ފަޔަރ އެންޑް އައިސް (19)

ފަޔަރ އެންޑް އައިސް

"ހީޒް ގޯން....ޑެޑް" އާޔާ ހިންދިރުވައިލިއެވެ." ޔޫ ނޯ ވަޓް."

އާޔާ ބުނާ އެއްޗެއް އަހާހިތުން އާރިޒްގެ ހުރިހާ ސަމާލުކަމެއް އާޔާއަށް ހުއްޓުނެވެ. އަތްފައިވެސް ފިނިވެލައިފިއެވެ. ފިރިހެންކުދިންވެސް މިހާ ހިތް އަވަސްވެ ކަންބޮޑުވާކަމެއް އޭނަ ނުދަނެއެވެ. ނޭވާ ހިފަހައްޓާލައިގެން އޮވެވުނީ އާޔާ ބުނާ އެއްޗެއް އެހުމަށެވެ. ނަމަވެސް އާޔާ ކުއްލިއަކަށް ޚިޔާލު ބަދަލުކޮށްލީ ކޯންޗެއް ވިސްނާފައި ކަމެއް ނޭގެއެވެ. ލޮލުން ނުތަނަވަސްކަމާއި ހިތްދަތިކަން އިރުކޮޅަކަށް ފެނިލިއެވެ.

"ނެވާ މައިންޑް..............."

އާރިޒް އަތް މޫނުމަތީ ބާއްވާލައިގެން އޮތްގޮތުން މޫނުގެ ބޮޑުބައި ފޮރުވުނެވެ. ފެންނަން ހުރީ ހަމައެކަނި ވައަތު ލޮލެވެ. އެއޮތްގޮތަށް އޮވެ އޭނަ ހުރި ދިމާލަށް ކަޅި ހިންގައިލުމުން އެ ބަލައިލި އަސަރުން ފުރިފައިވާ ގޮތާއި އެއަޅި ލޮލުގެ ރީތިކަމުން އާޔާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ދުރު ބަލައިލަންވެސް ނޭގުނެވެ. އާރިޒް ވިސްނަން އޮތީ ކޯންޗެއް ހެއްޔެވެ؟

"އާރިޒް. ކިހިނެއް މިއަދު ވީ؟ ފްލައިޓް ކޮންޓްރޯލް ނުކުރެވުނީ ކީއްވެތަ؟ " އާޔާ މައުޟޫ ބަދަލުކޮށްލައިފިއެވެ.

"މައި ބޭޑް ލަކް..........." އާރިޒް ބުނެލިއެވެ.

އޭނަ ކެޕްޓަންކަން ކުރާ ކޮންމެ ފްލައިޓަކަށް ޓާބިއުލެންސާއި އެކި މައްސަލަޖެހުން އާއްމުވާން ފެށުމުން ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިނގާލައިފިއެވެ. ލޫގާގެ ފޮށުންތައް އެތައް ދުވަހެއްކޮށްފައި އޭނައާއި ދިމާވީކަން ޔަގީނެވެ. މިހުރިހާދުވަހު ލޫގާ އުޅުނީ ކޮންތާކުހެއްޔެވެ. މިހާރު އަނެއްކާ އޭނަގެ ދިރިއުޅުމަށް އެކިގޮތްގޮތަށް ދަތިކުރަން ފަށައިފިއެވެ.

"އަލްހަމްދުލިﷲ. އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ކަމެއް ދިމާނުވެ ސަލާމަތްވިއެއްނު.................." އާޔާ ހިތްވަރުދިނެވެ.

"ތެންކްސް." އާރިޒް ދެލޯ މަރާލީ ވާހަކަދައްކަން ބޭނުންނުވާފަދަ ގޮތަކަށެވެ.

"އާ ޔޫ ޓަޔަޑް " އާޔާ އަހައިލިއެވެ.

"ހޫމް.........." އާރިޒް ބުނެލިއެވެ.

