އިބޫ އިނގިރޭސިބަހުން ވާހަކަ ދެއްކެވިއިރު މޯދީ އިސްކަން ދެއްވީ ގައުމީ ބަހަށް!

ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ދެއްވި ބަޔާނަށް ފަހު ދެ ބޭފުޅުން ސަލާމް ކުރައްވަނީ -- ފޮޓޯ: ބިއުރޯކްރެސީޓުޑޭ

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ވަރަށް މުހިންމު އެއްބަސްވުންތަކެއް ވަނީ އެކުލަވައިލާފައެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ސަގާފީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ސޮއި ކުރެވުނު "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން" ފާހަގަ ކޮށްލެވެއެވެ.

އިންޑިއާއަކީ ވަރަށް މުއްސަނދި ސަގާފަތެއް ލިބިފައި ވާ އަދި ސަގާފަތު ރައްކާތެރި ކުރުމުގެ ގޮތުން ވަރަށް ރަނގަޅު ސިޔާސަތުތަކެއް ގެންގުޅޭ ތަޖުރިބާކާރު ގައުމެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަގާފަތު ދެމެހެއްޓުމަށް ބޭނުން ވާ ފަންނީ ލަފާ އިންޑިއާއިން ލިބޭ ގޮތް ވުމަކީ ވަރަށް ވެސް ހެޔޮ ފާލެކެވެ.

ގައުމުގެ ސަގާފަތާއި ގައުމިއްޔަތުގެ ބަހާތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި އިންޑިއާގެ ކިބައިން ލިބޭ ފިލާވަޅުތައް އަމަލީ ގޮތުން ތަންފީޒު ނުކޮށެއް ސަގާފީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ކުރާ ސޮޔަކުން ވާނޭ ފައިދާއެއް ނޯންނާނެއެވެ.

ދިވެހިރާއްޖޭގައި، އަދި ގައުމިއްޔަތުގެ ބަހާތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މާ ބޮޑު ފަރުވާލެއް ހުރި ހެނެއް ހިޔެއް ނުވެއެވެ. މިހެން ދަންނަވާން ޖެހެނީ ހުސް ވާހަކައިގެ އިތުރުން އަމަލީ ގޮތުން ނަތީޖާ ނުކުންނާނޭ އެއްވެސް ކަމެއް ކުރާ ތަން ނުފެންނާތީއެވެ.

މި ގޮތުން ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުން ފާހަގަ ކޮށްލެވުނު އެއް ކަމެއް ދަންނަވައިލާނަމެވެ. ރައީސް ސޯލިހުއާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ނޫސްވެރީންގެ ކުރިމައްޗަށް ވަޑައިގެން، ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅާ ގުޅޭ ރަސްމީ ބަޔާން ދެއްވިއިރު، އިންޑިއާގެ ބޮޑުވަޒީރު މޯދީ އިހުތިޔާރު ކުރެއްވީ އިންޑިއާގެ ގައުމީ ބަސް ކަމުގައި ވާ ހިންދީ ބަހެވެ. ދިވެހިރާއްޖޭގެ ރައީސް ސޯލިހު އިހުތިޔާރު ކުރެއްވީ އިނގިރޭސި ބަހެވެ.

ވަރަށް ގިނަ ދިވެހީންނަކީ "ހިންދީ" ފިލްމާއި ސިލްސިލާ ބަލާ ބައެއް ކަމުން، ދިވެހީންގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެމީހުންނަށް "ހިންދީ" ބަސް އެނގެއެވެ. އެހެންނަމަވެސް މޯދީ ވާހަކަފުޅު ދެއްކެވީ ދިވެހީން ދަންނަ ފިލްމީ "ހިންދީ" ބަސް ނުވަތަ އުރުދޫ ލަފުޒުތައް ގިނަ "ހިންދުސްތާނީ" ބަހުންނެއް ނޫނެވެ. މޯދީ ވާހަކަފުޅު ދެއްކެވީ ސާފު ހިންދީ ބަހުންނެވެ. ހިންދީ ބަހަކީ ބޮޑުވަޒީރު މޯދީގެ މާދަރީ ބަހެއް ނޫނެވެ. މޯދީގެ މާދަރީ ބަހަކީ ގުޖުރާތީ ބަހެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރީން ބައިނަލްއަގްވާމީ މަންސަތަކުގައި އެބޭފުޅުންގެ ގައުމީ ބަހުން ވާހަކަ ދައްކަވަނީ ގައުމިއްޔަތުގެ އާދާރު (އައިޑެންޓިޓީ) ހިފެހެއްޓެވުމަށް ޓަކައެވެ.

ރަޝިއާގެ ރައީސް ޕޫޓިންއަކީ ވަރަށް ފަރިތަކޮށް ޖަރުމަނު ބަހާއި އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ މަންސަތަކުގައި ޕޫޓިން ވާހަކަފުޅު ދައްކަވަނީ މުޅީން ވެސް ރަޝިއާ ބަހުންނެވެ.

ޖަރުމަނުގެ މުސްތަޝާރު އެންގެލާ މާކެލްއަކީ ވަރަށް ރަނގަޅަށް ރަޝިއާ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ރަޝިއާގެ ރައީސް ޕޫޓިންއާއި ޖަރުމަނުގެ މުސްތަޝާރު މާކެލްއާ ދެ ބޭފުޅުން ވަރަށް ރަނގަޅަށް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބަސް ދެނެވަޑައިގަންނަވާއިރު ވެސް، ދެ ގައުމުގެ ރަސްމީ ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވައި އުޅުއްވަނީ ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ގައުމުގެ ގައުމީ ބަހުންނެވެ.

ދިވެހިރާއްޖެއަށް 1965 ވަނަ އަހަރު އިނގިރޭސީންގެ "ހިމާޔަތުގެ ދަށުން" މިނިވަންކަން ލިބި 1968 ވަނަ އަހަރު ޖުމްހޫރިއްޔަތަކަށް ބަދަލު ވިއެވެ. މިނިވަން ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ފަސް އަހަރުގެ ރިޔާސީ ދެ ދައުރުގައި ވެސް އެހެން ގައުމުތަކުގެ ފަރާތުން ރަސްމީކޮށް ވަޑައިގަންނަވާ ބޭފުޅުންނާ ވާހަކަފުޅު ދެއްކެވީ މުޅީން ވެސް ދިވެހި ބަހުންނެވެ. ދިވެހި ބަހުން ރައީސް ނާސިރު ވާހަކަފުޅު ދެއްކެވުމުން އެ ވާހަކަފުޅު ބޭރުގެ އިއްޒަތްތެރިޔާއަށް ތަރުޖަމާކޮށް ދެއްވަނީ އެކަމަށް ހާއްސަ ކުރައްވައިފައިވާ ތަރުޖަމާނެކެވެ.

ރައީސް ނާސިރު ރަނގަޅަށް އިނގިރޭސި ބަސް ދެނެވަޑައިގަންނަވައެވެ. އެ މަނިކުފާނު ކިޔަވައި ވިދާޅުވީ ސިލޯނުންނެވެ. ބައެއް ފަހަރު ބޭރުގެ އިއްޒަތްތެެރީންނާ ބައްދަލު ކުރައްވައި ނާސިރު ދައްކަވާ ވާހަކަފުޅު ތަރުޖަމާ ކުރުމުން އެ ތަރުޖަމާ މުޅީން ރަނގަޅު ނޫން ކަމަށާއި އެ މަނިކުފާނު ވިދާޅުވި ގޮތަށް އަލުން ތަރުޖަމާ ކުރުމަށް ތަރުޖަމާނަށް އަންގަވައިފައި ވެސް އެބަ ހުއްޓެވެ.

ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ރައީސް މައުމޫން ޢަބްދުލްގައްޔޫމް ބޭރުގެ އިއްޒަތްތެރީންނާ ވާހަކަފުޅު ދެއްކެވީ އިނގިރޭސި ބަހުންނާއި ޢަރަބި ބަހުންނެވެ. ބައިނަލްއަގްވާމީ މަންސަތަކުގައި އެ މަނިކުފާނު ކުރެއްވި ތަގުރީރުތައް ވެސް ހުރީ އިނގިރޭސި ބަހުންނާއި ޢަރަބި ބަހުންނެވެ. އެހެންނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހުކޮޅުގައި އދ.ގެ އާންމު މަޖިލީހުގައި އެ މަނިކުފާނު ވަނީ ދިވެހި ބަހުން ތަގުރީރު ކުރައްވައިފައެވެ. ރައީސް މައުމޫނު އދ.ގައި ދިވެހި ބަހުން ތަގުރީރު ކުރެއްވުމުން ވަރަށް ގިނަ ދިވެހީން ވަނީ އެކަމުގެ ސަބަބުން ވަރަށް ބޮޑު އުފަލެއް ލިބި އުފާވެރިކަމުގެ ކަރުނަ ލޮލުން ހިލުނު ކަމަށް ބުނެފައެވެ. މިއީ މާދަރީ ބަހުގެ ބާރެވެ. މިއީ ގައުމިއްޔަތުގެ އިހުސާސެވެ.

ހަމަގައިމުވެސް ރައީސް ސޯލިހުގެ އިންޑިޔާ ދަތުރުފުޅާ ގުޅޭ ގޮތުން ބޮޑުވަޒީރު މޯދީ ހިންދީ ބަހުން ވާހަކަ ދެއްކެވުމުން އުންމީދު ކުރެވުނީ ރާއްޖޭގެ ރައީސް ވާހަކަފުޅު ދައްކަވާނީ ދިވެހި ބަހުން ކަމަށެވެ. އެމަނިކުފާނު އިނގިރޭސި ބަހުން ވާހަކަފުޅު ދެއްކެވުމުން ވަރަށް ދެރަވިއެވެ.

ބަހަކީ ކޮންމެ ގައުމެއްގެ ވެސް ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއެވެ. އަވަށްޓެރި އިންޑިއާއަށް ބަލާއިރު އެ ގައުމުގެ އިދާރީ ސަރަހައްދުތަކުގެ އިން ވެސް ކަނޑައަޅާފައި ވަނީ އެ ސަރަހައްދުތަކުގެ މީހުންގެ މާދަރީ ބަހަށް ބަލައިގެންނެވެ. އަވަށްޓެރި ބަންގްލަދޭޝް މީހުން ޕާކިސްތާނުގެ ދަށުން މިނިވަންވުމަށް ޓަކައި ހަނގުރާމަ ކުރީ އެމީހުންގެ ގައުމީ ބަހަށް ޓަކައެވެ.

ދިވެހި ބަހާ ނުލައި ދިވެހިއްޔަތެއް ނުވަތަ ދިވެހި ގައުމިއްޔަތެއް ނޯންނާނެއެވެ. ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނެއް، ނަމުގައި އޮތަކަސް ނިމުނީއެއް ނޫނެވެ.

comment ކޮމެންޓް