ޕީޕީއެމްގެ ކޮންގްރެސް ސައްހަ: ސުޕްރީމް ކޯޓު

ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް / ޓްވިޓާ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރުގެ ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބޭއްވި އެ ޕާޓީގެ ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕީޕީއެމުން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމުން ބޭއްވި ކޮންގްރެސް ސައްހަ ނޫން ކަމަށް އިލެކްޝަނުން ބުނަނީ ގާނޫނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ގިނަ ކަންކަމެއް ހިނގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި ފާހަގަ ކުރި އެވެ. އެގޮތުން ޕީޕީއެމް ނޫން މެމްބަރުން ކޮންގްރެސްގައި ބައިވެރިވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމަށް ރައްދުދީ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމްގެ ކޮންގްރެސްގައި ބައިވެރިވި މީހުންގެ ތެރެއިން އެހެން ޕާޓީތަކަށް ނިސްބަތްވާ 13 ފަރާތަކާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ 29 ފަރާތެއް ހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް އެ ޕާޓީތަކަށް ނިސްބަތްވަނީ ކޮން ފަރާތްތަކެއް ކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ބައިވެރިވި 268 މީހުންގެ ތެރެއިން 49 މީހެއްގެ އެޑްރެސް އަދި އައިޑީ ކާޑު ނަމްބަރު އެނގެން ނެތުމުން އެމީހުންނަކީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްކަން ދެނެ ނުގަނެވުނު ކަމަށް އިލެކްޝަންސް އިން ބުނި ބުނުމަށް ރައްދުދީ ހުކުމުގައި ބުނެފައި ވަނީ އެ މީހުންގެ މައުލޫމާތު ހޯދަން އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގައި އެދިފައިނުވާ ކަން އެނގެން އޮންނަ ކަމަށެވެ.

އަދި އެ 49 މީހުން ޖުމްލަ އަދަދުން ވަކިކުރި ނަމަވެސް ދެން ތިބި މީހުން ކޮންގްރެސްގައި ދިން ވޯޓުގެ ނަތީޖާއަށް ބަދަލު ނާންނާނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ވޯޓިންގް ބޫތު ބަހައްޓަން ޖެހޭނީ ވޯޓު ލާ އިރު ޖަހާ ފާހަގަ ނުފެންނަހެން ކަމަށާއި ނަމަވެސް ޕީޕީއެމްގެ ކޮންގްރެސްގައި ވޯޓު ލާފައިވަނީ ވޯޓު ފޮށި ހިފައިގެން ވަކި ވަކި މީހުން ކައިރިއަށް ގޮސްގެން ކަން ފާހަގަކޮށް އިލެކްޝަނުން ބުނެފައި ވަނީ އެއީ އަސާސީ ގަވައިދާ ހިލާފަށް ކޮށްފައި އޮތް ކަމެއް ކަމަށެވެ.

އިލެކްޝަންސްގެ އެ ވާހަކަތަކާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ ވޯޓިންގް ބޫޓު ބަހައްޓަންވީ ވަކިތަނެއް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ވޯޓުލުމުގެ ކުރިން ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް ވޯޓު ކަރުދާސް ނުދެއްކުމަށާއި ވޯޓުގައި ޖަހާ ފާހަގަ ނުފެންނަ ގޮތަށް އަމަލު ކުރުމަށް އަންގާފައިވާ ކަން ކޮންގްރެސްގެ ޔައުމިއްޔާ އިން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ހަތަރު ނައިބު ރައީސުން ފިރިހެން ތިނެއް އަދި އެއް އަންހެނއް ނައިބު ރައީސަކުން އިންތިހާބު ކޮށްފައިވާއިރު އަސާސީ ގަވައިދުގެ 35 ވަނަ މާއްދާގައި ބުނެފައި ވަނީ ޕީޕީއެމްގައި ހުންނަނީ ތިން ނައިބު ރައީސުން ކަމަށް އިލެކްޝަނުން ބުންޏެވެ.

އެކަމާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ 35 ވަނަ މާއްދާގައި އެގޮތަށް ބަޔާން ކޮށްފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގައި އެޕާޓީގައި ތިބޭނީ ހަތަރު ނައިބު ރައީސުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އިލެޝަންސްއިން ޝަރީއަތުގައި ބަޔާންކުރި ސަބަބުތަކަކީ ގާނޫނީ ރަނަގޅު އަސާސެއްގެ މައްޗަށް ދައްކާފައިވާ ސަބަބުތަކެއް ނޫން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެން ކަމުން ޕާޓީގެ މަގާމުތަކަށް މީހުން އައްޔަންކޮށް ބޭއްވި ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅައިފަ އެވެ.

ޕީޕީއެމްގެ ރައީސަކަށް ކޮންގްރެސްގައި އިންތިހާބު ކުރީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

comment ކޮމެންޓް