ލަންކާގައި ހަމަލާ ދިން ޒަހްރާންގެ އެކުވެރިއެއް އިންޑިއާއިން ހައްޔަރުކޮށްފި

ލަންކާގައި ދިން ހަމަލާތަކުގައި އިސްކޮށް އުޅުނު ޒަހްރާން ހާޝިމް (މ)ގެ އެކުވެރިއަކު އިންޑިއާއިން ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: އަމާގް

ދިއްލީ (ޖޫން 13): ސްރީލަންކާގައި އޭޕްރިލް މަހު ދިން ހަމަލާތަކުގައި އިސްކޮށް އުޅުނު ޒަހްރާން ހާޝިމްއާ ފޭސްބުކުން އެކުވެރިވި މީހަކު އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެންއައިއޭ)އިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ޓަމިލް ނާޑޫގެ ކޮއިމްބަތޫރުން 32 އަހަރުގެ މުހައްމަދު އަޒަރުއްދީން ހައްޔަރު ކުރީ އިއްޔެ އެންއައިއޭއިން ހަތް ތަނެއް ބަލާ ފާސް ކުރުމަށް ފަހުގަ އެވެ. އޭނާ ވަނީ ހާޝިމްއާ ގުޅުން ހުރި ހަރުކަށި ފިކުރުގެ ޕޯސްޓުތައް ފޭސްބުކުން ހިއްސާކޮށްފައި ކަމަށް އިންޑިއާ ޓުޑޭގައިވެ އެވެ.

އެނޫހުގައިވާ ގޮތުން އަޒަރުއްދީންއަކީ ކޮއިމްބަތޫރުގައި ހަރަކާތްތެރިވާ އައިއެސް މެމްބަރުންގެ ލީޑަރެވެ. އަދި އައިއެސްގެ ފިކުރު ފެތުރުމަށް ފޭސްބުކުގައި އޭނާ "ޚިލާފާޖީއެފްއެކްސް" ކިޔާ ޕޭޖެއް ހަދާފައިވެ އެވެ.

މީގެ އިތުރުން އިއްޔެ އެންއައިއޭ އިން ވަނީ އިތުރު ހަ މީހުން ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ޓެރަރިސްޓު ޖަމާއަތެއްގެ ފިކުރު ފަތުރައި، އެޖަމާއަތަށް އިތުރު މީހުން ވައްދަން މަސައްކަތް ކުރުމުގެ ދައުވާކޮށްފައި ކަމަށް އިންޑިއާ ޓުޑޭއިން ރިޕޯޓު ކުރި އެވެ.

މިދިޔަ މަހު ލަންކާ އިން ވަނީ އީސްޓާ ސަންޑޭގެ ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ކެރަލާ، ބެންގަލޫރު އަދި ކަޝްމީރަށް ދިޔަ ކަމަށް ބުނެފަ އެވެ. އަދި އެމީހުން އިންޑިއާއަށް ދިޔައީ ތަމްރީނުތަކަށް ކަމަށް ލަފާކޮށްފަ އެވެ.

އޭޕްރިލް 21ގައި ލަންކާގައި ދިން ހަމަލާތަކުގައި ބައިވެރިވި ހާޝިމް ވަނީ އެދުވަހު އަމިއްލައަށް މަރުވެގެން ބޮން ގޮއްވާފަ އެވެ. އޭނާގެ ނެޝަނަލް ތައުހީތު ޖަމާއަތާއި އިތުރު ޖަމާއަތަކުން ގުޅިގެން ދިން އެހަމަލާތަކުގައި 258 މީހުން މަރުވި އެވެ. އަދި އައިއެސްއިން ވެސް ވަނީ ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ.

comment ކޮމެންޓް