އެއްވެސް ގޮތަކަށް ހައްދު ފަހަނައަޅައި ދިއުމުގެ ވިސްނުން

ދިވެހިންގެ ބަޔަކު ސީރިއާގައި ---

ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުން ބޭރުގެ މީޑިއާތަކަށް ދެއްވާ ބައެއް ބަސްދީގަތުންތަކުގައި ހާމަ ކުރައްވާ ގޮތުގައި ރާއްޖެ އޮތީ އެއްވެސް ގޮތަކަށް ހައްދު ފަހަނައަޅައި ފައި އޮތް ވިސްނުން ގެންގުޅޭ ފަރާތްތަކަށް ޖާގަ ދޭ ގޮތަކަށް ނޫނެވެ. އެއީ ދީނީ ގޮތުން ވިޔަސް އެވެ. ނުވަތަ އެހެން ގޮތަކަށް ވިޔަސް އެވެ. ރާއްޖޭގެ ފައުޖުތައް އޮތީ "އޮޕަރޭޝަނަލް ލެވެލް" އަށް ތައްޔާރު ވެފައި ކަމުގައި ވިދާޅުވި އެވެ. އަދި މުއައްސަސާގެ ފެންވަރުގައި ޤާބިލްކަން އިތުުރު ކުރަމުން ގެންދާ ކަމަށް ވެސް ވިދާޅު ވި އެވެ. ވަރަށް އިޙްތިރާމާއި އެކު ދަންނަަވަން ޖެހެނީ މި ވާހަކަފުޅުގައި އަޅުގަނޑުގެ ޔަޤީން ކަމެއް ނެތްކަމެވެ. ފުރަތަމަ ސުވާލެއް ދަންނަވާ ލާނަމެވެ. އެ އަށް ފަހު އަޅުގަނޑަށް ޔަޤީން ކަމާއި ރައްކާތެރިކަން ނުލިބޭ ސަބަބުތައް ދަންނަވާލާނަމެވެ. ބައްޔަކަށް އެޅޭނެ ރައްކާތެރި ކަމުގެ އެންމެ މުހިއްމު ފިޔަވަޅަކީ ބަލިވުމުން ބޭސްފަރުވާ ކުރުން ތޯއެވެ؟ މޮޅަށް ފަރުވާ ދޭ ތަންތަނުން ނެވެ. ނުވަތަ ބަލިން ރައްކާތެރި ވުމަށް ސައިންސްވެރިން ނާއި ޑަކްޓަރުން ދޭ އިރުޝާދުގެ މަތިން ބަލިވުމުގެ ކުރިން ނުވަތަ ބަލިވެދާނެ ތީވެ ކުރަން ޖެހޭ ކަންތައްތައް ކުރުންތޯއެވެ؟ އަޅުގަނޑުމެން ގެ ސިޔާސީ ލީޑަރު ވިދާޅުވި ފަދައިން ޓެރަރިޒަމް އާއި ބެހޭ ޚާއްޞަ ތަމްރީނުތައް އަޅުގަނޑުމެންގެ ފައުޖީން ނަށް ދޭ ކަމުގައި ވެދާނެ އެވެ. އެހެން ވިދާޅުވާނީ އެކަން ކުރައްވާތީ ވެ އެވެ. ޓެރަރިޒަމްގެ ހަމަލާއެއް ދޭން ބަޔަކު އުޅޭ ނަމަ، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ ޤާބިލުކަން ރާއްޖޭގައި އޮންނަ ކަމުގައި ވެސް ވެދާނެ އެވެ. އެހެންނަމަ ވެސް ދިވެހިންނަށް ޓެރަރިޒަމް އަމަލުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެނީ ކިހިނެއްތޯ އެވެ؟ އެމީހުން އެއަށް ޖިހާދޭ ވެސް ކިޔާފާނެ އެވެ. ޢިބާދަތޭ ވެސް ކިޔާފާނެ އެވެ. ނުވަތަ ޤުރުބާނީ އޭ ވެސް ކިޔާފާނެ އެވެ. އެހެންނަމަ ވެސް ނުރަނގަޅު އަމަލަކަށް ކިޔާ ނަމަކުން އެ ކަމުގެ ޙަޤީޤަތެއް ނުފޮރުވޭނެ އެވެ.

ބޭރު ޤައުމެއްގައި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިޔަ ދިވެހިން ނަށް ހިތްވަރު ލިބުނީ ކިހިނެއްތޯ އެވެ؟ ހިތްވަރު ދިނީ ކޮންބައެއް ތޯ އެވެ؟ އޭގެ ތެރެއިން ހަނގުރާމާގައި ބައިވެރިވާން ދިޔަ ގިނަ މީހުންނަށް ދިވެހި ބަސް ފިޔަވައި އެހެން ބަހަކުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭ ކަމުގައި ވެސް ނުވެ އެވެ. ހަމަގައިމު ވެސް ޢަރަބި ބަސް އެގޭ ކަމުގައި ނުވެ އެވެ. އެމީހުން ހަނގުރާމައިގައި ބައިވެރިވީ ރާއްޖޭގެ ކަމާއި ބެހޭ ހުރިހާ ފަރާތްތަކުން އެކަން މަނާ ކޮށް ފައި އޮއްވަ އެވެ. ސިއްރުން ކަމުގައިވެ އެވެ. އެހެން ޤައުމަކަށް ގޮސްގެން، ގިނަ ފަހަރަށް އެއްގަމު މަގުން އަނެއް ޤައުމަށް ދިއުމަށް އޮންނަ ޤައުމު ވަކި ކުރުމަށް އޮންނަ ރޮނގު ހުރަސްކޮށް ގެން ނެވެ. ސަރުކާރަށް ގޮން ޖެހުމަށް ފަހު، މިގޮތަށް ދަތުރުކުރި ބައެއް މީހުން ބޭރުގެ ބައެއް ޤައުމުތަކާއި ގުޅިގެން، އެ މީހުންގެ މަންޒިލަށް ދިއުމުގެ ކުރިން ސަރުކާރުން އަތުލައިގެން ފައި ވެސް ވެއެވެ. ސަރުކާރަށް ނޭނގި ދާ ހަނގުރާމަވެރިން ނާއި ބެހޭ ގޮތުން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނަމުން ގެންދިޔައީ އެފަދަ މީހުން ހަނގުރާމައިގައި ބައިވެރިވުމަށް ދިޔައީ ސަރުކާރުގެ ކަމާއި ބެހޭ ފަރާތަށް ނޭނގި އެވެ. އެހިސާބުން އެކަން ނިމުނީ އެވެ. އެކަމުގެ ފަހަތުގައި ތިބި ބަޔަކު، އެކަން ކުރުވަން ހިތްވަރު ދޭ ބަޔަކު އެގޭކަމުގައި ނުވެ އެވެ. އެނގުނަސް އެކަން ޢާއްމު ނުކުރެ އެވެ. އަދި އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅިފައި ވާ ކަމުގެ މަޢުލޫމާތެއް ވެސް ޢާއްމު ކުރެވިފައި ނުވެއެވެ. އެފަދަ މަޢުލޫމާތު ޢާއްމު ނުކުރެވޭ ނަމަ، އެފަދަ މީހުންގެ ކިބައިން ރައްކާތެރި ވުމަށް ޢާއްމުން ނަށް ނޭނގޭނެ އެވެ. ޓެރަރިޒަމް އާއި ބެހޭ ގޮތުން ދިރާސާ ކޮށް