ރޯދައިގެ ވަސިއްޔަތް: ﷲގެ އަމުރުފުޅުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން

ޖޫން 1، 2019: ބަރަކާތްތެރި ރޯދަމަހުގެ ހަތާވީސް ވިލޭރޭގައި މާލޭގެ ބައެއް މިސްކިތްތަކުގައި ކުރެވުނު ދަމުނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްކާތެރިކަމަކީ ހަމަކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. އިންސާނުންނަށް މިދުނިޔޭގައި ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކާއި، ކާރިޘާތަކާއި މުޞީބާތްތަކާއި ހިތާމަތަކުން ރައްކާތެރިވުމަށް އެތައް ވަޞީލަތްތަކެއްގެ ބޭނުން ހިފައެވެ. އަދި އެފަދަކަމެއް ކުރިމަތިވުމުގެ ކުރިޔަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައެވެ. ކަންކަމުގެ ސަބަބުތަކުގައިހިފައި ދުނިޔޭގެ ދިރިއުޅުން ބާޖަވެރިކުރުމަށް މަސައްކަތްކުރުމަކީ ދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް ކުރިމަތިވާ ކުދިބޮޑު އެންމެހައި ކަމެއްގައި އެންމެފުރަތަމަ އެދިދަންނަވަންވީ ފަރާތަކީ ކީރިތިވަންތަ ﷲއެވެ. މިއީ ވަރަށް ގިނަ ބަޔަކު ހަނދާންނެތިފައިވާ ކަމެކެވެ. ނުވަތަ ފަރުވާ ކުޑަކުރާ ކަމެކެވެ.

އެންމެ ފުރިހަމަ ރައްކާތެރިކަމަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ރައްކާތެރިކަމެވެ. މާތްﷲގެ ރައްކާތެރިކަމާއި، ރިއާޔަތްތެރިކަމުގެ ދަށުގައިވުމަކީ ހަމަކޮންމެ މީހަކުމެ އެދޭނޭކަމެކެވެ. މާތްﷲގެ ރައްކާތެރިކަން ތިމާއެދޭނަމަ އެއިލާހުގެ ޙުކުމްފުޅުތަކާއި، އެންގެވުންތަކަށް ރައްކާތެރިވުމަށް ދީނުގައި ވަނީ އަންގަވާފައެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއް ދުވަހަކު، ތިމަންނާ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސަވާރީގައި އެކަލޭގެފާނުގެ ފަހަތްޕުޅުގައި އިންނެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިބާއަށް ކަންތައްތަކެއް އުނގަންނައި ދެއްވާހުށީމެވެ. ތިބާ ﷲގެ އަމުރުފުޅުތަކަށް ރައްކާތެރިވާށެވެ! އޭރުން އެކަލާނގެ ތިބާ ރައްކާތެރިކޮށްދެއްވާހުއްޓެވެ. ތިބާ ﷲގެ އަމުރުފުޅުތަކަށް ރައްކާތެރިވާށެވެ! އޭރުން އެކަލާނގެ ތިބާގެ އެންމެހައި ކަމެއް ހިންމަވައިދެއްވުމުގައި ވޮޑިގެންވާތީ، ތިބާ ދެކޭނެއެވެ. ތިބާ ކަމަކަށް އެދެނީނަމަ، ﷲގެ ޙަޟުރަތުން އެކަމަކަށް އެދޭށެވެ! ތިބާ ކަމަކުން ރައްކާތެރިވުމަށް އެދޭނަމަ، ﷲގެ ޙަޟުރަތުން ތިބާ ރައްކައުތެރިކަމަށް އެދޭށެވެ! އަދި ތިބާ ދައްނާށެވެ! ހަމަކަށަވަރުން، އުއްމަތުގެ އެންމެން ތިބާއަށް މަންފާއެއް ލިބިދިނުމަށްޓަކައި، އެބައިމީހުން އެކުގައި މަސައްކަތް ކުރިކަމުގައިވިޔަސް، ﷲ، އެ ކަމެއް ތިބާއަށް މިންވަރުކުރައްވާފައިނުވާ ކަމެއް އެބައިމީހުންނަށް ތިބާއަށް ގެނެސް ނުދެވޭހުއްޓެވެ. އަދި ހަމަކަށަވަރުން، އުއްމަތުގެ އެންމެން ތިބާއަށް ގެއްލުމެއް ދިނުމަށްޓަކައި، އެބައިމީހުން އެންމެން އެކުގައި މަސައްކަތް ކުރުމުގައި ވިއަސް، ﷲ، އެކަމެއް ތިބާއަށް މިންވަރުކުރައްވައިފައިނުވާ ކަމެއް، އެބައިމީހުންނަށް ތިބާއަށް މެދުވެރި ނުކުރެވޭހުއްޓެވެ. ގަލަންތައްވަނީ އުފުއްލެވިގެންނެވެ. ފޮތްތައްވަނީ، ލައްޕައިލެވިފައެވެ." (އެބަހީ: ވަނިވިހައި ކަމެއްވަނީ، ﷲ ކަނޑައަޅުއްވައި، މިންވަރު ކުރައްވައި، ލިޔުއްވައި ނިންމަވައިފައެވެ. ބަދަލެއްއައުމެއް ނުވެއެވެ.) މި ޙަދީޘް ރިވާކުރެއްވީ އިމާމު ތިރުމިޛީއެވެ.

