ގަންޖުފަރާހަކީ އަދި މިހާރު ވެސް ވަރަށް ގިނަފިރިހެނުން ބޭނުން ކުރާ ހަށިގަނޑުގެ މަތީބައިނިވާކުރަން ލާއެއްޗެކެވެ. އާއްމުކޮށް ގަންޖުފަރާސް ހުންނަނީ އުއިރޮދިން ވިއެފަ އެވެ. މެދު އިރުމަތީގެ ވަރަށް ގިނަ ގައުމުތަކުގައި މިއީ ގިނަ ބަޔަކު ބޭނުންކުރާ ގަޔަށް ފަސޭހަ އެއްޗެކަށްވުމާ އެކު މިރާއްޖޭގައި ވެސް އެދުވަސްވަރު މިއީ ވަރަށް އާއްމު އެއްޗެކެވެ.

މިވާހަކަކޮޅައިގެން ކުރިއަށްދެވެން އަންނަނީ އެދުވަސްވަރު ގެންގުޅުނު ބައެއް އާދަތަކުގެ މައްޗަށްކުޑައިކޮށް އަލިއަޅުވާފަ އެވެ. ފުރަތަމަ އެދުވަސްކޮޅު އަހަރެމެން އަންނައުނު ދޮވެހެދުމުގައި ދޮންނަމެސެން ނުހުންނާތީ އާއި ފެންގެންގުޅެން ޖެހޭ ގޮތުން ދޮންނަ ވަކިދުވަސްތަކެއް ކަނޑައަޅައިގެން (ތަންކޮޅެއް ފޯރާމީހުން) އެއްޗެތި ދޮންނަކަމެވެ. ދެވަނައަށް ތަންކޮޅެއް އުމުރުދޮށި މީހުން އާއްމުކޮށްލާއެއްޗަކަށް ގަނޖުފަރާސް ވާތީ އާއި ދޮވުމުގެ ކަންކަން ހުންނަ ގޮތާއި ގިނަ މީހުން ގެންގުޅޭނީ އެކަތި ދޭތި ކަމުގައި ވާތީ ގަންޖުފަރާސް އަބަދު ވެސް ބަދަލުކުރަނީ ވަރަށްދާވެ މިލަ ވެސްވާ ފަހުންކަމެވެ.

ތުއްތުމަނިކަކީ އާދައިގެވަރަށް ވުރެ ފަލަމީހެކެވެ. އަބަދު ވެސް ލިބާސްލައިގެންއުޅޭމީހެކެވެ. އެކަމަކު ލިބާހުގެ އެތެރޭން ގަންޖުފަރާސް ލަ އެވެ. ކުރިން ބުނެވުނުފަދައިން މީނާވެސް އެ ގަންޖުފަރާސް ބަދަލުކުރާނީ ގިނަފަހަރު އޭނާގެ އަންހެނުންނަށް އެކަމާ އުނދަގޫވެ ތަރަބަޑިއަރުވައި ގަތީމަ އެވެ. އޭރު އޭގެ ކިހިލިފަތްދޮށް ވެސް އޮންނާނީ ކަޅުވާންފަށަފަ އެވެ. ދެން އެ ދޮންނަ ދުވަހު އަޅިފެންލައިގެން ދޮންނަފިލާގަނޑު މަތީގައި ބާއްވައިގެން އޭނާގެ އަންހެނުން ކަތްދަ ބޮނބިިގަނޑުން ހެސްކިޔާފައި އުނގުޅާނެ އެވެ. މެދުނުކެނޑި ތުއްތަނިކުގެ އެކަހަލަ ކަންކަމާ ޝަކުވާކުރަމުންނެވެ.