ތަޙުލީލު ކުރާ ބައިނުލް އަޤްވާމީ ޖަމުޢިއްޔާ އެއްގެ އިސް ބޭފުޅަކު ލިއުއްވި ރިޕޯޓެއްގައި ބުނާ ގޮތުގައި، އަރަބިކަރަ އިގެ ބައެއް ޤައުމު ތަކުގައި ހިނގާ އެ ޤައުމުތަކުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަ ވެރިން ނާއި ބައިވެރި ވުމަށް ބޭރު ޤައުމު ތަކުން ދާ މީހުން ނަށް ބަލާ އިރު، އާބާދީގެ ނިސްބަތުން އެންމެ ގިނައިން މީހުން ގޮސްފައި ވަނީ ދިވެހިރާއްޖެ އިން ނެވެ. މިގޮތަށް ކަންތައް ހިނގީ ކިހިނެއް ވެގެންތޯ އެވެ؟ ރާއްޖޭގެ ސަރުކާރުގެ ނުކުޅެދުންތެރި ކަމުންނެވެ. މިފަދަ ކަންކަމުގައި ގެންގުޅޭ ދޯދިޔާ ސިޔާސަތުން ނެވެ. މިފަދަ ކަންތައް ހުއްޓުވުމަށް ޤާބިލު ކަމެއް ނެތުމުން ނެވެ. ހިތްވަރެއް ނެތުމުން ނެވެ. ދުރަށް ވިސްނުމެއް ނެތުމެވެ. ނުވަތަ ވިސްނަން ބޭނުން ނުވަނީ އެވެ. އޭގެ ސަބަބެއް ވެސް އޮވެދާނެ އެވެ. ނުވަތަ ގިނަ ސަބަބުތަކެއް ވެސް ހުރެދާނެ އެެވެ. މިފަދަ ކަން ކަން ތަންފީޒު ކުރާ ފަރާތަކުން މި ލިއުން ކިޔައިފި ނަމަ ވަރަށް ހިތްހަމަ ނުޖެހޭނެ ކަން ވެސް އެނގެ އެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ ފާލީހަކުން ގިރިޓީ އަކުން ފޮރުވޭނެ އެއްޗެއް ނޫނެވެ. ނޫސްވެރިކަމަކީ ޑެމޮކްރަސީގެ އެއް ބާރެވެ. ޑެމޮކްރަސީގެ އެހެން ބާރުތައް ފޭލްވަމުންދާ ނަމަ އެ މަންޒަރު ރައްޔިތުންނަށް ސިފަކޮށް ދިނުމަކީ، ޑެމޮކްރަސީގެ އުޞޫލުތައް ނޫސްވެރިންގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. ހައްދު ފަހަނައަޅައިފައި އޮންނަ ވިސްނުން ގެންގުޅޭ މީހުންގެ ބިރުވެރިކަން ރާއްޖޭގެ ރައްޔިތުންނަށް، މިހާރު މިހާ ބޮޑުވެގެން މި އުޅެނީ އަޅުގަނޑުމެންގެ އެންމެ އަވައްޓެރި ލަންކާ ދާދި ފަހުން ކުރި ތަޖުރިބާ އިންނެވެ. ލަންކާ އަށް ޖެހި "ރާޅު"ގެ ރާޅުބާނިތައް ރާއްޖެ އާއި ހަމައަށް އައުމަކީ، މިހާރު، ނުވާނެ ކަމަކަށް ވުރެ ބޮޑަށް ވެދާނެ ކަމެކެވެ.

ހައްދުފަހަނައަޅައި ފައި ހުރި ނުރައްކާތެރި ޚިޔާލުގެ މީހުން ޢާއްމު މުޖުތަމަޢުގެ ވިސްނުމަށް ގެނައުމަށް ބުރިޖިންގ ސެންޓަރެއް ހުޅުވާ ވާހަކަ ވެސް އަޅުގަނޑުމެންގެ ލީޑަރަކު ވިދާޅުވި ކަމުގައިވެ އެވެ. ރަނގަޅު ކަމެކެވެ. އެކަމަކު އަޅުގަނޑުމެން މިދައްކަނީ މުޅިން ވެސް ހައްދުފަހަނައަޅައި ދިއުމުން އެމީހަކު "މެއިން ސްޓުރީމް" އަށް ގެންނަ ވާހަކަ އެވެ. ހައްދު ފަހަނައަޅައި ފައި އޮތް މަގުން މީހުން ދިޔަ ނުދިނުމަށް ސަރުކާރުން އެޅި އެއް ފިޔަވަޅު ވިދާޅުވެ ދެއްވަ ބައްލަވާށެވެ. (އަޅުގަނޑު މި ދަންނަވަނީ އާރޯތާނުން ކަނޑާލި ގޮތަށް މިހާރު ވެރިކަން ކުރާ ސަރުކާރުގެ ވާހަކަ އެއް ނޫނެވެ. މި ފާޑުގެ ފާޑުކިއުންތަކަށް އަދި މި ސަރުކާރު ތަންކޮޅެއް އަލެވެ.) ސަރުކާރުން އަބަދު ވެސް ފިޔަވަޅު އަޅާފައި ވަނީ މީހުން ހައްދުފަހަނައަޅާ ފައި އޮތް މަގުން ދިއުމުން، އެމީހުން ހުއްޓުވާ ށެވެ. އެމީހުން އެ މަގުން ދިޔަ ނުދިނުމަށް އެއްކަމެއް ވެސް ކޮށްފައެއް ނުވެ އެވެ.

އިސްލާމީ ރިވެތި އަޚްލާޤް އާއި އެކު ދެމިތިބުމަކީ އަޅުގަނޑުމެންގެ ޅަ ދަރިންނަށް މުސްލިމުން ނޫން އެހެން މީހުންނަށް ނަފްރަތު ކުރުމަށް ވާގި ދިނުމެއް ނޫނެވެ. ކުޑަ ކުދިންނަށް ދީނީ ޢިލްމް ކިޔަވައި ދިނުމަށް ތައްޔާރު ކޮށްފައި ހުރި ބައެއް ޓެކްސް ފޮތްތަކަށް ބައްލަވާށެވެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެން ގެ ޅަ ދަރިން ކޮން މަގަކުން ގެންދަން ތޯ އެވެ؟ ކިޔަވައި ދިނުމަށް ޓެކްސް ފޮތެއް ތައްޔާރު ކުރުމަށް ފަހު، އެ ފޮތެއް ވުޖޫދަށް ގެނެވެނީ އެތައް ބަޔަކު، ތަފާތު މަރުޙަލާގައި އެ ފޮތެއް ބެލުމަށް ފަހު ގައެވެ. ބައެއް ފަހަރު ކަމާއި ބެހޭ ތަޖުރިބާކާރުންގެ ކުދި ކޮމިޓީތަކަށް ވެސް ފޮތްތައް ފޮނުވެ އެވެ. އެ ފޮތެއްގައި ދީފައި ހުރި މަޢުލޫމާތަކާއި މެދު ވާހަކަ ދައްކައި، ޚިޔާލު ފައުޅު ކުރުމަށެވެ. މި ދެންނެވުނީ ޢާއްމު ގޮތެއްގައި މިފަދަ ކަންތައް ކުރުމަށް އޮންނަ އުޞޫލެވެ. ކުޑަ ކުދިންނަށް ކިޔަވައި ދިނުމަށް، "މައިމަގުން ހިނގާ މީހުން" ނަށް ބަލައިގަންނަން އުނދަގޫ ފޮތެއް ތައްޔާރު ކޮށްގެން، ފާސްކޮށްގެން، ވުޖޫދަށް ގެނެވޭނީ އެ މަސައްކަތުގެ ފަހަތުގައި ކޮންކަހަލަ ވިސްނުމެއް ގެންގުޅޭ ބަޔަކު ތިބެގެން ބާވަ އެވެ؟ މި ސުވާލަށް ކިއުންތެރިއާ އަމިއްލަފުޅަށް ޖަވާބު ހޯއްދެވުން ރަނގަޅު ވާނެ އެވެ.

ޓެކްސް ދައްކާ މީހުންގެ ފައިސާ ޚަރަދު ކޮށްގެން ހިންގާ، ޚަބަރު ފަތުރާ ވަސީލަތްތަކުން އަބަދު ވެސް ބަލަން ވާނީ އެ އިރެއްގައި ވެރިކަމުގައި އޮންނަ ސަރުކާރަކުން ގެންގުޅޭ މައި އުޞޫލާ އެއްގޮތަށް ޚަބަރުތައް ގެނައުމަށެވެ. ދަޢުވަތު ދީގެން ބަސްދީގަތުމެއް ދިނުމަށް ގެނެވޭ ޢިލްމު ވެރިއަކު ވެސް ސަރުކާރުން ގެންގުޅޭ ޢާއްމު ސިޔާސަތާއި ޚިލާފް ގޮތަކަށް ވާހަކަ އެއް ދައްކަވާ ފައި ވާނަމަ، އެ ބަސްދީގަތުން ފޮނުވެން ވާނީ، އެ ވާހަކައިގެ އެބައި އުނިކޮށްފަ އެވެ. އެކަމަކު އެކަން ކުރެވޭނީ އެކަން ކުރަން އިންނަ މީހާ އަށް އެކަން އެނގިގެން ނެވެ. ނޫން ނަމަ ފަހު މަރުޙަލާގައި ޕުރޮޑިއުސަރަށް ވެސް އެކަން ބެލެވިގެން ނެވެ. ޓުރާންސްޕޯރޓު މިނިސްޓުރީން އިޢްލާނު ކޮށްފައި އޮންނަ ޓެކްސީ އަށް މީހަކު އަރާ އިންދައި އިތުރު މީހަކު، އެމީހާގެ އިޒުނަ އާއި ނުލައި އެރުވުމުގެ ސިޔާސަތާއި ފުށުއަރާ ގޮތަށް ދީނީ ޢިލްމު ވެރިއަކު ރޭޑިއޯ އިން ބަސްދީ ގަތުމެއް ދެނިކޮށް އަޅުގަނޑު އަޑު އެހީމެވެ. އަދި ހަމަ އެ ގޮތަށް ސަރުކާރުން ގެންގުޅޭ އަންހެނުން މަސައްކަތްކުރުމުގެ ސިޔާސަތާއި ފުށު އަރާ ގޮތަށް ތަފާތު ދީނީ ޢިލްމުވެރިން ރޭޑިއޯގެ ޒަރީޢާ އިން ވާހަކަ ދައްކަވަނި ކޮށް އަޅުގަނޑު އަޑު އެހީމެވެ. ރޭޑިއޯ އިން ފޮނުވާ މިފަދަ ޕްރޮގްރާމްތަކުގެ އަޑު އިވެނީ އެހެން މީހުން ރޭޑިއޯ ޓިއުނު ކޮށްގެން އުޅޭ އިރުގަ އެވެ.

ފައުޖީން ތަމްރީނު ކޮށްގެން، ބުރިޖިންގ ސެންޓަރު ހަދައިގެން ހައްދު ފަހަނައަޅައިފައި ހުރި ވިސްނުން ނައްތައެއް ނުލެވޭނެ އެވެ. ބުރީޑިންގ ސެންޓަރުތައް ކަންޓުރޯލު ކުރެވޭނެ މަގެއް ފަހިވާންވީ އެވެ. ބަންދު ކުރަން ޖެހޭ ބައިވަރު ދޮރު އެބަ ހުއްޓެވެ. އަޅުގަނޑުމެންގެ އެ ޤާބިލުކަން އެބަހުރި ބާވަ އެވެ؟ އެ އިޚްލާޞްތެރިކަން އެބަހުރި ބާވަ އެވެ؟ އަޅުގަނޑަކަށް ނޭނގެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް