ޓްރަމްޕްގެ ޗީފް އޮފް ސްޓާފްވެސް މަގާމުން ދުރަށް

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މިއަހަރު ނިމުމުން މަގާމުން ދުރަށް ވަޑައިގަންނަވާނެ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޑިސެމްބަރު 9): ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ، މިމަސް ނިމުމުން މަގާމުން ދުރަށް ޖެހި ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ވަނީ ކެލީއަކީ "ވަރަށް ރަނގަޅު" ބޭފުޅެއް ކަމަށާއި އެމަގާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު ކުރިއަށް އޮތް ދެދުވަސް ތެރޭ އިއުލާން ކުރައްވާނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ.

"ޖޯން ކެލީ މިއަހަރު ނިމުމުން މަގާމުން ދުރަށް ޖެހި ވަޑައިގަންނަވާނެ.. އޭނާ ވަނީ ދެ މަގާމެއްގައި އަޅުގަނޑާއެކު ދެ އަހަރު ހޭދަ ކުރައްވާފަ. އޭނާގެ ހިދުމަތަށް ޝުކުރުވެރިކަން،" ޓްރަމްޕް ވިދާޅުވިއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ކެލީގެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ނައިބު ރައީސް މައިކް ޕެންސްގެ ޗީފް އޮފް ސްޓާފް ނިކް އަޔާސްއެވެ.

ވައިޓް ހައުސްގައި ކެލީ ގެންގުޅުއްވާ ސިޔާސަތުތަކާއި ޕްރޮޓޮކޯލްއާ ބެހޭ ގޮތުން ޓްރަމްޕާ ދެމެދު ދެބަސްވުން އުފެދި، ދެބޭފުޅުންގެ ގުޅުން ހީނަރުވެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ މީގެ ކުރިން ރިޕޯޓުކޮށްފައެވެ.

މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕްގެ ސަރުކާރުން އިސްތިއުފާ ދެއްވި ނުވަތަ މަގާމުން ދުރު ކޮށްފައިވާ އޮފިޝަލުންގެ އަދަދު މިހާރު ވަނީ 28އަށް އަރާފައެވެ.

comment ކޮމެންޓް