ޓީއެފްޖީ އިން ކެއާސޮސައިޓީ ކުދިންނަށް މެގަޑާންޒް އިވެންޓެއް ބާއްވައިފި

ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ބޭއްވި އިވެންޓު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓީއެފްޖީގެ އިންޓަނޭޝަނަލް ފްރެންޗަައިޒް ރެޑިކަލް ފިޓްނެސްގެ ދަށުން ކުރިއަށްގެންދާ މެގަޑާންޒްގެ އިވެންޓެއް ކެއާ ސޮސައިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވައިފި އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. މާދަމާ ބާއްވާ ޓީއެފްޖީ ރަނިންރަންގެ ބިބް އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދިޔަ މި އިވެންޓުގައި ކެއާ ސޮސައިޓީގެ 13 ދަރިވަރަކާއި އެތަނުގެ ޓީޗަރުން ވެސް ބައިވެރިވި އެވެ. މި ހަރަކާތަކީ ކުދިންނަށް އުފާވެރި ވަގުތުކޮޅަކަށްވީ ކަމަށް ޓީއެފްޖީ އިން ބުންޏެވެ.

މީގެ އިތުރުން، އިއްޔެ ވަނީ ރަނިން ރަންގައި ބައިވެރިވާ ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ޓީޝާޓު ހަވާލުކޮށްފަ އެވެ. އެ ކުދިންގެ ޓީޝާޓު ސްޕޮންސާކޮށް، ކުދިންނާ ޓީޝާޓު ހަވާލުކޮށްދިނީ ޓީއެފްޖީގެ ސްޓާފް، ރުހާމް އެވެ.

އަންހެނުން ކަސްރަތަށް ހޭލުންތެރި ކުރުވައި ކަސްރަތުގެ މުހިންމުކަން އަންގައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ޓީއެފްޖީ އިން ބާއްވާ ރަނިން ރަންގެ ޓައިޓަލް ސްޕޮންސަރަކީ ކެއާ ސޮސައިޓީ އެވެ. ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދައްކާ ފީ އިން 20 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ. އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ވެސް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ.

ދުވުމުގައި ބައިވެރިން ބޭނުންކުރާ ބިބް ދޫކުރުމަށް މިރޭ 20:00ގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށް ގެންދާއިރު އެތަނުގައި ޑޮނޭޝަން ފޮއްޓެއް ބަހައްޓާފައި ހުންނާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް އެފޮށި މެދުވެރިކޮށް ކެއާސޮސައިޓީ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޓީއެފްޖީ އިން ބުންޏެވެ.

ޓީީއެފްޖީ އިން ބުނީ މާދަމާ ހަވީރު ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އެބައޮތް ކަމަށެވެ. މި ދުވުމުގައި ދުވަންޖެހޭނީ ހަތް ކިލޯ މީޓަރަށެވެ.

"ރަނިން ރަން" އެ ނަން ރަން އަށް ދެވުނީ އަންހެނުންނަށް ނިސްބަތްކޮށް ރަނިން ބޭނުންކޮށްގެން ކަމަށް ޓީއެފްޖީ އިން ބުނެ އެވެ. އަދި އެ ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށް ޓީ އެފްޖީއިން ބުންޏެވެ.

ރަނިން ރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް