12 މެމްބަރުންނާ ދެކޮޅަށް ރައީސް ސޯލިހު ކެމްޕެއިން ކުރައްވާތީ ހިތްހަމަ ނުޖެހުން!

ދިއްދޫ ދާއިރާގެ މެމްބަރު އަދި އެދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަބްދުއްލަތީފު މުހައްމަދު ---

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ނިންމި 12 މެމްބަރުންނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ކުރައްވާތީ އެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

އޭރު 12 މެމްބަރުން ވެ ވަޑައިގެންނެވި ގުރުބާނީއެއް ކަމަށް ބުނެ 12 މެމްބަރުުންނަށް ޕްރައިމެރީއަކާ ނުލައި ޓިކެޓްދޭން ކޯލިޝަނުން ނިންމާފައިވާ ކަމަށް ކޯލިޝަނުގެ ލީޑަރުން ދިޔައީ ބުނަމުންނެވެ. ނަމަވެސް އެ ނިންމުމަށް އެމްޑީޕީން އަމަލުކޮށްފައެއް ނުވެ އެވެ.

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހއ އަތޮޅަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކެމްޕެއިން ދަތުރުފުޅެއް ކުރައްވާފަ އެވެ. އެގޮތުން އިހަވަންދޫ ދާއިރާ، ހަނިމާދޫ ދާއިރާ އަދި ދިއްދޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން ރައީސް ސޯލިހު އެދިވަޑައިގެންފައިވަނީ އެމްޑީޕީ މެމްބަރުން ހޮއްވަވައި ދެއްވުމަށެވެ.

ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލްލަތީފު މުހައްމަދު ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ޓްވީޓް ކުރައްވާފަ އެވެ. ވިދާޅުވީ ރާއިސް ކަމަށް ރައީސް ސޯލިހު ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވި 12 މެމްބަރުންގެ ތެރެއިން ތިން ދާއިރާ ނިސްބަތްވާ ބޮޑު ތިލަދުއްމައްޗަށް ވަޑައިގެން އެ މެމްބަރުންނާ ދެކޮޅަށް ކެމްޕެއިން ކުރައްވާތީ އަސަރު ކުރާ ކަމަށެވެ.

"ތިން މެމްބަރުންނާ ދެކޮޅަށް ކެމްޕެއިން ފެއްޓެވުމުން ވަރަށް އަސަރު ކުރެ އެވެ. ވެރިކަމަށް ގެނައި ރައްޔިތުން ހިތުގައި ނުޖައްސާށެވެ." މެމްބަރު ލަތީފު ވިދާޅުވި އެވެ.

ލަތީފު އެ ވިދާޅުވި ތިން މެމްބަރުންނަކީ ލަތީފު ހިމެނޭގޮތަށް އިހަންވަންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ޝަހުދީ އެވެ.

ލަތީފު 'ސަން' އަށްވިދާޅުވީ ރައީސް ސޯލިހު ދިއްދޫއަށް ނުވަތަ ދާއިރާގެ ރަށްރަށަށް ވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ބޮޑެތި ގުރުބާނީތަކެއް ވެ ވަޑައިގެންނެވި 12 މެމްބަރުންނާ ދެކޮޅަށް ކެމްޕެއިން ކުރެއްވުމަށް އެމްޑީޕީއަށް ގޮނޑި ހޯދައި ދިނުމަށް ވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ލަތީފު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި ފަހުންވެސް 12 މެމްބަރުންނަށް އެއްބާރުލުން ދެއްވައި މަޖިލީހުގައި އެބޭފުޅުން ތަމްސީލު ކުރައްވާ ގޮނޑިތައް ލިބޭނެ ގޮތަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ލަތީފު ވިދާޅުވި އެވެ.

"ސިޔާސީ ހަތަރު ލީޑަރުންނާއި އެމަނިކުފާނު [ރައީސް ސޯލިހު] ވެސް ޖަލަށް ލުމުން 12 މެމްބަރުން ނުކުންނަވައި ބޮޑެތި ގުރުބާނީތަކެއް ވި. އަދި އެމަނިކުފާނު [ރައީސް ސޯލިހު] އެ މަގާމަށް އައުމުގައި ބޮޑު ދައުރެއް އަދާ ކުރި. މިއަދު އެކަން ހަނދާން ނެތުމަކީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން." ލަތީފު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ ރައީސް ސޯލިހު މިއަދު މިއަދު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ އަވާގައި ޖެހިގެން އެމްޑީޕީއަށް ފައިދާ ހޯދުމަށް ކަމަށެވެ.

"ޕާޓީގެ އަވާގައި ޖެހިގެން ޕާޓީގެ ޖަޒުބާތުގައި ރައީސް މަސައްކަތް ކުރައްވާތަން ފެންނަނީ. ރައީސް އެއްބަސްވި އެއްބަސްވުންތައް ބިލާހަކަށް ވެގެން ދިޔައީ" މެމްބަރު ލަތީފު

ޝަހުދީވެސް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޓްވީޓް ކުރައްވާފަ އެވެ. "ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނޭ ބުނާތީ އަޑުއަހަން" ކަމަށް ވިދާޅުވެ ރައީސް ސޯލިހާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ނަންގަވާފައިވާ ފޮޓޯތަކެއް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

އެ ތިން ދާއިރާގެ އިތުރުން 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އަމީތާ ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓަށް ތާއީދުކޮށް ވޯޓު ދިނުމަށްވެސް ރައީސް ސޯލިހު ވަނީ އެ އަތޮޅު އަލިފުށީގައި ބޭއްވި ޖަލްސާއެއްގައި އެދިއްލައްވާފަ އެެވެ.

މިދިޔަ އަހަރު ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބުމަށް ފަހު އޭރުގެ އިދިކޮޅު ކޯލިޝަނާ ގުޅުނު 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބަށް ފަހު، މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާ ހުކުމް ކޮށްފައެވެ. އަދި އެމީހުންނަށް އޭރު ގެއްލުނު މުސާރަވެސް ގަނޑުކޮށް ވަނީ ޖަމާކޮށްދީފަ އެވެ.

comment ކޮމެންޓް