ހުކުރުދުވަހެކެވެ. އާއްމުކޮށް ހެދުންބަދަލުކޮށް ގިނަ މީހުން ހުކުރަށްދާނީ ފިސާރިނަލަ ހެދިގެނެވެ. އެދުވަހު އާދައިގެމަތިން ކަތްދަ ތުއްތަނިކުގާތު ގަންޖުފަރާސް މިއަދު ބަދަލުކުރައްޗޭ ބުންޏެވެ. ތުއްތަނިކު ޖަވާބުދިނެވެ. "ކަތްދާ ކަތްދަ އަކަށްނޭނގޭނެ ތިޔަބަދަލުކުރީމާ މަށަށްވާ އުންދަގުލެއް. ފިސާރި ތެދެއް މިބުނަނީ ދެންމަގޭގައި ހިރުވާވަރުން ނަމާދު ވެސް އޮޅޭހިސާބަށްދޭ. ކޮންމެފަހަރަކު ވެސް އެހެންވާތީ މަ ބުނަނީ ހުކުރު ދުވަހު ބަދަލުކުރަން ނުބުނާށޭ!" ކަތްދަ ވެސްހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. މިހާރު އޭތިގަނޑުން ދުވާ ހުތްވަހުން ތުއްތަނިކާ ވައި އެޅިލަންވެސް އުނދަގުލޭ ބުނެ ހަމަކޮންމެހެންވެސް މިއަދު ތިޔަ ދާ ގަންޖުފަރާސް ބާލައި ދޮންނަން އެއްޗެހިއަޅާފައި ގިފިލިތެރޭ އެހެރަ ތެއްޔަށްލާށޭ ބުނަމުން ދޮވެ އިސްތިރިކޮށްފައި އޮތް އާ ގަންޖުފަރާހެއް ތުއްތަނިކުގަޔަށް އެއްލި އެވެ.

ގޮތްހުސްވެގެން ހުރެ ތުއްތަނިކު ހުކުރަށްދާން ފެން ވަރަންވަނެވެ. އޭރު ވެސް އޭނާއަށް އެ އާގަނޖުފަރާސްލީމާ ގައިހިރުވާނެވަރު އިހުސާސް ކުރެވެމުން ދިޔަ އެވެ. އެގޮތުގައި ހުރެ ދާ ގަންޖުފަރާސްބާލާ ދޮންނަތެއްޔަށް ފެނަށްލާފައި ފެން ވަރައިގެން އާގަންޖުފަރާލީ އެވެ. އެކަމަކު އޭރަކު އެކުރެވޭ ނުކުރެވޭކަމެއް ވެސް ތުއްތަނިކަކަށް ނޭނގެ އެވެ. މުޅިގައިގެ އެތަންމިތަން ހިރުވާތީވާ އުނދަގުލުގެ ސަބަބުންނެވެ.

ތަންކޮޅެއް ލަސްވެސް ވެއްޖެއަތީ އޭނާ ބާރުބާރަށް ހުކުރު މިސްކިތާދިމާއަށް ދަނިކޮށް ގެއެއްގެ ފާރުމަތިން އަންހެނަކު ބުނެލި އެވެ. "ތުއްތަނިކާ! ބަލަ މިއަދު ހުކުރަށް ތިޔަދަނީ ލިބާސްލައިގެން މުންޑުނުއަނދެ ހުސްހަރުވާޅާ ތަ؟"

އެފަކީރަށް ތިރީކޮޅުބަލައިލަން ހަނދާންވީ ދެނެވެ. އައިކޮޅަށްއަނބުރާލާފައި ގެއަށްދިޔައީ ހިތާހިތާ ވެސް ކަތްދަ އަށް އެއްޗެހިގޮވަމުންނެވެ. އޭނާއަށް އެހާއުނދަގޫ ވާނެތީ މިކަހަލަ ވަގުތަކު އާ ގަންޖުފަރާސްލާން ޖެއްސިކަމަށް ޓަކައި ކުދި ކިޔަމުންނެވެ. ގޭފުޅަލި ހިއްލާލުމާ އެކު ކަތްދަ ބުނެލި އެވެ. ތުއްތަނިކުގާތު އެވަރަށް ބުނީމާ ތިޔަދިޔައީ އެބާގަންޖުފަރާސް ލައިގެންދޯ އެވެ. އެހެންޏާފަހެ ދޮންނަން ތެއްޔަށްލާފައި އޮތީ އަހަރެން ދޮވެއިސްތިރިކޮށްފައި ދިން އާގަނޖުފަރާހެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު