީ އުޅެނީ. އަނެއްހެން ގޯސްނެތީ ރަނގަޅު ނޫން؟،" މާލޭގެ ކުންފުންޏެއްގައި ލޭބަރެއްގެ ވަޒީފާ އަދާ ކުރާ ބަންގްލަދޭޝް މީހަކު އޭނާގެ ނިދާ ކޮޓަރި ދައްކާލަމުން އަހަންނާ ސުވާލުކުރި އެވެ.

މާފަންނުކޮޅު، ބޮނޑިބަތް ޕާކުގައި ތިބި 10 ވަރަކަށް ބިދޭސީންގެ ތެރެއިން، ބަންގްލަދޭޝްއަށް ނިސްބަތްވާ އޭނާ އަހަރެން އަތުގައި ހިފައިގެން ހަނި ގޯޅިތަކުގެ ތެރެއިން ހިނގަމުން އައިސް، ވެއްދީ އަމީނީ މަގު ކަންމައްޗަކަށް ވާގޮތަށް ހުރި އެ މީހުންގެ މަޝްހޫރު ގެސްޓްހައުސްއަކަށެވެ. އަހަރެން ބޭނުންވީ، އެ މީހުންގެ މި ދިރިއުޅުން ބަލައިލާށެވެ. ހަނިހަނި ގޯޅިއެއްގެ ތެރެއިން ފިތިގެން ކަހަލަ ގޮތަކަށް އައިސް ފުންމާލެވިފައި މި ހުރީ، ތޮއްޖެހިފައިވާ މި ކޮޓަރިތަކާއި ބަތްކޮތަޅުތަކުގެ ދުނިޔެއެއްގެ ތެރެއަށެވެ. މިއީ ރާއްޖޭގައި މަސައްކަތް ކުރާން އުޅޭ އެތައް ހާސް ބިދޭސީއެއްގެ ދިރިއުޅުމެވެ. މިކަހަލަ ކިތަންމެ ކޮއްޓަކާއި ގޮޅިއެއް މި މާލޭގައި ބައިވަރެވެ. މިއީ މާލޭގެ އަނެއް ފަރާތުގައި އޮތް އެހެން ބައެއްގެ ކުޑަކުޑަ ދިރިއުޅުމެކެވެ.

މާފައްނުގައި ހުންނަ ޕާކެއްގެ ތެރޭގައިި މަސައްކަތެއް ނެތިފައި ތިބި ބިދޭސީންތަކަކާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންގާޅު "ގެސްޓްހައުސް"

މާލެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ މީހުން އުޅެނީ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ބާ ގެތަކުގައި ހަދާފައި ހުންނަ ކުދި ކުދި ކޮޓަރިތަކުގަ އެވެ. މިގޮތަށް ބިދޭސީން ބަހައްޓާ ގެތަކަށް ކިޔަނީ "ގެސްޓްހައުސް"އެވެ. މިއީ ދިވެހީން ދެކެފަރިތަ ބާވަތުގެ ގެސްޓްހައުސްތަކެއް ނޫނެވެ. މިފަދަ ގެސްޓްހައުސްއެއްގެ ކޮންމެ ކޮޓަރިއެއްގައި އެވަރެޖުކޮށް ވިއްސަކަށް ބިދޭސީން އުޅޭނެ އެވެ.

މަސައްކަތަށް ގެންނަ ބިދޭސީން ގެސްޓްހައުސްތަކުގައި ބައިތިއްބަން ހަރަދު ކުރާ ކުންފުނިތައްވެސް ހުރެ އެވެ. އެކަމަކު، ކުންފުނިން ހުރުމާއި ކެއުން ހަމަޖައްސައި ނުދޭ ބިދޭސީ މީހާ އުޅެން ޖެހޭނީ އަމިއްލައަށް ބިދޭސީން އުޅޭ ގެސްޓްހައުސްއެއް ހޯދައިގެން އެތަނަށް ކުލި ދައްކައިގެންނެވެ. އެއީ ހަގީގަތުގައިވެސް ހިތްދަތި، ވޭންހުރި ދިރިއުޅުމެކެވެ.

