ހާފުސްކޮޅެއްހެން ހީވިޔަސް، ބޮޑު ކޮޅިގަނޑެއް

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހެވެ. ހެނދުނު އޮފީހަށް ދިޔުމަށް ޓަކައި އަޅުގަނޑު ގެއިން ނިކުތްއިރު ހުރީ، އަށެއް ޖަހަން ހައެއްކަ މިނެޓެވެ. ސައިކަލަށް އަރައި، ނައްޓައިލީ، އަށެއް ޖެހުމުގެ ކުރީން އޮފީހަށް ދިޔުމަށް ނިޔަތް ގަނެގެންނެވެ. ދުއްވާފައި ދިޔައީ، އެއްކޮޅަށް ދުއްވާ ހަނި މަގަކުންނެވެ. މަގުގެ ކަނާތްފަރާތުގައި ސުރެންސުރެން އޮތީ، އެއްގަމު އުޅަނދުފަހަރު "އަޅަން" ހާއްސަކޮށްފައިވާ ބަޔެވެ. އެހެންކަމުން އެ މަގުގައި ދުއްވާ ތަކެއްޗަށް އޮތް ޖާގަ މާ ތަނަވަހެއް ނޫނެވެ.

އަޅުގަނޑު ސައިކަލު ދުއްވާފައި ދިޔައީ، އާދައިގެ ދުވެއްޔެއްގައެވެ. ދުއްވާ އެއްޗެއްގެ ހިޔަންޏެއްހައި މިންވަރު ވެސް ކުރިމަތީން ނުފެނެއެވެ. ފަހަތުން ވެސް އެއްޗެއް އަންނަ ހެނެއް ހިޔެއް ނުވެއެވެ. ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނު ގޮތަށް، އަޅުގަނޑަށް ވަނީ، މަގު ހިތަކަށް ލިބިފައެވެ.

ތަންކޮޅަކަށް ދިޔަތަނާ، މަގުގެ ވާތްފަރާތުގައި އޮތް ހަނިހަނި ދުވާރުމަތީން، ހިނގާފައި އަންނަ ހިމަތޮޅި އަންހެނަކު ފެނުނެވެ. އެއީ އެ މަގުން އެވަގުތު އަޅުގަނޑު ފެންނާން ހުރި ހަމައެކަނި އިންސާނާއެވެ. އާދައިގެ ހިނގުމެއްގައި އޭނާ އާދެއެވެ. އޭނާއަކަށް އަޅުގަނޑު އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެމެވެ. ވަރަށް ހަމަޖެހިލައިގެން އިނދެ، ކުރިމަތީގައި އޮތް މައިމަގަށް ނިކުތުމަށް ޓަކައި ދުއްވަމުން ދިޔައީމެވެ.

އަޅުގަނޑުގެ މޭ ތެޅިގަތީ، ލިބުނު ވަރުގަދަ ސިހުމަކާއެކުގައެވެ. ދެ ލޯ ބޮޑުވެ، ހާސްވެ، ގޮތްހުސްވާ ދަރަޖައަށް ހާލަތު ބަދަލުވީ، ފަޅި ސިކުންތެއްގެ ތެރޭގައެވެ. ވާތްފަޅީން ހިނގާފައި އައި، އެއްކަލަ އަންހެން މީހާ، ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް، މަގަށް ނުކުތް ތަން ފެނިފައެވެ. އޭރު އަޅުގަނޑު އިނީ، އޭނާއާ ގާތްގަނޑަކަށް ދިހަވަރަކަށް ފޫޓަށްވުރެ ވެސް ކައިރިވެފައެވެ.

އޭނާގެ ގައިގައި ސައިކަލުން ޖެހިދާނެކަމުގެ ބިރަށް ޓަކައި، ވަގުތުން ސައިކަލުގެ މިސްރާބު ބަދަލުކޮށްލަމުން، ބުރަތްކަށް ހިފައިލެވުނެވެ. ދެ ބުރަތްކަށް އެކުގައެވެ. ބޮޑަށް ބާރުލެވުނީ ކުރީ ބުރަތްކަށް ކަންވެސް ނޭނގެއެވެ. ފުރޮޅު ކެހިގެން ދިޔަ ވަގުތު، ކަނާތް ފަރާތަށް ސައިކަލު އަރިއަޅާލައިފިއެވެ. މުށްގަނޑުން ކަނާތް ދޫކޮށްލެވުނީ އިހުތިޔާރެއް ނެތިއެވެ. ވެއްޓޭން ދިޔަ އަމިއްލަ ނަފުސުގެ ދިފާޢުގައެވެ.

