އުނޫޝާގެ އާ ލަވަ: މާމަ އާއި މަންމަގެ ފަރާތުން ދަރިފުޅަށް

އުނޫޝާއާއި އޭނާގެ މަންމަ ޝަފީގާ ---ފޮޓޯ:އުނޫޝާ

މަރިޔަމް އުނޫޝާ، ނުވަތަ ކިޑީއަކީ ދިވެހި މިޔުޒިކީ ދާއިރާގައި އިތުރު ތައާރަފަކަށް ބޭނުން ނުވާނެހާ ކުޅަދާނަ އަދި ހުނަރުވެރި ފަންނާނެކެވެ. ދާދިފަހުން އޭނާއަށް ލިބުނު އަލަތު ދަރިފުޅާއި އެކު މިހާރު އޭނާވަނީ މުޅިން އާ ލަވައެއް ނެރެފައެވެ. މި ލަވަައަކީ ޖޭމު ދޮންކަމަނަގެ "ނާނާ" ގެ ކަވާރ އެކެވެ.

މި ލަވައަކީ އުނޫޝާއާއި ބާޗީ ނެރެން އުޅޭ މުޅިން އާ 'ނާނާ' އަލްބަމެއްގެ ފުރަތަމަ ލަވައެވެ. އުނޫޝާއާއި އޭނާގެ މަންމަ ޝަފީޤާގެ އަޑުވެސް މި ލަވައިން އިވިގެންދާއިރު މި ލަވަ ރިކޯޑްކޮށްފައިވަނީ އުނޫޝާ އޭނާގެ ދަރިފުޅަށް ބަލިވެއިން ދުވަސްވަރުގައެވެ.

"ނާނާ" ލަވައިގެ ކަވާއާއި ބެހޭގޮތުން އުނޫޝާގެ ފިރިމީހާ އަދި މެނޭޖަރު އިބްރާހިމް ހަމީޝް (ހަމީ) ބުނީ މި ލަވަ ހާއްސަވާ އެތައް ސަބަބެއް އެބަހުރި ކަމަށާއި މިއީ އެތައް ބައެއްގެ ފޮނި ހަނދާންތަކާއި ގުޅިފައިވާ ލަވައެއްކަމަށެވެ.

މި ލަވައިގެ އޮރިޖިނަލް އަކީ 80 އާއި 90ގެ ތެރޭގައި ބޮޑު މަގްބޫލްކަމެއް ހޯދައިފައިވާ ޖޭމު ދޮންކަމަނަ ކިޔާފައިވާ ލަވައެކެވެ.

މިފަދަ ލަވައެއް އިޚްތިޔާރު ކުރީ ކީއްވެތޯ އަހާލުމުން ހަމީޝް ބުނީ، ލަވަ ހެދުމުގެ މަސައްކަތް ފެށިފައިވަނީ އުނޫޝާ ބަލިވެއިން ދުވަސްވަރު ބާޗީއާއި އެއްކޮށް ހާއްސަ މަސައްކަތެއް ކޮށްލުމުގެ ގޮތުންކަމަށާއި، މައިގަނޑު މަގްސަދަކަށްވީ ދިވެހި ބަހުން އިވޭ އަސްލު ނާނާތައް މަދުވުމުން އެފަދަ ނާނާތަކެއް ދިވެހިންގެ ތެރެއަށް ތައާރަފްކޮށް ދަރިފުޅަށްވެސް ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ފަހު ސީޒަންއަށްފަހު އުނޫޝާގެ މާ ގިނަ މަސައްކަތްތަކެއް ނުފެނެއެވެ. އެއަށްފަހު އިވުނީ އޭނާއަށް ތުއްތު ފިރިހެން ކުއްޖެއް ލިބުނު ވާހަކައެވެ. ހަމީޝް ބުނީ ކިޑީއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށެވެ.

މި ލަވަ ހިމެނޭ އަލްބަމްގައި މިފަދަ އޮރިޖިނަލް ދިވެހި ގިނަ ނާނާތަކެއް މިހާރާއި ގުޅޭނެހެން ހުންނާނެކަމުގައި ހަމީޝް ބުންޏެވެ.

މި ލަވައިގެ އޮރިޖިނަލް ލިރިކްސްއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ. ލަވައިގެ ކަވާރ ނެރުމަށް ހުއްދަދިން ކަމަށްޓަކައި ޑިންބާ މިއުޒިކްގެ އިޝާންޓޭއަށް، ހަމީޝް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއެވެ.

މި ލަވައަކީ އުނޫޝާ ކުޑައިރު އޭނާގެ މަންމަ ޝަފީގާވެސް ކިޔާއުޅުނު ނާނާއެއްކަމުން ދެ މީހުން އެއްކޮށް މިލަވަ ކިޔާލާ އަޑު އިވުމަކީ މި ލަވަ ހާއްސަވި މުހިންމު ސަބަބެކެވެ.

ސައުންޑްކްލައުޑަށް އަޕްލޯޑްކޮށްލުމާއެކު ބޮޑު ތަރުހީބެއް މި ލަވައަށް އަންނަނީ ލިބެމުންނެވެ. ލަވަ ކިޔާފައި ވާލެއް ފުރިހަމަކަމާއި، ނާނާއެއްގެ ގޮތުގައި ގެނެސްދީފައި ވާލެއް މި ޒަމާނާ ވަރަށް ގުޅެއެވެ. އަދި ޝަފީގާގެ އަޑުން އިތުރު ފުރިހަމަކަމެއް ލަވައަށް ގެނެސްދެއެވެ.

މި ލަވަ ހިމެނޭ އަލްބަމް ވެގެންދާނީ އުނޫޝާއާއި ބާޗީގެ ފުރަތަމަ އަލްބަމަށެވެ. ހަމީޝް ބުނިގޮތުގައި މިހާރު ކުރެވެމުންދަނީ އަލްބަމްއަށް ސްޕޮންސަރުން ހޯދުމުގެ މަސައްކަތެވެ. އެހެންކަމުން ވަރަށް އަވަހަށް މި އަލްބަމް ރިލީޒްކުރެވޭނޭ ކަމުގެ އުފާވެރި ޚަބަރު ކިޑީއާއި ހަމީޝްގެ ފަރާތުން ދިނެވެ.

comment ކޮމެންޓް