އަހަރެން ވައްދާފައި މި ހުރީ، ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުން ބައިތިއްބާ ގެސްޓްހައުސްއަކަށެވެ. ހަވީރުގެ އެ ވަގުތުގައިވެސް މި ކޮޓަރީގެ ބައެއް އަހުލުވެރިން ތިބީ ނިދާފަ އެވެ.

އަމީނީ މަގުގެ މާފައްނާވީ ކޮޅުގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރިއެއް: މި ކުޑަ ތަންކޮޅުގައި ހަ މީހުން ނިދާ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިލާ ޖަހައި ބައި ބަޔަށް ފޮތިކޮށްފައި ހުރި އަލިފާންފޮއްޓެއް ފަދަ މި ކޮޓަރިި ތެރޭގައި ބިދޭސީން ނިދަން ހަދާފައި ހުރީ ބަންކް ބެޑްތަކެއް ގޮތަށް ފިލާ އަށިތަކެކެވެ. އެ އަށިތަކުގައި ގޮދަޑީގެ ބަދަލުގައި އޮންނަނީ ފިލާ ގަނޑެކެވެ. ބާލީހުގެ ބަދަލުގައި ހުރީ ފަތްޖަހައި ގުޅައަކަށް ޖަހާފައި އޮތް ފޮތިގަނޑެކެވެ. ކޮންމެ މީހަކު އެ މީހެއްގެ އަމިއްލަ ތަކެތި ބަހައްޓަން ޖެހެނީ އެމީހެއްގެ އަށީގައެވެ. އެ ކޮޓަރީގައި އުޅޭ ހަ މީހުންވެސް ބޭނުން ކުރަން ހުރީ އެންމެ ފާހާނާ އެކެވެ. އެކަމަކު، މިއީ މި ގެސްޓްހައުސްގެ ފެންވަރު ރަނގަޅު އޭސީ ކޮޓަރިއެކެވެ. އެހެން ވީމާ، މި "އަލިފާންފޮށި" ފިންޏެވެ.

މިފަދަ ގެސްޓްހައުސްތަކަކީ ދިވެހީން އަޑީގައި ތިބެގެން ހިންގާ ތަންތަނެވެ. މިފަދަ ކޮންމެ ތަނެއްގައި އުޅޭ ބިދޭސީންގެ މައްޗަށް ވެރިމީހާ ކަނޑައަޅާ "ބޮސް" ބިދޭސީއަކު ހުރެ އެވެ. އޭނާގެ ޒިންމާއަކަށް އޮންނަނީ، ގެސްޓްހައުސްގެ ކަންކަން ބަލަހައްޓައި މަހު ކުލި ނަގައި އޯނަރާ ހަވާލުކުރުމެވެ. އެއީ ބަންގާޅު މީހުން އުޅޭ ގެސްޓްހައުސްއެއް ނަމަ ބޮސްއަކަށް ހުންނާނީ ހަމަ ބަންގާޅު މީހެކެވެ. ބޮސްގެ ކޮޓަރި އާންމުކޮށް ހަދާފައި ހުންނަނީ ވަކިންނެވެ. އާދައިގެ މީހުންނަށް ވުރެ ބޮޑުކޮށް ފެންވަރު ރަނގަޅު ކޮށެވެ. އެއީ، އެ ގެސްޓަހައުސްގެ ޕްރެޒިޑެންޝަލް ސުއިޓެވެ.

މި ގެސްޓްހައުސްއަށް ފަހު އަހަރެން ދެން ގެންގޮސް ވެއްދީ، ދަނބު ގޯޅީގައި ހުންނަ މަޝްހޫރު "ނަޒްރުލް" ގެސްޓްހައުސް އަށެވެ. މިއީ މާލޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ އެއް ނަމްބަރު ގެސްޓްހައުސް އެވެ. ބަންގާޅުންނަށް ބޭނުންވާ އެކި ހިދުމަތްތައް 24 ގަޑިއިރު މިތަނުން ލިބެ އެވެ.

