ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ އެކުދިން ބޮޑުވެގެން ދާއިރު އަމިއްލައަށް ކޮންމެވެސް ކަހަލަ އާމްދަނީއެއް ހޯދާނެ ގޮތްތަކެއް ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން ކޮމްޕިއުޓަ ސްކިލްސް، ފެހުން، ޑިޒައިން ފަދަ ތަފާތު ހުނަރުތައް އެ ޕްރޮގްރާމުގެ ތެރެއިން ދަސްކޮށްދެއެވެ.

ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން ވިދާޅުވީ ވޮކޭޝަނަލް ޕްރޮގްރާމް ކުރިއަށް ގެންދަން ދިރާގު ފަދަ ކުންފުނިތަކުގެ އެހީ ވަރަށް މުހިންމު ކަމަށެވެ.

ކުންފުނިތަކުން އެންޖީއޯތަކަށް އެހީތެރިކަން ލިބޭ ކަމުގައި ވާނަމަ، ދެމެހެއްޓެނެވި ގޮތަކަށް ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމުގެ މަގުފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ކްލާސްތައް ދެމެހެއްޓެނެވި ގޮތެއްގައި ފާއިތުވެދިޔަ ތިން އަހަރު ކުރިއަށް ގެންދެވިފައިވާ އެއް ސަބަބަކީ ދިރާގުން ދެމުންގެންދާ އެހީތެރިކަން ކަމުގައި މުހައިމިން ފާހަގަކުރެއްވިއެވެ.

ދިރާގުން ބުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިނަން އެހީތެރިކަން ފޯރުކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ އެ ކުންފުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ ކެއާ ސޮސައިޓީގައި އާލީ އިންޓަވެންޝަން ކްލާހެއް ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން ފޮ ޕާސަންސް ވިތް ޑިސްއެބިލިޓީސް، އަދި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ފަދަ އެންޖީއޯތަކުގެ ތަފާތު ޕްރޮގްރާމްތަކަށް ދިރާގުން ވަނީ އެއްބާރުލުންދީފައެވެ.

ހަމައެއާއެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ވެސް، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ކޮންމެ އަހަރަކު ބާއްވާ ހަރަކާތެކެވެ.

comment ކޮމެންޓް