އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗު ތިނެއްގައި

އުރީދޫ އަހަރީ އަންމު ޖަލްސާގެ ދެވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހުގެ ތިންވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އުރީދޫއިން ބުނި ގޮތުގައި އެ ޖަލްސާ އޮންނާނީ މާޗު ތިނެއް ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

އެ ޖަލްސާއަށް ރަޖިސްޓްރީކުރުން ކުރިއަށްދާނީ ޖަލްސާ ފެށުމުގެ ކުރިން، އެ ރޭގެ ރޭގަނޑު 7:30 އާއި 8:30 އާ ދެމެދުއެވެ. ރަޖިސްޓްރީކުރުން ކުރިއަށްދާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

އެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާ އިރު، ޖަލްސާގައި ކުރިއަށްދާނެ ކަންކަމަކީ މިދިޔަ އަހަރު އޮތް އޭޖީއެމްގެ ޔައިމިއްޔާ ފާސްކުރުމާއި، 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި، 2019 ވަނަ އަހަރަށް އޮޑިޓަރުންނާއި އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުމުގެ އިތުރުން 2018 ވަނަ އަހަރުގެ ޑިވިޑެންޑް ބަހާނެ ގޮތެއް ކަނޑައަޅައި، ފާސްކުރުމެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު ވނަީ 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުތައް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ވަނީ އާމްދަނީގެ ގޮތުގައި 1.9 މިލިޔަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 545 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ލަފާދީފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 88 ޕަސަންޓު، ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށެވެ. އެއީ ކޮންމެ ހިއްސާއަކަށް 3.22 ރުފިޔާއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިހިނގާ ފެބްރުއަރީ މަހުގެ 21 ގެ ރޭގަނޑު 8:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

comment ކޮމެންޓް