އާރިޒް ދުރުވާން މަސައްކަތްކުރާކަން އެނގުމުން ހިތަށް ތަދުވިއެވެ. މަގުބޫލު އުޒުރެއްނެތި އާރިޒް މިހެނެއް ނޫޅޭނެއެވެ. ކޮންމެވެސް ސަބަބެއް އޮތީއެވެ. އާރިޒް ހާމަނުކުރާން އުޅެނީއެވެ. އެ ސިއްރެއް ހާމަކުރާންދެން އޭނަ ކެތްތެރިވާނެއެވެ. ނަމަވެސް އިތުރަށް ވާހަކަދައްކައިގެން އާރިޒް އިތުރަށް ހާސްކުރުމުގެ މާނައެއް ނެތެވެ. މިވަގުތު އާރިޒްއަށް ދިމާވެފައިވާ ހާލަތާއި ވަރުބަލިކަމުގެ މައްޗަށް އިތުރު ބުރައަކަށްވާކަށް އާޔާ ނޭދެއެވެ. އޭނަ ކޮޅަށް ތެދުވުނެވެ. އަވަސް ޝިފާއަކަށް އެދުނެވެ. މުށިދެލޯ ތެމުނީ ކަރުނުންނެވެ. ކަރުނަތައް ދިރުވާލުމަށްފަހު އެތަނުން ދޮރު ހުޅުވާލާފައި ނުކުންނަން ދިޔަ ބާރުމިނުގައި އާރިކްއާއި މުޑިނޭރީ ހަމަކިރިޔާއެވެ. އާރިކްގެ ހުޝިޔާރުކަމުން ނޫންނަމަ ގައިގާ އަޅައިގަތީހެވެ.


***

ޑޮކްޓަރ ފުރުގާން ޑޮކްޓަރސް ލައުންޖަށް ވަދެފައި ސޯފާއަށް ހަށިގަނޑު ދޫކޮށްލިއެވެ. މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެނުނަސް އެކަމާއި ހަގުރާމަކުރަން މަސައްކަތްކުރާފަދައެވެ. ގެނައި ކަޅުކޮފީތަށީގެ ރާހަތު ލިބުމުން ލޮލުގެ ވިދުންގަދަވިއެވެ. ބޭރުން ފެންނަ މަންޒަރުތަކަށް ހިތް ދޫކޮށްލިތަނާ އޭނަގެ އެކަނިވެރިކަން ނިމުކަކަށް އައެވެ. ދޮރު ހުޅުވާލާފައިވަނީ މުޅި ހޮސްޕިޓަލުގެ ރޫހުކަމުގައިވާ ޑޮކްޓަރެވެ. އަލަށް ޚިދުމަތަށް ވަނުމާއެކު އޭނަ އެތަނުގެ ކުދި ބޮޑު އެންމެންގެ ހިތްތައް އަތުލާން އެ ޒުވާނާ ބައި ދުވަސް ވެސް ނުނަގައެވެ. އެހާ ޅަ އުމުރުގައިވެސް ލީޑަރެކެވެ. އޭނަގެ ހުރި ރީތި ސިފައާއި އެއްވަރަށް "ޗާމިން" ކަމުން އެންމެންގެ ހިތްތަކުގެ ވެރިޔާއަށްވިއެވެ. ޑޮކްޓަރުންގެ އިންޗާޖަކަށްވުމަށްފަހު އިތުބާރުހުރި ބޮސްއެކެވެ. ކޮންމެ ކަމެއް ހައްލުކުރަން އޭނަ ވަރެއް ނެތެވެ.

"މޯނިން ޑޮކްޓަރ ފުރުގާން....." ޑޮކްޓަރ އާރިކް ހިނިތުންވެލިއެވެ.

"މޯނިން......" ފުރުގާންގެ ނަޒަރު އާރިކްގެ މޫނަށް ހުއްޓުނެވެ.

"ވީ ނީޑް ޓު ޓޯކް........" އާރިކް ކޯޓުގެ ޖީބަށް އަތްޖަހައިލިއެވެ.

"ޕްލީޒް........." ފުރުގާން ކުރިމަތީގައި ހުރި ސޯފާއަށް އިޝާރަތްކޮށްލުމަށްފަހު ކޮފީތަށި ތުނބުގައި ޖެހިއެވެ. އާރިކްއާއި ހަތަރުކަޅި ހަމަކުރުމުން ކޮންމެވެސް ކަހަލަ ހަނދާންތަކެއް އަންނާން އުޅުނެވެ. އެލޮލަކީ ކޮންމެވެސް ތާކުން ފެނުނު ދެލޯ ފަދައެވެ. އެމޫނުގައި ދަންނަގޮތެއް އެބަހުއްޓެވެ. ރިހި ކުލައިން ޑައިކޮށްފައިވާ އިސްތަށިގަނޑަކީ އަންހެންކުދިން މަރުދޭނެފަދަ ސިފައެކެވެ.

