ފްލޯޓިންގް އައިލެންޑް ހަދަން ދެވަނަ ފަހަރަށް ސޮއިކޮށްފި

ރާއްޖޭގައި ފްލޯޓިންގް އައިލެންޑްސް ގާއިމުކުރުމަށް ޑަޗް ޑޮކްލެންޑްސްއާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރުން -- ފޮޓޯ/ ޖޮއޭން ޑޫންވާޑް

ނެދަލެންޑްސްގެ އީޖާދެއް ކަމުގައިވާ ފްލޯޓިންގް އައިލެންޑްސް ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް އެގައުމުގެ ޑަޗް ޑޮކްލެންޑްސް ކުންފުންޏާއެކު ދެވަނަ ފަހަރަށް ސޮއިކޮށްފި އެވެ.

ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓު ހެދުމަށް އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ.

އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް މި ވަނީ މި މަޝްރޫއުގެ އެއްބަސްވުމުގައި، ޑަޗް ޑޮކްލެންޑްސްއާ އެކު ސޮއިކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަހްމަދު ސޯލިހެވެ. އަދި ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕޯލް ވަން ޑެ ކަމްޕްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވިކަން ހާމަކުރެއްވީ، ނެދަލެންޑްސްއިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޮއޭން ޑޫންވާޑްއެވެ.

ޖޮއޭން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނެދަލެންޑްސްގެ ފްލޯޓިންގް އައިލެންޑްސް ޓެކްނޮލޮޖީން ބޭނުންކޮށްގެން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން ނުވަތަ ކްލައިމެޓް އެޑެޕްޓޭޝަނަށް ރާއްޖެއަށް އެހީތެރިވާނެ ކަމަށެވެ.

އަދި އޭނާ ވަނީ ސޮއިކުރުމުގެ ރަސްމިއްޔާތުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ނަގާފައިވާ ފޮޓޯތަކެއްވެސް އާންމުކުރައްވާފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. އެހެން ނަމަވެސް އަންނަ ހަފްތާގައި މިނިސްޓަރު އަލީ ވަހީދު ދެއްވާ ޕްރެސް ކޮންފަރަންސެއްގައި އެ މަޝްރޫއުގެ ތަފްސީލު ދެއްވާ ގޮތަށް ހަމަޖެހިފައިވާކަން އެނގިފައިވެއެވެ.

https://sun.mv/59509

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނިއު ޑިވެލޮޕްމެންޓްސް" ނުވަތަ މިހާރު ޓޫރިޒަމަށް ތަރައްގީކުރަމުން ގެންދާ ތަންތަނުގެ ލިސްޓުގައި، ޑަޗް ޑޮކްލެންޑްސްއާއި ދިވެހި ސަރުކާރު ހިއްސާވާ ޖޮއިންޓް ވެންޗާ "ޑަޗް ޑޮކްލެންޑްސް މޯލްޑިވްސް"އަށް ރިސޯޓު ތަރައްގީކުރުމަށް ހަތަރު ފަޅެއް ދޫކޮށްފައިވާ ކަމަށް ލިޔެފައިވެއެވެ.

comment ކޮމެންޓް