ޓާޓާ ފްލެޓުތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ދަނީ ހޫނުގަދަވުމުން: އެޗްޑީސީ

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބަލަހައްޓާ ގާކޮށި، އަދި އަރަބިއްޔާ ފްލެޓުތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ދަނީ ހޫނުގަދަވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފަހަކަށް އައިސް ގާކޮށި އަދި އަރަބިއްޔާ ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް މަގުމައްޗަށް ފައިބާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެކަމުގެ ސަބަބުން މީގެ ކުރިން ބައެއް މީހުންނަށް އަނިޔާވެސް ވެފައިވެއެވެ.

އެކަމާ ގުޅިގެން މިއަދު އެޗްޑީސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަނާ ފްލެޓުތައް ހަވާލު ކުރުމުން، އެ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ އިންސްޕެކްޝަނުގައި ބައެއް މައްސަލަތައް ފާހަގަވި ކަމަށެވެ. އަދި އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވުނު ކަމަށް ބުންޏެވެ. އެގޮތުން އެކި ތަންތަނުގެ ރެއިލިން ބަދަލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން، ފްލެޓުތަކުގެ ބިއްލޫރިގަނޑުތަކުގައި ރެނދު އަޅައި ތަޅައިގެންދާކަންވެސް ފާހަގަ ކުރެވުނު ކަމަށް އެޗްޑީސީއިން ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ އެކަން ތަކުރާރު ވަނީ ހޫނުގަދަވުމުގެ ސަބަބުން ކަން ފާހަގަވެފައިވާ ކަމަށެވެ.

"މިކަމަކީ އާންމު ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ ކަމަކަށް ވުމުން، ވީހާވެސް އަވަހަށް މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު ދަނީ މަޝްވަރާ ކުރަމުންނެވެ." އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީއިން އިލްތިމާސްކޮށްފައި ވަނީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާއި އާންމުން އެ މައްސަލަ ހައްލު ވަންދެން ސަމާލުވުމަށެވެ. އަދި އެފަދަ މައްސަލައެއް އުޅޭކަން އެނގިއްޖެ ނަމަ އެ ކޯޕަރޭޝަނަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް