ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ގެއްލުނު މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހާޒިރުކުރި ކޮމެޓީ ސިއްރުކޮށްފިއެވެ.
އެ މައްސަލައިގެ ޝިދާތާ މިރޭ ހާޒިރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށެވެ. އެ ކޮމެޓީ ސިއްރު ކުރުމަށް ނިންމީ ކޮމެޓީއަށް ހާޒިރުވެވަޑައިގަތް ހަ މެމްބަރުންގެ އިއްތިފާގުންނެވެ.
ޝިދާތާ ހާޒިރު ކުރި ކޮމެޓީ ސިއްރު ކުރުމަށް ނިންމީ، ގެއްލިގެން ހޯދާ ޝައިމް އަކީ ކުޑަކުއްޖަކަށްވެފައި އެ ކުއްޖާހެ ހައްގަށް އުނިކަމެއް ލިބިދާނެ ކަމަށް ބެލެވޭތީ ކަމަށް ކޮމެޓީން ވަނީ ބުނެފަ އެވެ.
ޝައިމް ގެއްލުނު މައްސަލައިގެ ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވަނީ ޝައިމް ދައުލަތުގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނި ހިސާބުން އޭނާ ގެއްލުމާއި ހަމައަށް ހިނގާފައިވާ ކަންތައް ހިއްސާކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ޝައިމް އެންމެ ފުރަތަމަ ދައުލަތަށް ނެގީ އާއިލާއިން އޭނާއަށް އިހުމާލުވެގެން ކަމަށެވެ.
އޭގެ ފަހުން ދަރުމައަށް ކުދިން ބަލާ މީހަކާ ރަސްމީކޮށް ޝައިމް ހަވާލު ކުރި ކަމަށާއި ނަމަވެސް ޝައިމް އުޅެމުންދިޔައީ ކުށުގެ ވެށީގައި ކަމަށްބުނެ، އޭނާ އާއި ހަވާލުވި ފަރާތުން ވަނީ އެ ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެންމެ ފަހުން ޝައިމް ދައުލަތަށް ނެގީ މިއަހަރުގެ ޖޫން މަހު ކަމަށާއި އޭނާ ބަހައްޓާފައި ހުރީ ކުޑަކުދިންގެ ހިޔާގައި، އެހެން ކުދިންނާ ވަކިން ކަމަށްވެސް މިނިސްޓަރި އިއްޔެ ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ޝައިމް އެންމެ ފުރަތަމަ ދައުލަތަށް ނެގި ހިސާބުން އޭނާ ގެއްލުނު ދުވަހާއި ހަމައަށް ހިނގާފައިވާ ކަންތައްވެސް އާންމު ކުރައްވައިފައެވެ.
މިއާއެކު ސޯޝަލް މީޑިއާގައި މިނިސްޓަރު ޝިދާތާއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޝައިމްއާ ގުޅޭ ތަފްސީލުތައް އާންމު ކުރެވިގެން ނުވާނެ ކަމަށެވެ. ޝައިމް އަކީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށާއި ކުށުގެ ވެށީގައި އުޅުމަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކުރި ކަމަކަށް ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ. ޝައިމް އަކީ ކުށުގެ ވެށިން ގެނެވުނު ކުއްޖަކަށްވާތީ، އޭނާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.