"އަޅުގަނޑު ސީދާ ޕޮއިންޓަށްދާނީ. އަޅުގަނޑުގެ ހުރޭ ޓްވިން ބްރަދާއެއް. އޭނައާއި އާޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. އާޔާ ބޭނުންވަނީ ހަލާލު ޑޭޓިންއާއި ހަލާލު ލޯބި އެކަން ކުރެވެން އޮތީ ކައިވެނީގެ ގުޅުމުން ގުޅިގެން ކަމުގައިވަނީ. އެހެންވެ އަޅުގަނޑު މިއައީ އާރިޒްގެ ފަރާތުން ޕްރޮޕޯސްކުރަން. މިވަގުތު އޭނަވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ. އޭނަގެ ފްލައިޓް ރަންވޭއިން ކަހާލައިގެންގޮސް މޫދަށް ވެއްޓުނުއިރު ކޮންމެވެސް ވަރަކަށް އިންޖަރީވީ. މުޅި މީޑިއާގައި އެވާހަކައެއްނު އެއޮތީ. މިހޮސްޕިޓަލްވެސް އިތުރަށް އެކަމާއިހެދި އިޝްތިހާރުވީ....." އާރިކް އިނީ ހަމަޖެހިލާފައެވެ.

ފުރުގާން ހައިރާންވިކަން އޭނަގެ މޫނުމައްޗަށް ވެރިވި ކުލަވަރުތަކުން ހާމަވިއެވެ.

"އާޔާ ތިކަހަލަ ވާހަކައެއް ނުދައްކާ...."

"އަންހެންކުއްޖަކަށްވީމަ ލޯބީގެ ގުޅުންތައް ބައްޕައާއި ހަމަޔަށް ގެންނާން ފަސޭހައެއްނުވާނެ. އައިމް މޭކިން ތިންގްސް އީޒީ ފޯ ހާ............ޝީޒް ޓޯޓަލީ އިން ލަވްވިތް މައި ބްރަދާ. ވީމަ ބައްޕައެއްގެ ހައިސިއްޔަތުން އެކަމަށް އެއްބަސްވާނެކަމަށް އުއްމީދުކުރަން. އަޅުގަނޑު މީޓިންއަކަށް އެޓެންޑުވާން އެބަޖެހޭ. މިވަގުތު ގޮސްލާނަން........................" އާރިކް އަތުކުރީ އޮތް އަގުބޮޑު ގަޑިއަށް ނަޒަރު ހިންގައިލުމަށްފަހު ދާން ހިނގައިގަތެވެ.

ފުރުގާން އާރިކްއަށް ގޮވާލަން އުޅުނެވެ. އަތްވެސް އުފުލައިލިއެވެ. ނަމަވެސް އެހާ ބާރަށްގޮސް އާރިކް ލޯމަތިން ގެއްލިއްޖެއެވެ.

އާރިކްއާއި އެ އާއިލާއާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދަން އޭނަ ބޭނުންވިއެވެ. ދެފިކުރެއްގައި ހުރެފައި ފުރުގާން އަށް މޭޒުމަތީ ކޮފީތަށި ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނެއޭ ބުނެވުނަސް އޭނަގެ ދިރިއުޅުމުގައި ދިމާވެފައިވަނީ އޭގެ އިދިކޮޅެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ. ހުރިހާ ހިތްދަތިކަމަކާއި މާޔޫސީއެއް އޭނަ ވަށާލައިފިއެވެ. ދިމާވި މައްސަލަތައް ހައްލުނުކުރެވިގެން އުޅެނިކޮށް އާޔާއާއި ބެހޭގޮތުން މިއިވުނީ ކޮންފަދަ ޚަބަރެއްހެއްޔެވެ؟ އާރިޒްގެ ނަން އިވުމުން ހިތް އަވަސްވިގޮތަށް އަދިވެސް ހަމަޔަކަށް އެޅުނީއެއް ނޫނެވެ. އާރިޒް އެނަން ކިޔާ ޒުވާނަކު އާޔާގެ ހަޔާތަށް އައުމަކީ ހެޔޮ ފާލެއްހެއްޔެވެ؟ އަޒިކިއަލްގެ ހިތާމައިން އަދިވެސް އާޔާ އުޅެނީ އަރައި ނުގަނެވިގެންނެވެ. އަޒިކިއަލްގެ ކުރިމައްޗަށް ނުކުމެވެދާނެތީ އާޔާ އެހާ ބިރުގަނެއެވެ. ވީއިރު އެހާ އަވަހަށް މީހަކާއި އިންނަން އާޔާ އުޅެފާނެކަމާއިމެދުވެސް އޭނަ ޝައްކެވެ. ނަމަވެސް އާރިކްފަދަ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ކަމަކާއި ނުލާ ދޮގު ހަދާފާނެހެން ހިޔެއްނުވެއެވެ. ފުރުގާން ފޯނުނަގާފައި ޑައިލްކޮށްލީ އެކުވެރިއަކަށެވެ. ޑޮކްޓަރ އާރިކްގެ ވަނަވަރާއި އޭނަގެ ފަތިފުށް ވީހާވެސް އަވަހަށް އޭނައާއި ހަމަޔަށް ގެނެސްދޭންއެދުނެވެ.

***

އާޔާ ލެޕް ހުޅުވާލުމަށްފަހު ޔޫޓިއުބަށް "ލޫސިފާ" އާ ލަވައެއް ލިތޯ ބަލަން ޗެކްކޮށްލިއެވެ. ލޫސިފާގެ ޖާދުވީ އަޑާއި އާރިޒްގެ އަޑު ވައްތަރުކަމުން އެއީ ކާކުކަން ދެނެގަންނަން ބޭނުންވީއެވެ. މާސްކްގެ ފަހަތުގައި ފިލާ ހުއްޓަސް ބައެއް ސިފަތަކާއި އާރިޒް ވައްތަރެވެ. ލޫސީގެ ނަމުގައި ކޮމެންޓްކޮށްފައި އޭނަ ފަހުން ހުއްޓައިލީ ލަވަތައް އަޑުއެހުން ހަރާމްކަމެއްކަން އެނގުމުންނެވެ. ބައެއް މީހުން ހުއްދަކުރިކަމުގައިވިޔަސް އޭނަގެ ޟަމީރު ވިސްނައިދިނީ އެއީ ހުއްދަ ނޫންކަމެއްގެ ގޮތުގައެވެ. ލަވަކިޔުންތެރިންނަށް އަޅުކަންތައްތަކަށް އެހާ ވަގުތު ދެވޭނެހެއްޔެވެ؟ ޔަގީނުންވެސް ލަވަ އެހުމަށްވުރެ ގުރުއާން ނޫނީ ލެކްޗަރެއް އެހުމުގެ ފައިދާ މާ ބޮޑެވެ.

އާޔާ ލޫސިފާގެ އެންމެ ފަހު ލަވައިން ތަންކޮޅެއް އަހައިލިއެވެ.

"ގޯޑް އިޓްސް ހިމް. ހަމަ އާރިޒްގެ އަޑު..........." އާޔާގެ މުޅި ޖިސްމުގައި ފިނިފިނި ރާޅެއް ދަތުރުކޮށް ހީބިހިނެގިއެވެ. މިއީ އޭނަކަން އާރިޒްއަށް އެނގުމުން ވާނީ ކިހިނެއްބާވައެވެ. އާރިޒް މާސްކު އަޅައިގެން ފޮރުވިގެން ހުންނަނީ އަންހެންކުދިން މޮޔަވާތީކަން ޔަގީނެވެ. އެހެރަ ފިރިހެން ޖާދުވީ އަޑެކެވެ. އެއޮތް އަސަރުގަދަ ރާގެކެވެ. އެއްއިރެއްގައި އޭނަ އެހާވަރުން މޮޔަވި ލުސިފާއަކީ އޭނަގެ ލޯބިވާ އާރިޒް ފިޔަވާ ދެވަނަ މީހެއްނޫނެވެ. އާރިޒްވެސް މިއިން ޒަމާނެއްގައި ޔޫޓިއުބަށް ލަވައެއް ލާފައި ނެތުމުން އޭނަ އެކަންތައް ހުއްޓައިލީކަމުގައި ހީކުރެވުނެވެ. އާޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އުފަލުގެ ކަރުނައެވެ.

***

ފުރުގާންއަށް އާރިކްގެ އާއިލާއާއި ބެހޭގޮތުން ލިބުނީ ހިތްހަމަޖެހޭފަދަ ޚަބަރުތަކެވެ. އާރިކްގެ މައިންބަފައިންނަކީ އެމެރިކާގެ ބިލިއަނަރުންނެވެ. މަޝްހޫރު މައިކަލް އާއިލާއަށް ނިސްބަތްވާ ބަޔެކެވެ. އެމީހުންނަކީ އާ މުސްލިމުންނެވެ. އެންމެ އަޖައިބުވީ ފުރުގާންމެންގެ އާއިލާގެ ބަޔަކާއި ޒަމާންވީ ގުޅުމެއް އޮތް ބަޔެއްކަން އެނގުމެވެ. އެފަދަ މަޝްހޫރު މުއްސަދި އާއިލާއެއްގެ ޅީ ދަރިއަކަށްވުމަކީ ކޮންމެ އަންހެންކުއްޖަކަށްޓަކާ މައިންބަފައިން ދެކޭނެ ހުވަފެނެވެ.

ފުރުގާން އާރިޒް ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރިއަށް ވަނެވެ.

އާރިޒް ނުކުތީ ފާޚާނާއިންނެވެ. ތުވާލިން މޫނު ހިއްކަމުންނެވެ. ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑު އަދި ލޯ އާރިކްއާއި ތަފާތެއް ނެތަސް އިސްތަށިގަނޑުއޮތީ ކުރުކޮށް ކޮށާލާފައެވެ. އެންމެ ނަޒަރަކުންވެސް އެދެބެންގެ މިޒާޖު ތަފާތުވާނެވަރު ފުރުގާން ދެނެގަތެވެ. އެންމެ އަޖައިބުވީ އާރިޒްއަށް އޭނަ ފެނިފައި ސިހުން ލިބުނުވަރުންނެވެ. މޫނަށް އެރި ކުލަވަރާއިއެކު އާރިޒްއަތުން ތުވާލި ދޫނުވީ ހަމަކިރިޔާއެވެ.

"އައިމް ޑޮކްޓަރ ފުރުގާން. އާޔާގެ ބައްޕަ. ހާލު ކިހިނެއް..."

"މިއަދު ޑިސްޗާޖްކޮށްލާނެ........"އާރިޒް ހިންދިރުވައިލިއެވެ.

"ޕްލީޒް ހޭވް އެ ސީޓް...."

"އާރިޒްގެ ފްލައިޓަށް ދިމާވި ހާދިސާގެ ވާހަކަ އަހައިފިން. ހުރިހާ ނޫސްތަކެއްގައި ކެޕްޓަނަށް ތައުރީފުކޮށްފައި އޮތް. ކެޕްޓަނުގެ މޮޅުކަމުންނޭ ފްލައިޓްގައި ތިބި މީހުން ސަލާމަތްވީ. ކްރޭޝްނުވީ..އޭވިއޭޝަން އެކްސްޕާޓަކަށްނުވީމަ އަހަންނަކަށްވެސް ނޭގޭ އޭގައި އެހިނގި ހާދިސާއާއި ކެޕްޓަނުންގެ މޮޅުކަމުން އެފަދަ ވަގުތެއްގައި ކުރެވިދާނެކަމެއް............................" ފުރުގާން މަސައްކަތްކުރީ އާރިޒްގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ކަނޑުވާލާށެވެ. އާރިޒް ފެންފުޅި ކަރުތެރެއަށް އޮއްސާލުމަށްފަހު ބުނެލީ ހަމައެންމެ ޖުމްލައެކެވެ. އޭނަ ނޫން ކެޕްޓަނެއް ހުރިނަމަ ފްލައިޓް ކަހާލައިގެން ނުދާނެކަމަށާއި ނޫސްވެރިން ޚުޝާމަދުކުރަނީކަމަށެވެ.

"ވަރަށް ހިތްތިރި. އާޔާގެ ބައްޕަގެ ހައިސިއްޔަތުން މިއަދު އެއްޗެއް ބުނެލާނަން. ވަރަށް ހައިރާންވި އާރިކް ފޮނުވައިގެން ޕްރޮޕޯސްކުރީމަ. މިހާރު އެނގިއްޖެ އާރިޒްއަށް ނުކެރޭކަމާއި ޖެހިލުންވާވަރު. ތަންކޮޅެއް ކެރޭ ހިތްވަރުގަދަ ދަނބިދަރިއަކަށް އަހަރެން އުއްމީދުކުރީ. ނަމަވެސް ވިސްނާލީމަ އަހަންނަށް އެސިފަވެސް ކަމުގޮއްސި. އާޔާއަކީ ފުރަތަމަ އަންހެންދަރިފުޅަށް ވެފައި އެދަރިފުޅުގެ މަންމަ އޭނަ ތުއްތުއިރު ދުނިޔެ ދޫކުރީމަ އަހަރެން އެކުއްޖާ ބެލެހެއްޓީ ވަރަށް ލޯބިން. ވަރަށް ޚާއްސަވި. މަންމައާއި ބައްޕައެއްގެ ލޯބިވެސް ދޭންޖެހުނު. ޝީއިޒް މައި ލިޓްލް ގާލް. އަހަރެން އަބަދުވެސް ބޭނުންވީ އަހަންނަށްވުރެ އެ ދަރިފުޅުދެކެ ލޯބިވާނެ އަޅާލާނެ ވަފާތެރި ބައިވެރިއެއް. އަދި އަހަންނަށް އާރިޒް ނުވެސް އެނގޭ..............."

