އުރުގުއޭ ބަލިކޮށް ޕެރޫއިން ސެމީގެ ފަހު ޖާގަ ކަށަވަރު ކޮށްފި

އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ރޭގެ މެޗުގައި ޕެނަލްޓީ ނާކާމިޔާބު ވުމުން މާޔޫސް ވެފައި --- ފޮޓޯ/ޕެޓްރިކް ރިޖް

ބްރެޒިލްގައި މިހާރު ކުރިއަށް ދާ ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި ވަރުގަދަ އުރުގުއޭ ރޭ ކަޓުވައިލުމަށް ފަހު ޕެރޫ އިން ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފި އެވެ.

ސަލްވެޑޯރު ސްޓޭޑިއަމުގައި ރޭ ކުޅުނު ވާދަވެރި އެ މެޗުން ޕެރޫ ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމަށް ވެސް ލަނޑެއް ޖެހިފައި ނުވާތީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީއިންނެވެ. ކޮޕާ އެމެރިކާގެ ގަވާއިދުގައި ވާގޮތުން ކުއާޓާ ފައިނަލުގެ މެޗުތަކުގައި އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތަށް ނުގޮސް ދާނީ ސީދާ ޕެނަލްޓީއަށެވެ.

ޕެރޫގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އަނެއް ތިން ޓީމަކީ އާޖެންޓީނާއާއި ޗިލީގެ އިތުރުން މުބާރާތް ބާއްވާ ބްރެޒިލް އެވެ.

އުރުގުއޭއިން ވަރުގަދަ ސްކޮޑަކާ އެކު ރޭގެ މެޗަށް ނުކުތް އިރު އެ ޓީމުން ވަނީ މީގެ ކުރީން މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. އަނެއްކޮޅުން ޕެރޫ ކުއާޓާއަށް ދަތުރު ކުރީ ވެސް ގުރޫޕު އޭ ގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން އެންމެ ފަހުން ގުރޫޕު ސްޓޭޖުގައި ކުޅުނު މެޗުގައި ބްރެޒިލް ވަނީ އެ ޓީމު ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ.

ނަމަވެސް އުރުގުއޭގެ ފޯވާޑުން ރޭގައި އުފެއްދި ހަމަލާތައް ހިފެހެއްޓުމުގައި ޕެރޫގެ ޑިފެންސާއި ގޯލް ކީޕަރު ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އުރުގުއޭއިން ފުރަތަމަ ހާފުގައި ވަނީ ދެ ގޯލެއް ޖަހައިފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ދެ ގޯލު ވެސް އޮފްސައިޑު ކަމަށް ނިންމާފަ އެވެ. ފުރަތަމަ ހާފުގައި އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީއަށާއި ޑިފެންޑަރު ޑިއޭގޯ ގޮޑިންއަށް ވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބިފަ އެވެ.

އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ޕެރޫ އިން ވަނީ އެކަމުގެ ފައިދާ ނަގައި ޓީމުގެ ކުޅުން ރަނގަޅު ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ވެސް ދެ ޓީމުން ކުރެ އެއް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ޖެހި ޕެނަލްޓީ ޕެރޫއިން ކާމިޔާބު ކުރީ 4-5 ގެ ނަތީޖާ އަކުންނެވެ. ޕެރޫ އިން މެޗުގައި ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރި އިރު އުރުގުއޭގެ ޕެނަލްޓީ ގެއްލުވައިލީ އެ ޓީމުގެ ބާސެލޯނާ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.

comment ކޮމެންޓް