ބިމުގައި ފުރަތަމަ ވެސް ގޮސް ޖެހުނީ، އަތްތިލައިގެ ބަނޑުފުށެވެ. އަތް ވިދުނީ، ހަށިގަނޑުގެ ހުރިހައި ބަރެއް، އަތުގެ ކުޑަހުޅަށް ތަޙައްމަލުކުރާން ޖެހޭ ފަދަ ގޮތަކަށެވެ. އެ ވަގުތު ކުޑަހުޅުގެ ތެރެއިން، ކަށިތައް މުގުރިގެން ދާ ކަހަލަ ގޮތަކަށް، މުރުމުރު އަޑު ކިޔައިގެން ދިޔައެވެ. ރަނގަޅަށް ވާނުވާ އެނގުނު އިރު، އަޅުގަނޑު އޮތީ، ސައިކަލަށް ވުރެ، ފަސްވަރަކަށް ފޫޓު ދުރުގައި، ބަނޑުވަތަށް ކަހަލަ ގޮތަކަށް ވެއްޓިފައެވެ. ލެޕްޓޮޕް ދަބަހާއި ލޮލުގައި އޮތް ނަންބަރު އައިނު އޮތީ، އެއަށްވުރެ ދުރުގައެވެ. އޭރު އެ ދިމާގައި ހުރި ފިހާރައަކުން، ދެ ތިން މީހުން ނިކުމެގެން، ދުވެފައި ކަހަލަ ގޮތަކަށް އާދެއެވެ.

އަޅުގަނޑު ފުރަތަމަ މަސައްކަތްކުރީ، އަތްފޯރާފަށުގައި އޮތް އައިނު ނެގޭތޯއެވެ. ކަނާތް ދިއްކޮށްލާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އަތުން ވަނީ ވަރު ހުސްވެފައެވެ. އެހެންކަމުން ވާތުން އައިނު ނަގައި އަޅައިލުމަށްފަހު، ވާތް ވިއްދާފައި ކޮޅަށް ތެދުވެއްޖައީމެވެ. އޭރު ކަނާތުގެ ކުޑަހުޅުގައި ވަރަށް ގަދައަށް ރިހެއެވެ. އަޅުގަނޑު ލައިގެން ހުރީ އަތްދިގު ގަމީހެއްކަމުން އަތަށް ވެފައި އޮތްގޮތެއް އޭރަކު ނުފެނެއެވެ.

ތަނަށް އެއްވި މީހުން އަޅުގަނޑުގެ ސައިކަލު ނަގައިދިނެވެ. އަތުގައި ރިއްސާވަރުން، ވާތުން ކަނާތުގެ ކުޑަހުޅާ ދިމާގައި ހިފަހައްޓާލައިގެން ހުރެ، އަންހެންމީހާ ގާތަށް ޖެހިލައި، ތިޔަ ހެދީ ކިހިނެއްތޯ އަހައިލީމެވެ. އޭނާ މަޑުމަޑުން ބުނެލީ، ބުޅަލެއް ފެނިގެން ބިރުން ދުއްވައިގަނެވުނީ ކަމަށެވެ. އެއާ ވިދިގެން އޭނާ އެހީ، ތިމަންނާ ދިޔަޔަސް އެންމެ ރަނގަޅުތޯއެވެ. އަޅުގަނޑުގެ އަތުގައި އަޅާ ވޭނެއް އޭނާއަކަށް އިހުސާސެއް ނުވާނެތާއެވެ. އަޅުގަނޑު އާއެކޭ ބުނުމާއެކު، ހަލުއި ހިނގުމެއްގައި އޭނާ ހިނގައިގެންފިއެވެ.

އަތަށް ލިބުނު އަނިޔާގެ މިންވަރު އެނގުނީ ހޮސްޕިޓަލަށް ގޮސް، އެކްސްރޭ ނަގައި ޑޮކްޓަރަށް ދެއްކުމުންނެވެ. ކުޑަހުޅު ކައިރިން "އަލްނާ" ވަނީ ބިނދިފައެވެ. ކުޑަހުޅުން ނެއްޓި، ހުޅުތެރޭގައި ހުރި ކުދިކުދި ކަށިކޮޅުތަކަށް ވެސް ވަނީ ގެއްލުންވެފައެވެ. ޖެހުނީ ސާޖަރީއެއް ހަދާށެވެ. މާދަމާއަކީ މި ހާދިސާއަށް 3 މަސް ފުރޭ ދުވަހެވެ. އަދި ވެސް މި އުޅެނީ އެ ވޭނުން ސަލާމަތް ނުވެގެންނެވެ. ކަނާތްކަމަށް ވާތީ، މި ދިޔަ ދުވަސްތައް ހޭދަކުރާން ޖެހުނީ ވަރަށް "ދަތި" ގޮތަކަށެވެ.