އާރިކް ފުރުގާންކައިރިން ކައިވެންޏަށް އެހިކަން އެނގުމުން އާރިޒްއަށް ލިބުނު ޝޮކްގައި ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރިއިރު މޫނުމަތި ރަތްވެއްޖެއެވެ. ޓޭންވެފައިވާ މޫނުމަތިންވެސް ލަދުގަތްވަރު ފާޅުވާން ހުއްޓެވެ. ފުރުގާންއަށްވެސް އެކަންފާހަގަވިއެވެ. އާރިޒް އެހާ ހައިރާންވެފައި އެހެރީ އާރިކް އޭނައަށް ނާންގާ ކައިވެންޏަށް އެހީބާވައޭވެސް ހިތަށް އެރިއެވެ. އާރިކްގެ ލާނެތްކަމުން ކޮއްކޮއަށް ސަޕްރައިޒެއްދޭން ބޭނުންވީކަން ނޭގެއެވެ.

"އާޔާ ގަބޫލިއްޔާ އަހަރެން މިހިރީ ރުހުން ދޭގޮތަށް...." ފުރުގާންގެ ނިންމުން އިއްވިއެވެ.

އާރިޒް އިސްޖެހިއެވެ. ފުރުގާންގެ އެ ޖުމްލައިން ހިތަށް އުފާވެރިކަމެއް ލިބުމުގެ ބަދަލުގައި އޭނަގެ ހިތުގައި ހާސް ސުވާލުތައް އުފަންވިއެވެ. ފުރުގާން އެ ހުށަހެޅުމަށް އެއްބަސްވީ އޭނަގެ ހަގީގަތް އެއްވެސް ވަރަކަށް ނޭގިހުރެއެވެ. އެންމެ ކުޑަވެގެން އޭނައަކީ ފުރުގާންގެ ގޭގައި ދިރިއުޅުނު އާރިޒްކަންވެސް ރޭކާނުލާނެކަމާއިމެދު ޝައްކެއްނެތެވެ. ބަލްސަމްއަށް އާރިޒް އެނގުމުންވެސް ސިއްރުކޮށްގެން ހުރީ ބާވައެވެ. މައްސަލައަކީ އަދި އެއީއެއް ނޫނެވެ. އޭނަގެ މަންމަގެ ގާތިލުންނަކީ މި އާއިލާކަމަށް ބުނެ ބަދަލުހިފަން އޭނައަށް ބާރު އަޅާ މަޚުލޫގުންތަކެއްވާތީއެވެ. ދުވަހަކު އެ މަންމައާއި ބައްދަލުނުވިޔަސް އާރިޒްގެ ހިތުގައި އެމަންމައަށްޓަކާ އަސަރުތަކެއް ހިނގާ އެމަންމައަކީ ކާކުކަން ހޯދުމުގެ ޚިޔާލު ބޮޑުވެފައިވާއިރު މަންމަ މަރާލުމުގައި މިމީހުންގެ ދައުރު އެނގެންވެސް ބޭނުމެވެ. ހަނދާންތައް އެނބުރި އައުމަށްފަހުގައިވެސް އޭނަގެ މާޒީގައި ހިތިކަމާއި ކަރުނަ ނޫން އެއްޗެއް ނެތެވެ. އެންމެ ލޯބިވާ އަންހެންކުއްޖާއާއެކު ދިރިއުޅުމަށް ފަށަން އަލިވިލުނުއިރު އޭނަގެ މަޖުބޫރީ ހާލަތު ހިތް ކުދިކުދިކުރުވައިފިއެވެ. އެހިތުގައި އާޔާއަށްޓަކާ އުފެދެންޖެހެނީ ލޯތްބެއް ނޫނެވެ. ނަފްރަތެވެ. ނަމަވެސް ހިތުގައި ލައްވާ އިހުސާސްތަކަށް އަމިއްލަ ބާރު ފޯރުވޭނެހެއްޔެވެ.