ނަޒްރުލް ގެސްޓްހައުސްގެ އަށިތައް: އަށިތަކުގައި ގޮދަޑިއާއި ބާލީހެއް ނުހުރޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަންނާ ފުރަތަމަ ވެސް ބައްދަލު ކުރީ، ނަޒްރުލް ގެސްޓްހައުސްގެ "ބޮސް" ނޫނީ މެނޭޖަރެވެ. ބަންގަލަދޭޝްއަށް ނިސްބަތްވާ އޭނާ ދިރިއުޅެނީ އެތަނުގެ ތެރޭ ވަކިން ހަދާފައި ހުރި ތަނަވަސް ކޮޓަރިއެއްގައި އަންހެނުންނާއި ކުޑަ ދަރިފުޅުވެސް ގޮވައިގެންނެވެ. އޭނާގެ ކޮޓަރީގެ ފޮޓޯ ނަގަން އުޅުނު ކަމަށް ހީކޮށް ފުރަތަމަ ރުޅި މޫނު ދެއްކި ނަމަވެސް، އެތަނުގައި ދެން ހުރި ކޮޓަރިތައް ދައްކަން ފަހުން އެއްބަސްވި އެވެ.

ނަޒްރުލް ގެސްޓްހައުސްގެ ކޮޓަރިތައްވެސް ހަދާފައި ހުރީ ކުދިި ގޮޅިތަކެއް ގޮތަށް ފިލައިން ޕާޓިޝަން ޖަހައި ފޮތިފޮތިކޮށްގެން އެވެ. ކޮޓަރިތަކުގައި އެއްފަހަރާ މާ ގިނަ ބަޔަކަށް ތެދުވެ އުޅެވޭނެ ވަރުގެ ޖާގައެއް ނުއެއް ހުރެ އެވެ. އެކަމަކު، އެތަނުގައިވެސް އޭސީ ހަރުކޮށްފައި ހުރެ އެވެ. އެހެންވެ އަލިފާންފޮއްޓަކަސް އެއީ ފިނިކުރި ކޮޓަރިއެކެވެ.

ނަޒްރުލް ގެސްޓްހައުސްގެ ތެރެ: އެތަނުގައިވެސް ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން އުޅޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއިން ކޮންމެ ކޮޓަރިއެއްގައި 18 މީހުންނަށް ތިބެވޭ ވަރަށް އަށި ޖަހާފައި ހުރެ އެވެ. ކޮޓަރީގައި ދިރިއުޅޭ މީހުންގެ އަންނައުނުތައް ނިދާ އަށީގެ ވަށައިގެން އެލުވާފައި ހުއްޓެވެ. މި ގެސްޓްހައުސްގެ އަށިތަކުގައިވެސް އަޅާލާފައި އޮންނަނީ، ފިލާގަނޑެވެ. މި ގެސްޓްހައުސްތަކުގައި ގޮދަޑި މުޅިން މަނަލެވެ. ނިދަން ޖެހޭނީ ސަތަރި ގަނޑެއް ފަތުރާލައިގެން އެވެ.

"ގޮދަޑި ބެހެއްޓީމަ މަކުނު އަޅަނީ. އޭރުން އެންމެނަށް އުނދަގޫ ވަނީ،" ގެސްޓްހައުސްއާ ހަވާލުވެގެން ހުރި މީހާ ބުންޏެވެ. ފަހުން އެނގުނު ގޮތުގައި މުޅި މާލޭގައި މި ޒާތުގެ ކިތަންމެ ގެސްޓްހައުސްއެއް އެބަ ހުއްޓެވެ،. ޔަގީންނަށް ވެސް 50 ހަކަށް ތަން އުޅޭނެ އެވެ.

މައްޗަންގޮޅީ އަވަށުގެ އެނބޫ ގޯޅި އާއި ދިލްބަހާރު މަގަކީވެސް ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެސްޓްހައުސްތައް ހާއްސަކޮށް ގިނަ މަގުތަކެވެ. މިއީ އެ މީހުންގެ ޓައުންތަކެވެ. މިކަހަލަ ގޯޅިތަކުން ހިނގާލާފައި ދާއިރު ގެސްޓްހައުސްތަކުގެ ބޭރު މަގުމަތީ ޕޭމަންޓްގައި ބިދޭސީން އިށީދެގެން ތިބޭތަން ނުފެންނަ އިރެއް ނުދާނެ އެވެ.

އެކި ފެންވަރުގެ ގެސްޓްހައުސްތަކަށް ވަދެވުނެވެ. ކޮންމެ ތަނަކުންވެސް ފާހަގަ ކުރެވުނީ ކޮޓަރިތައް ހަދާފައި ހުންނަނީ މީހަކަށް ނިދާނެ ތަނެއް ދޭން ނަމަކަށެވެ. މިއީ، ދިރިއުޅުމެއް ނޫނެވެ. ގަނަތެޅުމެވެ. ދިލްބަހާރު މަގުގައި ބިދޭސީންނަށް ހާއްސަކޮށް ހަދަމުންދާ ގެސްޓްހައުސްއަަކަށް ވެސް ބޯކޮށްޕާލީމެވެ. އެތަނުންވެސް ފެނުނީ ބިދޭސީން ތިބޭނެ ކޮތަރިކޮށިތައް ތައްޔާރުވާތަނެވެ. މިޒާތުގެ ތަންތަނުގައި ގޮދަޑި އަޅާފައި ހުރި އެނދެއް ފެނުނީ ވަރަށް ވެސް މަދު ތަނަކުން އެވެ. ގިނަ ތަންތަނުގައި އެތައް ބަޔަކު ކުޑަކުޑަ ފާހާނާތައް ބޭނުން ކުރެ އެވެ. ފާހާނާތަކުގެ ސާފުތާހިރުކަން އެހާމެ ކުޑަ އެވެ. ޖަންގްޝަން ވަސް އިންތިހާއަށް އެތަންތަނުގައި ހިފާފައި ހުރެ އެވެ. ނޯއްދަމާލަން ނުކެރޭ ވަރަށެވެ.

ބިދޭސީ ގެސްޓްހައުސްއެއްގެ ފާހާނާއެއް: އެ ގެސްޓްހައުސްތަކުގެ ފާހާނާތައް ކުޑަވެފައި ސާފުތާހިރުކަމެއް ނެތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްޔާއި ކާނާއަށް މުސާރައިގެ ބޮޑު ބައެއް

ގެސްޓްހައުސްތަކުގައި ތޮއްޖެހިގެން ބިދޭސީން ހާލުގައި އުޅޭ އިރު އެކަމުން މަންފާ ހޯދަން ތިބެނީ މާލޭގެ ބިންވެރިންނެވެ. ލާއިންސާނީ ހާލުގައި ބިދޭސީން އުޅެން ޖެހުނަސް ބިންވެރިންނަށް އެއީ މިލިއަނުން ފައިދާ ނަގާ ވިޔަފާރިއެކެވެ.

ގެސްޓްހައުސްތަކުން ވާހަކަ ދެއްކި ބިދޭސީން ބުނި ގޮތުގައި އެ މީހުން އެތަނުގައި ތިބެނީ މަހު ކުލި ދައްކައިގެންނެވެ. އެކި ގެސްޓްހައުސްތަކުން ކުލި ނަގަނީ އެކި ވަރުވަރަށެވެ. އެގޮތުން، ކުލީގެ އަގު އުޅެނީ މަހަކު 1،000 ރުފިޔާއާ 2،000 ރުފިޔާއާ ދެމެދު އެވެ. ކޮންމެ ގެސްޓްހައުސްއެއްގައި 50 އަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ. ގިނަ ވާނީ އެއަށް ވުރެ ގިނަ ބިދޭސީން އުޅޭ ތަންތަނެވެ.

ކުލީގެ އިތުރުން ގެސްޓްހައުސްއިން މަންފާ ހޯދާ އަނެއް ގޮތަކީ ބިދޭސީންނަށް ކާނާ ފޯރުކޮށްދިނުމެވެ. ގެސްޓްހައުސްގެ ރެސްޓޯރަންޓް ސާވިސް އެވެ. އެއީ ކޮންމެ މަހަކަށް ވާ ވަރަށް ފައިސާ ނަގައިގެން ޕެކޭޖު އުސޫލުން ދޭ ކާތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތެވެ. އެ ހިދުމަތް ދޭން ގެސްޓްހައުސްގެ ވެރިފަރާތުން މުސާރަ ދީގެން ކައްކާއިންވެސް ބައިތިއްބާފައި ތިބެ އެވެ.

ބިދޭސީ ގެސްޓްހައުސްއެއްގެ ބަދިގެ: މިފަދަ ބަދިގެއަކުން 200އެއްހާ ބިދޭސީންނަށް ކާނާ ތައްޔާރު ކުރޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެސްޓްހައުސްތަކުގެ ބަދިގެއިން މުގު ރިހަ، ކުކުޅު ރިހަ އަދި ބީފް ރިހަ ފަދަ، ބަތާ އެކު ކާނޭ އެކި ބާވަތް ބާވަތުގެ ރިހަ ތައްޔާރު ކުރެ އެވެ. އޭގެ ތެރެއިން ގިނަ ބާވަތްތައް ކާން ބޭނުން ނަމަ ނަގަން ޖެހޭނީ އަގު ބޮޑު ޕެކޭޖެކެވެ. މިސާލަކަށް މުގުރިހަ އާއި ބީފް ރިހަ ކާން ބޭނުން ނަމަ ދައްކަން ޖެހޭނީ މަހަކު 1000 ރުފިޔާ އެވެ. އެކަމަކު ހަމައެކަނި މުގުރިހަ ކާން ބޭނުން ނަމަ ދައްކަން ޖެހޭނީ މަހަކު 700 ރުފިޔާ އެވެ. މިގޮތަށް ކޮންމެ ބިދޭސީއެއްގެ އަތުން ކެއުމަށް ގެސްޓްހައުސްއިން އާންމު ގޮތެއްގައި 700 ރުފިޔާއާ 1،500 ރުފިޔާއާ ދެމެދުގެ އަގެއް މަހަަކަށް ނަގަ އެވެ.

މިއީ ގެސްޓްހައުސްގައި ނޫޅޭ ބިދޭސީންނަށްވެސް ފޯރުކޮށްދޭ ހިދުމަތެކެވެ. ކާއެއްޗެހި ތައްޔާރު ކުރާ ގެސްޓްހައުސްގައި ނިދާ ނޫޅޭ ބިދޭސީންނަށް ކާތަކެތި ފޯރުކޮށްދޭން ޑެލިވަރީ ސާވިސް އޮވެ އެވެ. ކޮތަޅަށް ރިހައާއި ބަތް އަޅައި ބޭނުން ވަގުތަކަށް ބޭނުން ދިމާލަކަށް ޑެލިވަރީކޮށްލަނީ އެވެ.

ބިދޭސީ ގެސްޓްހައުސްއެއްގެ ބަދިގެ: މި ތަނުގައި ކާއެއްޗެހި ތައްޔާރުކޮށްފައި ހުންނަނީ ބުފޭ ސްޓައިލަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނުގައި ހުރި ގެސްޓްހައުސްއެއްގެ ބަދިގެއަށް ވަން އިރު އެތަނުގައި ކާތަކެތި ތައްޔާރުކޮށްފައި ހުރީ ބުފޭގަ އެވެ. އެތަނުގައި ކާން މަޑުކޮށްލެވޭނެހެން ބަރިއަކަށް ގޮނޑިއާއި މޭޒު އަތުރާލާފައި ހުއްޓެވެ. ޑެލިވާ ކުރަން ބަތާއި ރިހަ އަޅާ ކޮތަޅުތައްވެސް ކަނެއްގައި ހުރި މޭޒެއްގައި ގުޅައަކަށް ޖަހާފައި ހުއްޓެވެ. އެތަނުގައި ހުރި ބިދޭސީއަކު ބުނި ގޮތުގައި އެ ބަދިގެއިން އެކަނި ދުވާލަކު 200އެއްހާ މީހުންނަށް ކާނާ ފޯރުކޮށްދެ އެވެ.

މާލޭގައި އުޅޭ ބަންގްލަދޭޝް މީހުން ކާނާ ހޯދަނީ ހަމައެކަނި ގެސްޓްހައުސްތަކުންނެއް ނޫނެވެ. އެމީހުން ހިންގާ ބައެއް ސައި ހޮޓާތަކުންވެސް މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ޕެކޭޖު އުސޫލުން ތިން އިރުގެ ކޮއްތު ފޯރުކޮށްދެ އެވެ. މާލޭގެ ހުރިހާ ސަރަހައްދެއްގައި މިހާރު އެކަހަލަ ހޮޓާތައް ގިނަ އެވެ.

ބިދޭސީ ގެސްޓްހައުސްއެއްގެ ބަދިގެ: އެތަނުގައި ކާން ތިބެވޭނެހެން މޭޒާއި ގޮނޑި ޖަހާފައި ހުރޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީއިން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ މާލޭގައި ކެއުމާއި ނިދުމަށެވެ. އެ ދެ ކަމަށް އެމީހުންގެ ކުޑަ މުސާރައިން ބޮޑު ބައެއް ހަރަދުވެ އެވެ. ވާހަކަ ދެއްކި ގިނަ ބިދޭސީންގެ ފަރާތުން އެނގުނު ގޮތުގައި އެމީހުން ކާނާއަށާއި ކުއްޔަށް މަހަކު ގާތްގަނޑަކަށް 2،000އެއްހާ ރުފިޔާ ހަރަދު ކުރެ އެވެ. އާއިލާއަށް ފޮނުވަނީ ބާކީ އޮންނަ އެއްޗެކެވެ.

އުުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޫމިންގެ ކަންބޮޑުވުމަކީ މާލޭގައި އުޅެން ހަރަދުކޮށްފައި އާއިލާއަށް ފޮނުވަން ލިބޭ އަދަދު ކުޑަވުމެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ 11 އަހަރު ވެއްޖެއެވެ. މި ހުރިހާ އަހަރެއް ވަންދެން އެއް ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާއިރު އޭނާގެ މުސާރައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެކަމަކު ގެސްޓްހައުސްގެ ކުލި ބޮޑުވެ އެވެ.

ދެ ކުދިންގެ ބައްޕައެއް ކަމަށްވާ މޫމިންވެސް އުޅެނީ ބަންގްލަދޭޝް މީހުން އުޅޭ ގެސްޓްހައުސެއްގަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާއަށް ލިބޭ ފައިސާގެ ތެރެއިން ގެސްޓްހައުސް ކުއްޔަށާއި ކެއުމަށް މަހަކު ގާތްގަނޑަކަށް 2،500 ރުފިޔާ ހޭދަ ކުރަން ޖެހެ އެވެ.

"ގެސްޓްހައުސްއަށް ލާރި ދައްކާފަ، ކާން ލާރި ދައްކާފަ ފެމިލީއަށް ފޮނުވަނީ އަބަދު 150 ޑޮލަރު،" މޫމިން ބުންޏެވެ.

ބިދޭސީ ގެސްޓްހައުސްއެއް: މިފަދަ ތަންތަނުގެ އެނދުތަކުގައި ގޮދަޑި ހުންނަނީ ވަރަށް މަދުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ މީހުންނަކީ ފިހާރަތަކުގައި ތިބޭ އެހީތެރިންނެވެ. އިމާރާތްތައް ބިނާކުރާ މީހުންނެވެ. ފާރައަށް ތިބޭ ސެކިއުރިޓީ ގާޑުންނެވެ. އެކަމަކު، މަސައްކަތް ނިންމާލުމަށް ފަހު އޭގެ ތެރެއިން ގިނަ މީހުން އުޅެނީ އާދައިގެ ދިވެއްސަކަށް ހިތަށް އަރުވާލަންވެސް ދަތި ހާލުގަ އެވެ. އެ މީހުން ރާއްޖެ ގެންނަނީ ބޮޑު މުސާރައަކާއި، އޭސީ ކޮޓަރީގެ ޔަގީންކަން ދީ ދަޅަ އަޅުވައިގެންނެވެ. އެ ދަޅައަށް ހެއްލި، އެޖެންސީއަށް ބޮޑު ޑައުންޕޭމަންޓެއް ދައްކައި ރާއްޖެ އަންނަނީ ފޮނި އުންމީދުތަކާއެކު އެވެ. އެކަމަކު، ރާއްޖެއަށް އާދެވެމުން ފެނި ތަޖުރިބާ ކުރެވޭ ހަގީގަތަކީ މިއީ އެވެ. މިއީ މާލޭގައި އޮތް، ކުޑަކުޑަ ބަންގްލަދޭޝްއެއްގެ އެތެރެ އެވެ. އެ މީހުންގެ އުޅެން ޖެހިފައި އޮތް މަޖުބޫރީ ދިރިއުޅުމެވެ. އެއީ ވޭންހުރި ހިތްދަތި ކަމެކެވެ.

comment ކޮމެންޓް