ސަރުކާރަށް ތާއީދުކުރި މެމްބަރުންތަކެއް ރައީސްއާ ދެކޮޅަށް

އިލްހާމް އާއި ލަތީފް: އެ ދެމްމެބަރުން އިއްޔެ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި -- ފައިލް ފޮޓޯ

މިހާރުގެ ސަރުކާރު ގެންނަ މަސައްކަތް ކުރެއްވި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް އަދި މިހާރު މިއޮތް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެންނަ މަސައްކަތް ކުރެއްވި މަޖިލީހުގެ 12 މެންބަރުންގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ދިއްދޫ ދާއިރާ މެމްބަރު އަބްދުލް ލަތީފާއި ދަނގެތި ދާއިރާ މެމްބަރު އިލްހާމް އަހްމަދު ހިމެނިވަޑައިގަންނަވަ އެވެ.

މި ދެ މެމްބަރުން އިއްޔެ މަޖިލިސް ގައި ހިނގައި ދިޔަ ބަހުސްތަކުގައި ވަނީ ސަރުކާރަށް ފާޑުު ވިދާޅުވެ، ސީދާ ރައީސް ސޯލިހަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައި އެބޭފުޅުންގެ ހިތުގައި ހުރި ޖަޒްބާތުތައް ބޭރުކޮށްލައިފަ އެވެ.

ފަނޑިޔާރުންނަށް އިނާޔާތް ދިނުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، މިސަރުކާރުގެ ހިނގަމުން ދަނީ "ދެ ޓީ" އިންޖީނުގެ ސްޕީޑްގައި ކަމަށާއި ރައީސް ސޯލިހް 12 މެމްބަރުންނަށް ވީ ވައުދު ނުފުއްދަވާ ކަމަށެވެ.

"ހަރުއަޑުން، ބާރު އަޑުން، ގަދަ ފަދަ އަޑުން މި ދަންނަވަނީ، މި ސަރުކާރުގެ ވެރިމީހާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވީ ވައުދު ނުފައްދަވާ،" 12 މެމަބަރުންނަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ކޯލިޝަންގެ ލީޑަރުންގެ މެދުގައި ވެވަޑައިގެންނެވި އެބަސްވުމަށް އިޝާރާތް ކުރައްވާ ލަތީފް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ގޮނޑި ގެއްލުވާލި 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަށް އޭރުގެ އިދިކޮޅު ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެ ވައުދު ހަދާނެއް ނެތި، ވެރިކަން ލިބުމުން އެ 12 މެމްބަރުންގެ މަތިން ހަނދާނެއް ވެސް ނެތް ކަމަށެވެ.

"ކޮބާތޯ މިތާގައި 12 މެމްބަރުންނަށް ކޮންމެ ބޭފުޅަކު އަރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އަރާ، އެ މީހުންނަށް ސަނާ ކިޔާ ހީވަނީ އެހެން ކަމެއް ހެން. އޭރު ހީވަނީ، ލޯބިވެގެން ގޮސް ހަނދުވެސް ނަގާފައި ދޭނެ ހެން. ރަންކޮޅާ އެމީހުންނަށް ގޮނޑި ގަނޑެއްވެސް ނުދިން،" ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، މި ސަރުކާރު ވެރިކަަމަށް އައީ އެތަށް ބަޔެއްގެ އެހީތެރިކަމާއެކު ކަމަށާއި ނަމަވެސް އެކަން އެމްޑީޕީއަށް ހަދާން ނެތިއްޖެ ކަމަށެވެ. އަދި އެފަދަ އެހީތައްވީ މީހުން މަގުމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"[ރިޔާސީ އިންތިހާބު އައި އިރު] އަޅުގަނޑު ހޭދަކުރަން ޖެހުނީ ޖަލުގައި، އަޅުގަނޑުގެ އާއިލާ އޮތީ ތިޔަ ބޭފުޅުންނާ އެކުގައި ކެމްޕެއިންގައި. އަންހެނުން ލައްވައި އިންޓަވިއު ނަގައިގެން އިލްހާމާއި އާއިލާއަށްޓަކައި ކުރަމުންދާ އަނިޔާ، ރައީސް ޔާމީންގެ ވެރިކަން ވައްޓަން ވޯޓު ދޭށޭ ކިޔާފައި އަންހެނުންނާއި ދަރިން ލައްވައި އިންޓަވިއު ނެގާ ކަންތައް ކުރީ. މި ހަގީގަތްތަކެއް އޮޅުވައެއް ނުލެވޭނެ،" ރިޔާސީ އިންތިހާބު ނިމެންދެން ޖަލުގައި އަށް މަސް ދުވަސް ހޭދަކުރެއްވި އިލްހާމް ވިދާޅުވި އެވެ. "އެންމެން ބޭނުންކޮށްގެން، ގާސިމްގެ ޖޭޕީ ބޭނުންކޮށްގެން ވެރިކަމަށް އައީ. 2008ގައި ވެސް އެހެން [އެމްޑީޕީން ވެރިކަމަށް] އައީ. ހަނދާނެއް ނެތް ވައުދާއި އަހުދެއް،"

އިލްހާމް ވިދާޅުވީ، އިންސާފް ހޯދައިދިނުމަށް ކަމަށް ވައުދުވެގެން އައި ސަރުކާރުގެ ފަރާތުން ފެންނަނީ ބަދަލު ހިފުމުގެ ރޫހުގައި ކަންތައްތަކެއް ކުރަމުން އަންނަ ތަން ކަމަށެވެ. އަދި މަޖިލީހަށް މިހާތަނަށް ހުށަހަޅާފައިވަނީ ވެސް އެފަދަ ބިލްތަކެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.

"މިއަދު މުޅިން ދައްކަނީ ބިރުވެރި ވާހަކަ. އަބަދުވެސް ކޮމިޝަނެއް އުފައްދާ ވާހަކަ. މީހަކު ހާޒިރުކޮށް ވަގަށް ޖަލަށް ލާ ވާހަކަ. މިވާހަކައާ ދެކޮޅަށް އެންމެ ބޮޑަށް ވާކާލާތުކޮށްގެން ނޫންތޯ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރީ. ބަދަލުކޮށްފައި އައިސް އަނެއްކާ ވެސް އެވާހަކަ ފެއްޓީ،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑީގެ ބޮޑު އަގުލަބިއްޔަތެއް ލިބުނު ކަމުގައި ވީނަމަވެސް، ރައްޔިތުން ތިބީ އެމްޑީޕީއާއެކު ނޫން ކަމަށާއި އެމްޑީޕީ ފިޔަވާ އެހެން ފިކުރުތަކަށް ވޯޓު ދިން މީހުންގެ އަދަދު ގިނަ ކަމަށެވެ.

އިލްހާމްއާއި ލަތީފް އިއްޔެ މަޖިލިސް ބަހުސްގައި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވާއިރު، މިއީ ސަރުކާރު ކޯލިޝަންއަށް ނިސްބަތްވާ މެމްބަރުންތަކެއް މަޖިލިސް ތެރޭގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ.

ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރެއިން މިފަހަރު އިންތިހާބުގައި ގޮނޑި ދިފާއު ކުރެވުނީ ހަމައެކަނި ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިންއަށް އެކަންޏެވެ.

comment ކޮމެންޓް