ރާއްޖޭގައި، ސްޓެމް ސެލް ތެރަޕީއަށް ހުއްދަ ނުދޭން ހުށަހަޅަނީ

އޯޓިޒަމް ކުދިންނަށްޓަކައި މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން ---

އޯޓިޒަމް ހުންނަ ކުދިންނަށް ދޭ ފަރުވާއެއް ކަމަށްވާ ސްޓެމް ސެލް ތެރަޕީއަކީ އަދި ރާއްޖޭގައި ހުއްދަ ދެވެން ނެތް ފަރުވާއެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން ބުނެފިއެވެ.

އޯޓިޒަމް އެސޯސިއޭޝަން އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސްޓެމް ސެލް ތެރަޕީއަކީ އޯޓިޒަމް ހުންނަ ކުދިންނަށް އޮތް ފަރުވާއެއް ކަމަށް ތަރައްގީވެފައި އޮތް ގައުމުތަކުގައިވެސް ގަބޫލުނުކުރާ ކަަމަށެެވެ.

އަދި އެ ތެރަޕީއަށް އެފަދަ ކުދިންނަނަށް ފަރުވާއެއް ލިބޭނެ ކަމަށް ޔަގީންކުރެވޭ ދަރަޖައަށް ދިރާސާތަކުން ދައްކާނަމަ ދުނިޔޭގެ ނަން މަޝްހޫރު ކްލިނިކަލް ގައިޑްލައިންތަކުގައިވެސް ފަރުވާއެއްގެ ގޮތުގައި އެ ފަރުވާ އޮންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންވެސް އެ ފަރުވާ ބަލައިގެންފައި ނުވާކަމަަށް އެ އެސޯސިއޭޝަނުން ބުންޏެވެ

" އެހެން ކަމުން އަވައްޓެރި ގައުމެއްގެ ބަޔަކު ހިންގާ ގޮތް ނޭނގޭ ތަހުލީލީ މަރުހަލާއެއްގައި އޮތް ފަރުވާއަކަށް، ނޭނގުމުގެ ތެރޭގައިވެސް ބެލެނިވެރިން އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުޑަކުދިން ހުށަހަޅަމުންދާތީ، ރާއްޖޭގައިވެސް މިފަރުވާއަކީ ތިޔަބޭފުޅުންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުޑަކުދިން ހުށަޙެޅުމަށް އަދި ހުއްދަ ދެވެން ނެތް ފަރުވާއެއްގެ ގޮތުގައި ކަނޑައަޅާ ދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގައި ދަންނަވަން ނިންމާފައިވާ ވާހަކަ މިސެންޓަރުން ފަރުވާ ހޯދާ ކުދިންގެ ބެލެނިވެރިންގެ ސަމާލުކަަމަށްޓަކައި ދެންނެވީމެވެ." އެ އެސޯސިއޭޝަންގެ ބަޔާނުގައި ވެއެވެ.

ސްޓެމް ސެލް ތެރަޕީ ހެދުމަށް ރާއްޖޭގެ ބައެއް ބެލެނިވެރިންވެސް ފަހަކަށް އައިސް މަސައްކަތް ކުރަމުންދާތަން ދަނީ ފެންނަމުންނެވެ. އަދި އެ ފަރުވާގެ އަގު ބޮޑުކަމުން ފަންޑް ރެއިސިންގް ހަރަކާތްތަކެއްވެސް ބާއްވައިފައިވެއެވެ.

comment ކޮމެންޓް