އިންވެސްޓަރުންނަށް ފަހިވާނެގޮތަކަށް ގާނޫނުތަކަށް ބަދަލުގެންނަނީ

ފިނޭންސް މިނިސްޓަރު އަމީރު -- ފޮޓޯ: ފިނެންސް މިނިސްޓްރީ

ބޭރުގެ އިންވެސްޓަރުންނަށް ފަހިވާނެގޮތަށް ގާނޫނުތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ ހަތަރުވަނަ ޕާޓްނާޝިޕް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ޕޮލިސީ ރިފޯމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ބަދަލުތައް ގެންނާނީ އިންވެސްޓަރުންނަށް ފަހި ވާނެ ގޮތަކަށް، އަދި ރާއްޖޭގެ އަމިއްލަވަންތަކަން ނުގެއްލެނެހެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ތަރައްގީ އަންނާނީ އެކުވެރި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން ކަމަށެވެ.

"ގައުމު އެކަނި ކުރާ މަސައްކަތުން ގައުމު ކުރިއަރައި ތަރައްގީއެއް ނާންނާނަން. އަޅުގަނޑުމެން ގަބޫލު ކުރަނީ ރާއްޖެ އަށް ތަރައްގީ އަންނާނީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ ޑިވެލޮޕްމެންޓް ޕާޓްނަރުންގެ އެހީގައި. ގުޅިގެން ކުރާ މަސައްކަތުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ތަރައްގީގެ ގިނަ ކާމިޔާބީތައް ހާސިލް ކުރެވިއްޖެ ކަމަށާއި ނަމަވެސް ކުރިމަތިވާ ގޮންޖެހުމަކީ އެ ތަރައްގީގެ ފޮނި މީރުކަން، ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފޯރުކޮށް ނުދެވުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިއަދު ފެށި ޕާޓްނާޝިޕް ފޯރަމު މާދަމާގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ. މި ފޯރަމުގައި ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ގެންގޫޅޭ ޕްލޭންތައް ތަރައްގިގެ ބައިވެރިންނާ ހިއްސާ ކުރާނެއެވެ.

comment ކޮމެންޓް