މ. މުލިން ހާލުބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފި

އެމްއެންޑީއެފަށް އިންޑިއާއިން "ހަދިޔާކޮށްފައި" ކަމަށް ބުނާ ހެލިކޮޕްޓަރެއްގައި ހާލުބޮޑު ބަލިމީހަކަށް އެހީތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ ހާލުބޮޑު ބަލި މީހަކު "އެމްއެންޑީއެފް ހެލިކޮޕްޓަރު"ގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 07:30 ކަންހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 81 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ މީހާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން އެމީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ހާލުބޮޑުވެގެން މާލެ ގެނައި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށެވެ.

އެމްއެންޑީއެފްގައި ބޭނުންކުރާ ހެލިކޮޕްޓަރު ތަކަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް "ހަދިޔާކޮށްފައި" ކަމަށް ބުނާ ދެ ހެލިކޮޕްޓަރެކެވެ. އެއް ހެލިކޮޕްޓަރު 2010 ވަނަ އަހަރު އަދި އަނެއް ހެލިކޮޕްޓަރު ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އަށް "ހަދިޔާ" ކުރީ ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިން ތަމްރީންކުރުމަށް ޝަރުތުކޮށެވެ.

އޭގެ ތެރޭން އެއް ހެލިކޮޕްޓަރު ބޭނުން ކުރާތާ 8 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އަދިވެސް އެ ދެ ހެލިކޮޕްޓަރު ވެސް ދުއްވަނީ އިންޑިއާ ސިފައިންނެވެ. އަދި ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް މަދުވެގެން 40 އަށް ވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން ރާއްޖެއަށް "ހަދިޔާކުރި" ހެލިކޮޕްޓަރު ތަކުގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ގިނަބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ އުޅަނދުތައް އޮޕަރޭޓްކުރުން ހުއްޓާލައިފައެވެ. ނަމަވެސް މީގެ ދެދުވަސްކުރީން އަލުން ވަނީ ހެލިކޮޕްޓަރުތައް ބޭނުންކުރާން ފަށައިފައެވެ. އެގޮތުން ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ، ޅ. ކުރެންދޫގައި އޮތް ހާލު ދެރަ ބަލި މީހަކު މާލެ ގެނައުމަށެވެ.

comment ކޮމެންޓް