މަގޭ ވާހަކަ: ކަސްރަތުގެ ދުނިޔެ ބަދަލުކޮށްލަން ޒުވާން ހިތްވަރެއް

ހެނދުނު ހެނދުނާއި އޭނާ ދަނީ ރަސްމީ މަސައްކަތުގައި އޮފީހަށެވެ. ޒިންމާ ވަކި ކުޑައެއް ނޫނެވެ. އޮފީހުގެ އިދާރީ އެންމެހާ ކަންކަން އިސްވެ ބެލުމުގެ އެންމެ ބޮޑު އެއް ޒިންމާ އެވެ. އޮފީސް ނިންމާލުމަށްފަހު އަވަސް އަވަހަށް ގޭގެ ކަންކަން ބެލެހެއްޓުމަށްފަހު ހިނިތުންވުމާއެކު މަރުހަބާ ކިޔަނީ އޭނާގެ ކްލައިންޓްސް އަށެވެ. އެ ފެށުނީ ނުރަސްމީ ވަޒީފާ އެވެ. ފިޓްނަސް އިންސްޓްރަކްޓަރެކެވެ. އޭނާގެ ހާއްސަކަމަކީ، މާބަނޑު މީހުންނާއި ވިހެއުމަށްފަހު ރިކަވަރީ އަށް އަމާޒުކޮށް ކަސްރަތު ކުލާސްތައް ނަގައި ދިނުމެވެ. ކްލާސްތައް ނިންމާލުމަށްފަހު އިރުއޮއްސުމުން އަވަސްވެ ގަންނަނީ ކިޔެވުމައިގެންނެވެ. ތައްޔާރު ވަމުންދަނީ އޭނާގެ ޕީއެޗްޑީގެ ތީސީސް އަށެވެ.

މިއީ ސަންގެ 'މަގޭ ވާހަކަ' ސެގްމަންޓްގެ ފުރަތަމަ މެހެމާނު ރަނާ އަހްމަދު ހަމީދު އެވެ. ރަސްމީ ގަޑީގައި އޭނާ އަކީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ އެސިސްޓަންޓް ޑިރެކްޓަރެކެވެ. ފާއިތުވެދިޔަ ހަތް އަހަރު މި މިނިސްޓްރީގައި އޭނާ މަސައްކަތްކުރަމުން އަންނައިރު، އެކަމުގެ އިތުރަށް އޭނާއަކީ ފިޓްނަސް އިންސްޓްރަކްޓަރެކެވެ. ރާއްޖޭގައި މިވަގުތު ތިބި މަދު ބަމްޕް އެންޑް ބިޔޯންޑް ޓްރެއިނަރުންގެ ތެރެއިން އެކަކެވެ.

އޯލެވެލް ނިންމާލުމަށްފަހު ކޮމިއުނިކޭޝަންގެ ދާއިރާއިން ފައުންޑޭޝަން ހާސިލްކުރުމަށްފަހު އޭނާ ޑިގްރީ ހެދީ ޕަބްލިކް ރިލޭޝަންސްއިންނެވެ. އެއަށްފަހު ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހެދުމަށްފަހު މިހާރު އޭނާދަނީ މާކެޓިން ބިޒްނަސް އިން ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.

ފިޓްނަސް އިންސްޓްރަކްޓާ ރަނާ،

ކިޔެވުމާއި މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ފިޓްނަސްވެފައިވަނީ ޢޭނާގެ ހޮބީ އަށެވެ. އަދި ދުވަހުގެ ވަރުބަލިކަމާއި ނުތަނަވަސްކަމުން ހިތް އުފާކޮށްދީ ސިކުޑި ހަމަޖައްސުވާލަދޭ ބައިވެރިޔާއަށްވެސް މެއެވެ.

ރަނާ ބުނާގޮތުން އެކިތަންތަނަށް ޓްރެވަލްކޮށް އުޅޭއިރުވެސް ފިޓްނަސް ކޯހެއް ނުވަތަ ވޯކްޝޮޕެއްގެ ފުރުސަތު އޮތްނަމަ އެކަމެއްގައި އޭނާ ބައިވެރިވެއެވެ.

މީގެ ދެއަހަރު ކުރިން، ގާތް ރައްޓެހިންނާ އެކީ ކަސްރަތުކޮށް ދަސްކޮށްދޭން ފެށިއިރު އޭނާއަށް ފާހަގަވި އެއްކަމަކީ ގިނަ އަންހެން ކުދިން ބަލިވެ އިނުމުން އަދި ވިހެއުމަށްފަހު ކަސްރަތުކުރުމާއި ދުރަށްދާކަމެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޭނާވަނީ މެލޭޝިޔާއިން މިކަމަށް ހާއްސަ ބަމްޕް އެންޑް ބިޔޯންޑް ކޯސް ފުރިހަމަކޮށް އެފަދަ ފަރާތްތަކަށް ކުލާސްތައް ނަގައިދޭން ފަށާފަ އެވެ.

"އަސްލު އެންމެނަށްވެސް ވިސްނިފައި އޮންނަނީ ޕްރެގް ވީމަ ދެން ޖެހޭނީ ރެސްޓް ކުރަންށޭ.. އެކަމަކު އަސްލު ކަސްރަތު ކުރަންވެސް ޖެހޭ.. އެކަމަކު ވަރަށް އުނދަގޫ އެ ވިސްނުން ބަދަލު ކުރަން" ސަން އާއި ވާހަކަދައްކަމުން ރަނާ ބުންޏެވެ.

ރަނާ އޭނާގެ މައިންބަފައިންނާއި އެކު --

މީގެއިތުރުން އޭނާއަކީ ސެޓިފައިޑް ނިރްވާނާ ފިޓްނަސް އިންސްޓްރަކްޓަރެއްވެސް މެއެވެ. ގެޓް ފިޓް ވިތް ރަން ތައާރަފްކޮށް މިހާރުވެސް 30 ކްލައިންޓުންނަށް ގަވާއިދުން ކްލާސްތައް އޭނާގެ ގޭގައި ނަގާދެމުން އަންނައިރު، ކްލައިންޓުންނާއި އާއިލާ އަދި ފިރިމީހާގެ ފަރާތުން މިކަމަށް ލިބޭ ތަރުހީބު އޭނާ އުފަލާއި އެކު ފާހަގަކުރެއެވެ.

ރަނާ ބުނާގޮތުން ކުރާ ކަމަކަށް ޝައުގުވެރިކަން ހުންނަނަމަ ކިތަންމެ ގިނަ އަދި ބޮޑެތި ގޮންޖެހުންތަކެއް ފޫއަޅުވާލާފައި ވެސް އޭނާ އެކަމެއް ކާމިޔާބުކުރާނެ އެވެ.

comment ކޮމެންޓް