ރައްޔިތުންގެ މަޖިލިސްގެ އާ މެމްބަރުން ހުވާ ކުރައްވައިފި

19 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރައްވަނީ -- ފޮޓޯ/ މަޖިލިސް

އަލަށް އިންތިހާބުވި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން މެމްބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

މަޖިލިސް ކުރާ ގޭގައި މިރޭ ބޭއްވި މެންބަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔަތުގައި ހުވާ ކުރެއްވީ 87 މެމްބަރުންގެތެރެއިން 86 މެމްބަރުންނެވެ. އުމުރާގެ އަޅަކަމުގައި އުޅުއްވާތީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވަނީ، ކ. ގުރައިދޫގެ މެމްބަރު އިބްރާހިމް ރިޒާއެވެ. މެމްބަރުންނަށް ހުވާ ލައިދެއްވީ، އުއްތަމަ ފަނޑިޔާރު، ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތައްފަހު، މިރޭ 10:30 ގައި އޮންނާނީ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ޖަލްސާ އެވެ. ފުރަތަމަ ޖަލްސާގައި މަޖިލިސްގެ ރިޔާސަތު ބަލައްހަޓަވާނީ މީދޫ ދާއިރާ މެމްބަރު އަދި އެމްޑީއޭ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދެވެ.

މި ޖަލްސާގައި މަޖިލިސްގެ ރައީސް އަދި މަޖިލިސްގެ ނައިބު ރައީސަކު ހޮވާނެއެވެ. އެމްޑީޕީން މަޖިލިސްގެ ރައީސް ކަމަށް ފޮނުއްވައިފައިވަނީ އެ ޕާޓީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާ މެމްބަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސް ކަމަށް އެމްޑީޕީން ފޮނުވަފައިވަނީ، ގަލޮޅު އުތުރު ދާއިރާ މެމްބަރު އީވާ އަބްދުﷲ އެވެ.

comment ކޮމެންޓް