ދޭންވީ މިނިމަމް ވޭޖެއްތަ؟ ނޫނީ ލިވިން ވޭޖެއްތަ؟

މިނިމަމް ވޭޖެއް ތައާރަފް ކުރަން ގޮވާލާ ރިސޯޓް ވޯކަރުން މުޒާހަރާ ކުރަނީ. -- ފޮޓޯ/ޓީމް

ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބުމަކީ މަސައްކަތްތެރީންގެ އެންމެ ބޮޑު ޝަކުވާ އެވެ. ބައެއް ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރީން ނުލިބުމަށް އޮތް ހުރަކީވެސް މި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2016 ގެ ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުގެ 263،311 އާބާދީއެއް އޮތް އިރު އޭގެ ތެރެއިން ވަޒީފާާއެއް އަދާކުރަނީ 151،706 މީހުންނެވެ. އަދި ވަޒީފާއަށް ނުދާ 111،605 މީހުން އެބަ ތިއްބެވެ.

މިއަދު މުޅި ދުނިޔޭގައި ވެސް ފާހަގަކުރާ މަސައްކަތްތެރީންގެ ދުވަހާ ގުޅުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހިތާބުގައި ވިދާޅުވީ ދިވެހީން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި މިނިމަމް ވޭޖެއް މިހާރުން މިހާރަށް ކަނޑައަޅަން ޖެހިފައިވާ ކަމަށެވެ.

"ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި އަންނަނީ މަޝްވަރާކުރަމުން،" ކަމަށް އެ މެސެޖްގައި ރައީސް ވިދާޅުވި އެވެ.

ވެރިކަންކުރާ އެމްޑީޕީން މަޖިލީހުގެ 65 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ދަމަގައިތީ މިނިމަމް ވޭޖެއް ނޫނީ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ މުސާރައެއް ގާނޫނަކުން ކަނޑައަޅާނެ ކަމުގެ ވައުދާ އެކު އެވެ.

މިހާރު ބަހުސަކީ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނީ ކިހާވަރެއް ހެއްޔެވެ؟ އަދި ކުޑަ އުޖޫރައިން މަސައްކަތްތެރިޔާއަށް ހިތްހަމަ ޖެހުމެއް ލިބިދާނެ ހެއްޔެވެ؟

މިނިމަމް ވޭޖުން ފުދޭނެތަ؟

އާންމު މަސައްކަތްތެރިއަކަށް މިހާރު އެވްރެޖު އާމްދަނީއެއްގެ ގޮތުގައި 4،000 ރުފިޔާ އާއި 6،000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ލިބޭކަމަށް ވާނަމަ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބެންވާނީ މިހާރު ލިބޭ އާމްދަނީއަށްވުރެ ކުޑަ ނުވާނެ އަދަދެކެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ވަރުގެ އުޖޫރައަކަށްވެސް މިނިމަމް ވޭޖް ވާންޖެހޭނެ އެވެ.

ލިވިންގް ވޭޖް ނުވަތަ ދިރިއުޅެވޭ ވަރުގެ އުޖޫރައިގެ މާނައަކީ މަސައްކަތްތެރިޔާގެ ޒަރޫރީ ބޭނުންތައް ފުއްދޭނެވަރުގެ އުޖޫރައެއް އޭނާއަށް ދިނުމެވެ. ޒަރޫރީ ބޭނުންތަކުގެ ގޮތުގައި ބަލަނޫ ކާބޯތަކެތި، ބޯހިޔާވަހިކަން އަދި އަންނައުނު ފަދަ ކަންތައްތަކެވެ. ލިވިންގް ވޭޖެއްގެ މަގްސަދަކީ އަބުރުވެރި ފުދުންތެރި ދިރިއުޅުމެއް މަސައްކަތްތެރިޔާއަށް ހޯދައިދިނުމެވެ.

https://sun.mv/114715

ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތް "ނަވާނަވައި"އިން ވަކާލާތުކުރަނީ މިނިމަމް ވޭޖެއްގެ ބަދަލުގައި ލިވިންގް ވޭޖެއް ކަނޑައެޅުމަށެވެ. އެ ހަރަކާތުން ގަބޫލުކުރަނީ، ގާނޫނަކުން ފާސްކޮށްގެން މިނިމަމް ވޭޖެއް ދޭނަމަ ދޭނީ ވަރަށް ކުޑަ އުޖޫރައަކަށް ވެދާނެ ކަމަށެވެ. އެހެންވެ، މިނިމަމް ވޭޖަކީ އޮޅުވާލުމެއްގެ ގޮތުގައި އެ ހަރަކާތުން ސިފަކުރެ އެވެ. އެއީ މަގުސަދު ހާސިލްވާނެ ކަމެއް ނޫނެވެ.

"ކަން ހިނގަމުންދާ ގޮތަކީ ވިޔަފާރިވެރިން ބޭނުންގޮތަކަށް ގާނޫނުތައް އައުން. ވަޒީފާއާ ބެހޭ ގާނޫނުތައް އެކުލަވާލާއިރު ވިޔަފާރިވެރިންގެ ނުފޫޒު އެބަ ވަދޭ. މަޖިލިސް ތެރޭގައިވެސް މި ތިބެނީ އެމީހުން. ވަޒީފާ ދޭ ފަރާތްތައް. އެމީހުންނަށް އެންމެ ފައިދާހުރި ގޮތަކަށް ގާނޫނު އެކަށައަޅަނީ،" ނަވާނަވައި ހަރަކާތުގެ ތަރުޖަމާނު ފާތިމަތު ސާއިރާ ވިދާޅުވި އެވެ.

"މިނިމަމް ވޭޖުން އަސާސީކަންކަން ފުދޭވަރު ނުވަންޏާ ކޮބައިތޯ އޭގެ ބޭނުމަކީ. އެހެންވީމާ، ލިވިން ވޭޖް ދޭން ޖެހެނީ. އެއީ، އިންސާނާއަށް އަސާސީ ކަންކަން ފުއްދޭވަރުގެ މުސާރަ،"

އޭނާ ވިދާޅުވީ ރައްޔިތުންނަށް އުޅެވޭ ވަރުގެ އުޖޫރައެއް ކަނޑައެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެ އުޖޫރަ ކަނޑައަޅަން ޖެހޭނީ ވިޔަފާރިވެރިންގެ ނުފޫޒުން އެއްކިބާވެގެން ކަމަށެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި 5،000 އެއްހާ ރުފިޔާ ދީގެން މާލެ ސަރަހައްދުގައި ދިރިނޫޅެވޭނެ ކަމަށް އެ ހަރަކާތުން ގަބޫލުކުރެ އެވެ.

މިނިމަމް ވޭޖަކީ ހަމައެކަނި ސިޔާސީ ވައުދެއް ފުއްދަން ނަމަކަށް ގެންނަ އެއްޗަކަށް ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި އެއީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރުގެ އެލަވަންސަކަށް ވާން ޖެހެ އެވެ. އެހެން ނޫން ނަމަ އެންމެ ކުޑަ މުސާރައިގެ ބޭނުމެއް ނެތެވެ.

އެހެން ނަމަވެސް އެކަމާ ހިޔާލުތަފާތުވާ ފަރާތްތައް ވެސް އެބަ ތިއްބެވެ.

ރިސޯޓް މުވައްޒަފުން އާދޭހަކީ؛ އުޅެވޭވަރުކޮށްދީ

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް، ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތުގައި އުޅޭ އިރު އެ ސިނާއަތުގެ މަސައްކަތްތެރީން ހިމެނޭ ޖަމިއްޔާއިން ގަބޫލުކުރަނީ ލިވިންގް ވޭޖެއް ކަނޑައެޅުމުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައަޅައި އެކަން ތަންފީޒުކުރުން މުހިންމު ކަމަށެވެ.

"ފުރަތަމަ މި ޖެހެނީ މިނިމަމް ވޭޖެއް ކަނޑައަޅަން. މިނިމަމް ވޭޖެއް ކަނޑައަޅައި، އެކަން ކާމިޔާބުކަމާއެކު ތަންފީޒުވުމަށްފަހު، އިންޑަސްޓްރީ ބާރުވެރިކޮށްގެން ލިވިން ވޭޖަކާ ހަމައަށް މިދަނީ، އެއީ ހުރިހާ އިންޑަސްޓްރީތަކެއް ބާރުވެރިވެގެން ކުރެވޭނެ ކަމެއް،" ޓޫރިޒަމް އެމްޕްލޯޔީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތަށް ޓޫރިޒަމް ދާއިރާއަށް ޑިމާންޑުކުރާ މިނިމަމް ވޭޖަކީ 600 ޑޮލަރު ނުވަތަ 9،252 ރުފިޔާ ކަމަށެވެ. އެވަރުގެ މިނިމަމް ވޭޖަކަށް ޑިމާންޑުކުރަނީ ކުންފުނިތަކަށް ބުރަ ނުވާ ވަރުގެ އަދަދަކަށް ވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ މަޝްވަރާކޮށްގެން ނިންމަން ޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

މައުރޫފް ގަބޫލުކުރައްވާ ގޮތުގައި ލިވިންގް ވޭޖެއް ނުވަތަ ދިރިއުޅެވޭ ވަރުގެ އާމްދަނީއެއްގެ ވާހަކަ ދައްކާއިރު، އެއީ ލޭބާ ފޯސްގެ އެންމެންނަށް ވަޒީފާ ދޭ ފަރާތްތަކަށް ދެވޭނެ ވަރުގެ އަދަދެއްތޯ ވެސް ބަލައި އޮޅުން ފިލުވަން ޖެހެ އެވެ.

"މިސާލަކަށް މާލެއިން ދެ ކޮޓަރީގެ އެޕާޓްމެންޓެއް މި ލިބެނީ 15،000 ނޫނީ 20،000. ލިވިން ވޭޖަކީ 25،000 ކަމަށް ވަންޏާ ލޭބާ ފޯސްގެ އެންމެންނަށް އެ ވަރުގެ މުސާރައެއް ދޭނީ ކިހިނެއްތޯ؟ އެވަރެޖު ލިވިން ވޭޖެއް ކަނޑައަޅާނީ ކިހިނެއް؟" އޭނާ ސުވާލު އުފެއްދެއްވި އެވެ.

މިހާރަށް ބަލާއިރު ލިވިންގް ވޭޖެއް ދިނުމަކީ ވެދާނެކަމެއް ނޫންކަމަށް އޭނާ ދެކެ އެވެ. އެކަމަކު މިނިމަމް ވޭޖަކުން މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުން މާ ރަނގަޅު ކަމަށް އޭނާ ދެކެ އެވެ.

"ނުވާކަމެއް ގަދަކަމުން ކުރުވުމަށްވުރެ މިނިމަމް ވޭޖު އައުމަކީވެސް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" މައުރޫފް ވިދާޅުވި އެވެ.

ލޭބާ ޕާޓީ ގަދަ އަމާޒެއްގައި

މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަހުމަދު ޝިހާމް ވިދާޅުވި ގޮތުގައި ހަމައެކަނި މިނިމަމް ވޭޖެއް ކަނޑައަޅައިގެން ނިމޭކަށް ނެތެވެ. އެގޮތުން، ފުރަތަމަ ކަމަކީ ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ޝިހާމް ވިދާޅުވި އެވެ.

"ވަޒީފާތަކުގައި ތިބި ބޭރުމީހުންގެ ނިސްބަތަކީ ބޮޑު އަދަދެއް. މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ އެ އަދަދު ދަށްކުރުން. މިސާލަކަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު އެބަޖެހޭ މަދުވެގެން 80 ޕަސެންޓަށް ހަދަން. އެއަށްފަހު މިނިމަމް ވޭޖެއްވެސް ކަނޑައަޅަންވީ،" ޝިހާމް ވިދާޅުވި އެވެ.
https://sun.mv/118731

މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ވަނީ، ބިދޭސީން ކުރާ މަސައްކަތްތަކާ ދިވެހީން ހަވާލުވުމަކީ ގައުމުގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފަ އެވެ. ރާއްޖެއިން ބޭރުވާ ބޭރު ފައިސާ ވެސް މަދުކުރެވޭނެ ކަމެއްކަން ރައީސް އެދުވަހު ފާހަގަކުރެއްވި އެވެ.

ޓީމް ޖަމިއްޔާއާއި ނަވާނަވައިގެ ވިސްނުމަށް ތާއީދުކުރައްވަމުން، ލޭބާ ޕާޓީގެ ޗެއާ، ޝިހާމް ވިދާޅުވީ ރިސޯޓުތަކަށް މިނިމަމް ވޭޖު ކަނޑައަޅަންޖެހޭނީ ކުންފުނިތަކަށް ލިބޭ އެވަރޭޖް އާމްދަނީ ބެލުމަށްފަހުގައި ކަމަށެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި ދޭންވާނީ ރައްޔިތުންނަށް އެއިން ދިރިއުޅެވޭނެ ވަރުގެ އުޖޫރައެއް ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

ލޭބާ ޕާޓީން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. އަދި ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، ވަޒީފާ ދޭ ފަރާތްތަކާ ވަޒީފާ ނެތް ފަރާތްތައް ގުޅުވައިދިނުމަކީ އެ ޕާޓީއިން ދެކޭ ހުވަފެނެކެވެ. އެއީ، މަސައްކަތްތެރިން ބާރުވެރިކޮށް ރަނގަޅު އުޖޫރައެއް ހޯދުމަށް އޮތް މަގު ކަމަށް އެ މީހުންދެކެ އެވެ.

ރައްޔިތުން ބޭނުންވަނީ ކިހާވަރެއް؟

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަަޔަށް ވުރެ ގިނަ މީހުން ދިރިއުޅެނީ، ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑު މާލޭގަ އެވެ. ވަޒީފާ އަދާކުރަން މާލެ ހިޖުރަކުރާ މީހުންގެ މުސާރަ، އެކީ ދުއްވާލަން ޖެހެނީ ބޮޑު ކުލި ދައްކާށެވެ. އަދި ތައުލީމާ ގާބިލް ކަމާ އެއްވަރުގެ އުޖޫރައެއް ވެސް ނުލިބެ އެވެ. ނަތީޖާ އަކީ، ވަޒީފާ އަދާކުރަން ނޫނެކޭ ބުނާ ޒުވާނުން އިތުރުވުމެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅަންޖެހޭނީ ފުދުންތެރިކަމާއެކު ދިރިއުޅެވޭނެ ވަރުގެ އުޖޫރައެއްކަމެވެ. ވަޒީފާ ދޭ ފަރާތްތަކުގެ އަތުން ހަރަދުތަކެއް ކުރަންޖެހުނު ނަމަވެސް އަބުރުވެރި، ޝަރަފުވެރި ދިރިއުޅުމެއް އުޅުމަކީ މަސައްކަތްތެރިންގެ ހައްގެކެވެ. އެ ހައްގު މަސައްކަތްތެރީންނަށް ލިބެންޖެހެ އެވެ.

comment ކޮމެންޓް