އާއްމު ރައްޔިތުންގެ މެދުގައި ހުރި ދީނީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަވިސް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން "އޯގާ"ގެ ނަމުގައި އއ. އަތޮޅުގައި ކޭމްޕްއެއް ފަށައިފި އެވެ.
ފުލުހުން ބުނީ މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްކޮށްގެން ގެންދާ ކޭމްޕްއެއްގެ ހަރަކާތެއްގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މިސިލްސިލާގެ ދަށުން ކުރިއަށްގެންދާ 18 ވަނަ ކޭމްޕްގެ ހަރަކާތްތައް މިއަހަރު ފެށުމުގެ ގޮތުން އއ. އުކުޅަހު ސްކޫލްގެ ދަރިވަރުންނަށް އެސެމްބްލީގައި ދީނީ ނަސޭހަތްދީފައިވެ އެވެ.
އަދި އޭގެ އިތުރުން ސްކޫލްތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާއި އެ ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން އެ ރަށުގެ ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން ‘އޯގާވެރި ދަޢުވަތު’ގެ ނަމުގައި ސެމިނާތަކާއި ވޯކްޝޮޕްތައް މިކޭމްޕްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ކައުންސިލިން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ދީނީ ދަރުސްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިކޭމްޕްގެ ޙަރަކާތްތައް އއ. ހިމަންދުއާއި މާޅޮހުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ އިތުރު ހަތަރު އަތޮޅެއްގައި އޯގާ ކޭމްޕް މިއަހަރު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