ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެއުޅެނިކޮށް ހިފަހައްޓާފައި ވަނީ ލަންކާގެ ހަތަރު ބޯޓު ކަމަށާއި، ހަތަރު ބޯޓުގައި ޖުމްލަ 27 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މަސްބޯޓުތައް ފެނުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި މިމަހުގެ ހަތަކުން ފެށިގެން މިއަދުގެ ނިޔަލަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދިޔަ ޑޯނިއަ ފްލައިޓްގެ ސަވައިލަންސް އޮޕަރޭޝަނަކުންނެވެ.
އެ ބޯޓުތައް ފެނިފައި ވަނީ ވ.ފުލިދޫ އިރުން 140 ނޯޓިކަލް މޭލު ބޭރުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ލެފްޓިނެޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އުޅަނދުތަކުން ވަރަށް ގިނަ އަދަދެއްގެ މަސް ފެނިފައިވާ ކަމަށެވެ.
އެގޮތުން ދެ އުޅަނދުގައި ހަތަރު ޓަނު މަސް ހުރި ކަމަށާއި، ބޯޓު ހިފެހެއްޓީ މަސް ބާނަން ތިއްބައި ނޫން ނަމަވެސް، މަސް ބާނާފައިވާ ކަމުގެ ހެކި ހުރިހާ ބޯޓަކުން ވެސް ފެންނަން ހުރި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ މިހާރު އެ ބޯޓުތައް ފުލުހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ވެސް ކުރިއަށް ގެންދާނީ ފުލުހުން ކަމަށެވެ.