އަދި އެހެން ރިވާޔަތެއްގައިވެއެވެ. "ތިބާ ﷲގެ އަމުރުފުޅުތަކަށް ރައްކާތެރިވާށެވެ! އޭރުން، އެކަލާނގެ ތިބާގެ ކުރިމަތީގައި (އެބަހީ: ތިބާގެ ހުރިހާކަމެއް ހިންމަވައިދެއްވުމުގައި) ވޮޑިގެންވާތީ، ތިބާ ދެކޭނޫއެވެ. ތިބާގެ އަތްމަތި ތަނަވަސްކަމުގެ ވަގުތުގައި ތިބާ ﷲއަށް ލޯބިވާށެވެ! (އެބަހީ: އެ ތަނަވަސްކަމުގެ ރަހަ، އެކަލާނގެ އަޅުތަކުންނަށް ފޯރުކޮށްދޭށެވެ!) އޭރުން، ތިބާގެ އަތްމަތި ތަނަވަސް ނޫން ވަގުތުގައި އެކަލާނގެ ތިބާގެ ކަންތައްތައް ފަސޭހަކޮށްދެއްވާހުއްޓެވެ. އަދި ތިބާ ދަންނާށެވެ! ތިބާއަށް އެކަމެއް މެދުވެރިވުމަށް ކަނޑައަޅުއްވައިފައިނުވާ އެއްވެސްކަމެއް، ތިބާއަށް މެދުވެރިއެއް ނުވާހުއްޓެވެ. އަދި ތިބާއަށް މެދުވެރިވުމަށް މިންވަރުކުރައްވާފައިވާ އެއްވެސްކަމެއް ތިބާއާ ކުރިމަތިނުވެ ނުދާހުއްޓެވެ! އަދި ތިބާ ދަންނާށެވެ! ހަމަކަށަވަރުން ނަޞްރު ލިބުންވަނީ، ކެތްތެރިކަމާ ލައިގެންނެވެ. އަދި ހަމަކަށަވަރުން، އުފާވެރިކަމާއި ބާއްޖަވެރިކަންވަނީ، ދަތި އުނދަގޫތަކަށް ފަހުގައެވެ. އަދި ހަމަކަށަވަރުން، ދަތި އުނދަގޫކަމަށްފަހު، ފަސޭހަކަމާއި ތަނަވަސްކަންވެއެވެ."

މާތްﷲގެ އަމުރުފުޅުތަކަށް ރައްކާތެރިވާން އެދޭ މީހާ އެންމެ ފުރަތަމަ ރައްކާތެރިވާންޖެހޭނީ އެއިލާހުގެ ދީނަށެވެ. ދީނުގެ ކަންކަމުގެ ތެރެއިންވެސް އެންމެ މުހިންމުކަމަކީ ނަމާދުތަކަށް ރައްކާތެރިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "حَافِظُوا عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى" (البقرة: 238) މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!"