***

ފައިނާ ޝަކީރާގެ އަނގައިގާ ނޫޑުލިސް ސުވަލެއް ލެއްވިއެވެ. ޓިޝޫއަކުން އަނގަމަތި ފޮހެދިނެވެ. ފަކުރުގަތަސް އާރިޒްއަށްޓަކާ މިއަދު އޭނައަށް މަޖުބޫރެވެ. މީޑިއާގައި އާރިޒް "ހީރޯ"އަކަށް ވުމުން އެކަމާއިހެދިވެސް ފައިނާ މޮޔަވާވަރުވިއެވެ. އާރިޒް އިންނަން އެހިއިރު އާއެކޭ ނުބުނެވުނުކަމުން އެކަމާއި ހިތާމަނުކުރާ އެންމެ ސިކުންތެއް ނުދެއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އާރިޒް ނޫން އެއްވެސް ކަމަކާ އޭނައަށް ޚިޔާލުކުރެވެނީއެއް ނޫނެވެ. ހަތަރުދަމު ވިސްނެނީއެވެ. ކޮންމެފަދަ ހަގުރާމައެއްކޮށްގެން ވެސް އޭނަ އާރިޒް ހާސިލުކުރާނެއެވެ.

"ޕްލީސް ޕްލީސް ޕްލީސް ޝަކީރާދައްތާ. އާރިޒްއަށް މާމަމެންގެ ވައުދު ފުރިހަމަކުރަން މަޖުބޫރުކުރުވާ"

"ޝަކީރާދައްތައަށް ބުނެވޭނީ ދޯ. އެފަހުން މިހާރު ހަ އަހަރުވެއްޖެ..."

"އޭރު މަށަށް ނުވިސްނުނީ.." ފައިނާ ރޮއެގަތެވެ.

ޝަކީރާ ޒާތަކަށް ހެވިފައި އިނެވެ. އޭނައަށް ފައިނާގެ ދެއްކުންތެރިކަމާއި ނުލަފާކަން ނޭގެނީއެއް ނޫނެވެ. އާރިޒްގެ މޫނުމަތިން ލަފުފިލާ ރީތިކަން ލިބުމުން ފައިނާ ބަދަލުވިޔަސް ކުރިން އިންނަން އެއްބަސްނުވީއެވެ. މިހާރު ކޯންޗެކޭ ކިޔާކަށްހެއްޔެވެ؟ ދަލޭކައާއިމެދު އެއާއިލާއިން ކަންތައްކުރާގޮތް ދަލޭކަ ރޮއިރޮއިފާ އޭނައަށް ކިޔާދިނެވެ. މުސްކުޅިވެ އަޅާލާނެ މީހަކަށް ބޭނުންވި ދުވަހު އެފަކީރަށް ކާއެތިކޮޅެއް ދިއްކޮށްލުން އެމީހުންނަށް ބުރައެވެ. ނިދަނީ ބިންމަތީގައެވެ. ފައިގާ ރިއްސާވަރުން އެކަނި ފާޚާނާއަށް ނުފޯރައިގެން ބުނިއްޔާ ކޮށްޕާފައި ގެންދާއިރު އެއްވެސް ކުލުނެއް ހަމްދަރުދީއެއް ނުހުރެއެވެ. އެވަރުގެ ބަޔެއްގެ ތެރެއަށް އޭނަގެ ދެލޯފަދަ އާރިޒް ވެއްދުމަށްވުރެ އޭނަ މީހަކާއި ނީދެ ހުސްހަށިބަޔަށް ހުއްޓަސް ހާސް ބައި ރަގަޅުވާނެއެވެ. އޭނަ މުސްކުޅިވެ އަބަހައްދަވެފައިވާ ކަމަށް ހީކުރެވި ފައިނާ އޭނަގެ ސިކުނޑިއަށް އެރެން މަސައްކަތްކުރާކަން އޭނަ މިހިރީ ފިސާރި ވިސްނައިގެންނެވެ.

***

އާރިޒްގެ އެނދުމަތީގައި އޮތް ބެއާއަށް ބަލަހައްޓައިގެން އިނީ ހައިރާންވެ އަންތަރިސްވެފައެވެ. މި ބެއާ މިކޮޓަރިއާއި ހަމަޔަށް އައިގޮތެއް ވިސްނަ ވިސްނާ އޭނައަކަށް ނޭގުނެވެ. ހަމައެކަނި ޖިންސްލައިގެން އޮތްއިރު ބެލްކަނީގެ ދޮރު ކަހާލާފައި ހުރިކަން އެނގުމުން ބޯ ހޫރާލެވުނެވެ. އޭނައަށް ބާރު ފޯރުވާ އެ "ލޫގާ" ގެ މިފަދަ ކުދި ގޯނާތަކުންވެސް ސަލާމަތްދެން ނުވާނީބާވައެވެ. ލުއިލުއި ވައިރޯޅިތައް އެތެރެއަށް ވަދެ އޭނަގެ ހަށިގަނޑުގައި ބީހެމުންދާއިރު އަރާމު ފިނިކަމެއް އިހުސާސްކުރެވެއެވެ. އާރިޒް ބަނޑުމަތީ ބައިންދައިގެން އިން ބެއާއާއި އެތައް ސުވާލެއް ކުރިއެވެ.

"ހެލޯ ލިޓްލް ބްރަދާ...." އާރިކް ވަންގޮތެއް ނޭގި ފެނުނީ އެނދުގެ މަގަތުގައި އިންދައެވެ.

"އިޑިއަޓް. ދޭ ކުރިމަތިން.............." އާރިޒް ބާލީހުން ޖެހިއެވެ.

"ކާމްޑައުން......."

"ވައިޑިޑް ޔޫ ޑޫ ދެޓް. މަށެއް ނުބުނަމެއްނު އާޔާގެ ބައްޕައާއި ވާހަކަދައްކާށޭ. އަހަންނޭ ހުރިހާ ލަދެއް ގަންނަން ޖެހުނީ. އައިމް ނޮޓް ރެޑީ ޓު މެރީ ހާ....ނޮޓް ޔެޓް. އިވިއްޖެތަ؟ އަހަރެންގެ ރޫމަށޭ އޭނަ އައީ. ޕްރޮޕޯސްކުރިއޭ ބުނީމަ ޝޮކް ލިބުނުވަރުން މަގޭ ހިތް ނުހުއްޓުނީ ކިރިޔާ...." އާރިޒް ބުމަ ކައިރިކޮށްލަމުން ނުރުހުމާއިއެކު ވާހަކަދެއްކިއެވެ.

"އާޔާ މޮޔަވެދާނެ....."

"މޮޔަވިޔަދީ. ލޫގާ އާއި އެހެން މަޚުލޫގުންތައް އައިސް އެކިޔަނީ އަހަރެމެންގެ މަންމަ މަރައިލި ފެމިލީއޭ. ވީއިރު ތިހާވަރުން އެއާއިލާއާއި ގުޅުން ބާއްވަން އެރިކް ބޭނުންވާ ސަބަބެއް ބުނެބަލަ. އަހަރެން ޑާކްގައި ނުބަހައްޓާ ކިޔާދީބަލަ. މަންމައަކީ ކާކުތަ؟ ކޮބާ މަންމަގެ ފެމިލީ؟ ކޮބާ ބައްޕަ............ކީއްވެ އަހަރެން އަނދިރީގައި ބަހައްޓަނީ؟ މަށަކަށް ވާނުވާއެއް ނޭގޭ. އަދި މި ބެއާ........މި އަހަރެން އެތައް އަހަރެއްކުރިން ސްވިޒަލޭންޑްގައި ހުރެ އާޔާއަށް ދިން ބެއާއެއް. މި ކޮޓަރިއަށް މީތި ވަނީ އުދުހިފައިތަ؟ ހުވާ އަހަރެން މޮޔަވެދާނެ......" އާރިޒް ތަންކޮޅެއް މައިތިރިވެލާފައި އާރިކްގެ މޫނަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ.

"ޓެލް މީ އެވްރީތިން އެރިކް....."

"މި ވާހަކަ އިވުނީމަ ފެއިންޓް ނުވައްޗޭ ލޫސިފާ..............."

"އައި ހޭވް ކޮމްޕެނީ . ހީޒް އެ ޑޮކްޓަރ. ސޯ ކޮންކަމަކާ ވޮރީވާންވީ. މަ ހޭނެތުނަސް ނޫނީ ކޯމާއަކަށް ދިޔަސް ހެލްޕްވާނެ މީހެއް ކައިރީގައި މިހުރީނު. ހޫމްމް ހޭނެތޭހާ ވަރުގަދަ ވާހަކައެއް ދޯ ބުނަން ތިއުޅެނީ..." އާރިޒް ހެޑްބޯޑުގައި ބާލީސް ޖައްސާލައިގެން ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި ބެލްކަންޏަށް އޭނަގެ ލޯ އިރުކޮޅަކަށް ހުއްޓުނެވެ. އޭނަ ހޮސްޕިޓަލުން ގެއަށް އައިއިރު ކޮޓަރިތެރޭ ހުރި ފަރުނީޗަރުތައް ބަދަލުކޮށްލާފައި ހުރީ އެނދުގައި އޮންނައިރުވެސް އާޔާގެ ބެލްކަނި ފެންނަގޮތަށެވެ. އޭނަ ދެކުނީ އާރިކްއާއި ޖަނާހު ޖެއްސުމަކަށް ކޮށްލިކަމެއް ކަމަށެވެ.

(ނުނިމޭ...)

https://sun.mv/121581

comment ކޮމެންޓް