މި ހާދިސާ ހިއްސާކޮށްލުމުގެ މައިގަނޑު ބޭނުމަކީ، މި ފަދަ ކަންކަމަށް އެންމެން ވެސް ސަމާލުކުރުވުމެވެ. މަގު ކިތަންމެ ހުސްކޮށް އޮތަސް، ދޭންޖެހޭ ސަމާލުކަމަށް ހުސްކަމެއް ގެނައުން ބުއްދިވެރިއެއް ނޫނެވެ. ކުޑަކުޑަ ކަމެކޭ ހީވާ ފަދަ ކަމަކުން ވަރަށް ބޮޑުކަމެއް ވެސް އުފަންވެދާނޭ ކަމަށް ބަލާން އެބަ ޖެހެއެވެ.

މިއަދު މާލޭގެ މަގުތަކުގައި ބުޅަލަކީ ގިނަ އެއްޗެކެވެ. ބުޅާދެކެ ބިރުގަންނަ މީހުން އަދި އެއަށްވުރެ މާ ގިނައެވެ. އެ ފަދަ މީހަކަށް، ކުއްލިއަކަށް ކުރިމަތީން ބުޅަލެއް ފެނިއްޖެ ނަމަ، ލިބޭ ސިހުމާއެކު ކޮންމެ ފަދަ ދިމާއަކަށް ވެސް ދުއްވައިގަނެވިދާނެއެވެ. އެހެންނަމަވެސް ސަމާލުވެ، ހުޝިޔާރުވާށެވެ. މިއީ ސަމާސާކަމެއް ނޫނެވެ. ލިބޭ ކުއްލި ސިހުމާއެކު، މަގަށް ނިކުތުމަކީ ބިރުހުރި ނުރައްކާތެރި ކަމެކެވެ. އެ ފަދަ ވަގުތަކު ހަލުއި ދުވެލީގައި އަންނަ ކާރެއް ނުވަތަ ލޮރީއެއް ފަދަ އުޅަނދަކާ ދިމާވެއްޖެ ނަމަ، ވެދާނެ ގޮތަކާމެދު ޚިޔާލުކޮށްލެވުމާއެކު، ގައިން ހީބިހި ނަގައިގަނެއެވެ.

ހަނދާން ބަހައްޓާށެވެ! ކުރިމަތީން ބުޅަލެއް ފެނުނަސް، ކުއްލިއަކަށް މަގަށް ނުނިކުންނާށެވެ. ބުޅަލަކީ، އެއްވެސް ހާލެއްގައި، ގަޔާ ދިމާއަށް އަންނާނެ ޖަނަވާރެއް ނޫނެވެ. އަދި ނުރައްކަލެއް ކުރިމަތިކުރުވާނެ ޖަނަވާރެއް ވެސް ނޫނެވެ. އެހެންކަމުން ކުރިމަތީން ބުޅަލެއް ފެނިއްޖެ ނަމަ، އެނބުރި އައި ކޮޅަށް ހިނގައިގަންނާށެވެ. މަގު ހުރަސްކުރާން ބޭނުންވާ ނަމަ، ހަމަހޭވެރިކަމުގައި ހުރެ، މަގުގެ ދެ ކޮޅަށް ބަލާފައި، މަގު ހުރަސްކުރާށެވެ. ދެ ފަރާތަށް ވެސް ރައްކާތެރި ގޮތަކީ މިއެވެ.

ކޮންމެއަކަސް އަޅުގަނޑު އުފާވަނީ، އަޅުގަނޑަށް ތަޖުރިބާ ކުރާން ޖެހުނު ނުރައްކާތެރި ހާދިސާގައި، ސަބަބަކަށް ވި އަންހެން މީހާގެ ވަނަވަރެއް ސިފައެއް ދެނެގަންނާން ނޭނގުނު ނަމަވެސް، އޭނާއަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ނުލިބި ސަލާމަތްވީމައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު މި ގޮތަށް، ގެއްލުމެއް ނުލިބި ސަލާމަތްވެދާނޭ ކަމަށް ބަލައިގެން ވެސް ނުވާނެއެވެ. ރައްކާތެރި ގޮތަކީ، މާލޭގެ މަގުތަކުގެ ހާލަތަށް ވިސްނައިގެން، މަގުތަކުގައި ހިނގައިބިނގަައިވެ، ދުއްވައި އުޅުމެވެ.

comment ކޮމެންޓް