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މާތް ﷲ ފަރުޟު ކުރައްވާފައިވާ ފަސްނަމާދަށް ރައްކާތެރިވެ، ރަނގަޅަށް ވުޟޫކޮށް، އެނަމާދުތަކުގެ ވަގުތުގައި ނަމާދުކޮށް، ނަމާދުގެ ރުކޫޢު ފުރިހަމަކޮށް، ޚުޝޫޢަތްތެރިކަމާއެކު ނަމާދުކޮށްފިނަމަ އޭނާގެ ފާފަ ފުއްސަވައިދެއްވުމަށް ﷲ ވަނީ ޢަހުދު ކުރައްވާފައެވެ." މި ޙަދީޘް ރިވާކުރެއްވީ އަލް އިމާމު އަބޫ ދާވޫދުއެވެ.

މާތްﷲގެ އަމުރުފުޅުތަކަށް ރައްކާތެރިވާން އެދޭމީހާކު އޭނާގެ ގުނަންތަކުން މާތްﷲ ނަހީ ކުރެއްވި ކަންކަން ކުރުމުން އެއްކިބާވާންޖެއެވެ. އިންސާނާގެ ގުނަވަންތަކުން ކުރާ ހުރިހާ ޢަމަލަކާމެދު ޤިޔާމަތް ދުވަހު އޭނާއާ ސުވާލު ކުރެއްވޭނޭކަމުގައި މާތްﷲ ވަނީ އަންގަވާފައެވެ. "إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولـئِكَ كَانَ عَنْهُ مَسْؤُولاً" (الإسراء 36) މާނައީ: "ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ."

މާތްﷲގެ އަމުރުފުޅުތަކަށް ރައްކާތެރިވުމުގެ ތެރެއިން ހިމެނޭ އަނެއްކަމަކީ ތިމާގެ ހިތަށް ރައްކާތެރިކުރުމެވެ. ޝައްކުތަކާއި ޝުބުހަތަކާއި ވަސުވާސްތަކުން އެއްކިބާވެ ހުރުމެވެ. ޢަޤިދާ ވަރުގަދަކޮށް ދީނީ މަޢުލޫމާތު މުއްސަނދިކުރުމަށް މަސައްކަތްކުރުމެވެ. އަނބިދަރީންނާއި މުދަލާއި މާލުން ފައިދާއެއް ނުކުރާނޭ ދުވަހު، ސަލާމަތްވެގެންވާ ހިތަކާއިގެން މާތްﷲގެ ޙަޟުރަތަށްދާ މީހަކަށްމެނުވީ ސަލާމަތްކަމެއް ނެތްކަމުގައި ކީރިތި ޤުރްއާންގައިވަނީ އަންގަވާފައެވެ. ހަމައެފަދައިން، އިންސާނާގެ ހިތް އިސްލާހުވެއްޖެނަމަ އެ އިންސާނާ އިސްލާހުވާނެކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ.

މާތްﷲ އެކަލާނގެ އަޅުތަކުންނަށް ރައްކާތެރިކަން ދެއްވައިފިނަމަ އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަންހުރި ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. "مَنْ أصْبَحَ مِنْكُمْ آمِنًا في سربِهِ، مُعَافَىً في جَسَدِهِ، عِنْدَهُ قُوتُ يَوْمِهِ، فَكَأنَّمَا حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا" رواه الترمذي މާނައީ: "އެމީހެއްގެ އަހުލުވެރިންގެ މެދުގައި އަމާންކަމާއެކު އުޅެވޭ، އަދި އޭނާގެ ޞިއްޙަތު ސަލާމަތުން ލެހެއްޓެވިގެންވާ، އަދި އެދުވަހެއްގެ ފުރާގު އޭނާއަށް ލިބެވިގެންވާ މީހަކީ، މުޅި ދުނިޔޭގެ ހުރިހާ މޮޅެއް ލިބިގެންވާ މީހެއްފަދައެވެ." (ފުރާގުގެ މާނައަކީ ކައިބޮއި ހެދުމަށް ހަމަޖެހޭ މިންވަރުކަމުގައި ދިވެހި ބަސްފޮތުގައި ބަޔާންކޮށްފައިވެއެވެ.)

މާތްﷲގެ ދީނަށް ރައްކާތެރިވެ، އެ އިލާހު ނަހީކުރެއްވި އެންމެހައި ކަމަކުން އެއްކިބާވުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް