ކެނެޑާގެ އެންމެ ބޮޑު ކްރިޕްޓޯކަރެންސީ އެކްސްޗޭންޖްގެ ބާނީ ޖެރަލްޑް ކޮޓަން މަރުވުމުން އެކުންފުނީގެ "އެކައުންޓުތަކުގައި" ރައްކާކޮށްފައިވާ އެތައް މިލިއަން ޑޮލަރުގެ އަގު ހުރި ޑިޖިޓަލް ކަރެންސީ ހޯދޭނެ ގޮތެއް ނެތި، އެކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ކޮޓަން މަރުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނުވައެއްގައި، އިންޑިއާއަށް ގޮސް ހުއްޓަ އެވެ. އޭނާއަކީ ހަޖަމުގެ ނިޒާމަށް އަސަރު ކުރާ ކްރޯންސް ބަލި ހުންނަ މީހެއް ކަމަށް އާއިލާއިން ބުންޏެވެ.
ކުއާޑްރިގާ ނަމަކަށް ކިޔާ އެކުންފުނިން ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން ކޮޓަން މަރުވި ފަހުން އެކުންފުންޏަށް ވަނީ އޭގެ ރިޒާވްގައި ހުރި ޑިޖިޓަލް ފައިސާ ހޯދޭނެ ގޮތެއް ނެތިފަ އެވެ.
އެކުންފުނީގެ ފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓީ ކޮޓަން އަމިއްލަޔަށް ކަމަށް އޭނާގެ އަންހެނުން ޖެނިފާ ރޮބާޓްސަން ބުންޏެވެ.
ރޮބާޓްސަން ވަނީ ކުއާޑްރިގާގެ ހުރިހާ ކަންތައްތަކެއް ބެލެހެއްޓުމަށް ކޮޓަން ބޭނުން ކުރި ލެޕްޓޮޕް ވަނީ އެންކްރިޕްޓްކޮށްފަައި ކަމަށް ބުނެފަ އެވެ. އަދި އެލެޕްޓޮޕް ހުޅުވުމަށް ބޭނުންވާ ޕާސްވޯޑާއި ރިކަވަރީ ކީއެއް އޭނާއަށް ނޭނގެ ކަމަށްވެސް ބުނެފަ އެވެ.
އެމައްސަލައާ ގުޅިގެން ކުއާޑްރިގާއިން ވަނީ ކޮޓަންގެ ލެޕްޓޮޕާއި ފޯނުން އެއްވެސް މައުލޫމާތެއް ހޯދޭތޯ ބެލުމަށް އިންވެސްޓިގޭޓަރެއް އައްޔަންކޮށްފަ އެވެ. ނަމަވެސް އެމަސައްކަތުގައި މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވާ ކަމަށް އެކުންފުނިން ބުންޏެވެ.
ކުއާޑްރިގާއިން ބުނި ގޮތުގައި އެކުންފުނީގެ 115،000 ޔޫޒަރުންގެ ޕާސަނަލް އެކައުންޓުތަކުގައި ކްރިޕްޓޯކަރެންސީ ހުންނާނެ އެވެ. އެކުންފުނިން ލަފާ ކުރާ ގޮތުގައި އެމީހުންނަށް އެކުންފުނިން ދޭން ޖެހޭ ފައިސާގެ އަދަދު 145 މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި ޑިޖިޓަލް ފައިސާގެ އިތުރުން 53 މިލިއަން ޑޮލަރުގެ އަސްލު ފައިސާވެސް ދޭން ޖެހެ އެވެ.
ކުއާޑްރިގާއިން ހުށަހެޅި މައްސަލައިގައިވާ ގޮތުން އެކުންފުނީގެ ގިނަ އަދަދެއްގެ ކްރިޕްޓޯކަރެންސީ ރައްކާކޮށްފައި ވަނީ، އެފަދަ ފައިސާ ވަގަށް ނެގުމާއި ހެކަރުންގެ ފަރާތުން ރައްކާތެރި ކުރުމަށްޓަކައި އޮފްލައިންކޮށް ރައްކާ ކުރާ "ކޯލްޑް ވޮލެޓް" ނުވަތަ "ކޯލްޑް ސްޓޯރޭޖް"ގަ އެވެ.
ކުއާޑްރިގާއިން ވަނީ އެކުންފުނިން މިހާރު ދަނީ ކޯލްޑް ވޮލެޓްގައި ރައްކާކޮށްފައިވާ ކްރިޕްޓޯކަރެންސީ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ.