މަރުތަކާއި ކޮރަޕްޝަން ބަލާ ކޮމިޝަންތަކަށް ބާރުދޭ ބިލު ބަލައިގެންފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އިންސާފުން ނުބަލާ ހުރި މަރުގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު ބަލައި ގަންނަން ފާސްކޮށްފި އެވެ.

މަޖިލީހުގައި ޕީޕީއެމް މެމްބަރުން އެ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދަނިކޮށް އެ ބިލު ބަލައި ގަންނަން ފާސްކުރީ މަޖިލީހުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 42 ވޯޓާ އެކުގައެވެ. ބިލާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ. ބިލު މަޖިލީހަށް ބަލައިގަތުމާއެކު، އެ ބިލު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިއަދު ވޯޓަށް އެހި ގަޑީގައި މި މައްސަލައިގެ ވޯޓު ނެގި އިރު އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގެ ޗެމްބަރު ތެރޭގައި އަޑުގަދަކޮށް، އިހުތިޖާޖުކޮށްފައެވެ.

"ރިޔާސީ ކޮމިޝަނުގެ ބިލު"ގެ ނަމުގައި މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންނެވެ.

ތަހުގީގީ އިދާރާއަކަށް ބޭނުންވާ ގިނަ ބާރުތަކެއް ދެ ކޮމިޝަނަށް ދޭންވެސް ބިލުގައި ލިޔެފައިވެ އެވެ.

ކޮމިޝަންތަކަށް ދީފައިވާ ބާރުތައް

  • ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުން
  • ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަް ހޯދުން
  • ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
  • ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
  • ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
  • މައްސަލައާ ގުޅުުން ހުރި މީހުންގެ ބޭންކް އެކައުންޓް ފްރީޒް ކުރުން
  • ކޯޓު އަމުރަށް އެދެވުން

ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއްވެސް ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ އެވެ.

އޭގެ އިތުރުން ކޮމިޝަނުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ލިޔެފަ އެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅޭނެ ކަމަށްވެސް ބިލުގައި ވަނީ ލިޔެފަ އެވެ.

ކޮމިޝަނުން ބަލާ މައްސަލަތައް ތަހުގީގުކޮށް ނިމުމުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާތާ 15 ދުވަސްތެރޭގައި ދައުވާ ކުރަން ފޮނުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

އަދި ޕީޖީ އޮފީހުން އެ ކޮމިޝަނުގެ މައްސަލައެއް ދައުވާ ކުރާތާ 60 ދުވަހުގެ ތެރޭގައި ނިންމައި ހުކުމް ކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ލިޔެފަ އެވެ.

އެ ދެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ރިޕޯޓެއް ކޮންމެ ތިން މަހަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ދެ ކޮމިޝަނުގެ ތެރެއިން މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު