ރާއްޖޭގައި ހިންގާ ހުރިހާ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކާއި ސަފާރީތައް މި އަހަރުގެ ތެރޭގައި އިންސްޕެކްޓުކުރަން ސަރުކާރުން ނިންމައިފިއެވެ.
ދާދި ފަހުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވަނީ އަލިފާނުގެ ހާދިސާތަކާއި، ޓޫރިސްޓުންނާއި މުވައްޒަފުން މަރުވުމުގެ ހާދިސާތަކެއް ހިނގާފައެވެ.
މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ދާދި ފަހުން ހިނގި ހިތާމަވެރި ހާދިސާތަކާ ގުޅިގެން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްތަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން މަސައްކަތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ރައީސް އޮފީހުގެ އިސްނެގުމުގެ މަތިން ޓޫރިޒަމް މިނިސްޓްރީ، ފުލުހުން، އެމްއެންޑީއެފް އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް އަށް މަހުގެ ތެރޭގައި މި މަސައްކަތްތައް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ވަކި ބަޔަކާ ދެކޮޅަށް ކުރާ ކަމެއް ނޫން ކަމަށާއި، މި މަސައްކަތުގެ މައްސަލައަކީ ރިސޯޓުތަކުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް، އަދި ކަންކަން ރަނގަޅުކުރުން ކަމަށެވެ.
އަދި 2019 ވަނަ އަހަރު ވެގެން ދާނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ކުރިއަށް ދާނެ، އަދި އިންގިލާބީ ބަދަލުތަކެއް ގެނުވާނެ އަހަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.