ރައީސް އޮފީހުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރަނީ!

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ޓްވިޓާ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ. މި ކަމުގެ ރަމްޒެއްގެ ގޮތުން ރައީސް ވަނީ ރައީސް އޮފީހުގައި އެންމެ ގިނަދުވަސްވީ މުވައްޒަފު، އިބްރާހިމް އަހުމަދު ދީދީ އަށާއި އެ ފޮފީހުގެ މުވައްޒަފުންގެ ކެފޭއަށް ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް އޮފީހުގައި ސިންގަލްޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމުގެ ޕްރޮގްރަމަކީ ރައީސް ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ފައްޓާ ޕްރޮގްރާމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކަށް އަޅާ ކުނީގެ ބޮޑު އިންސައްތައެއް ކަމަށާއި އޭގެ ސަބަބުން ފުޑްޗެއިން އަށްވެސް އަސަރު ކުރާކަމަށެވެ. ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ދިވެހިން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހަމައެކަނި މާލޭގައިވެސް ދުވާލަކަށް ދެ ލައްކަ އަށްޑިހަހާސް ޕްލާސްޓިކް ފުޅި ބޭނުންކުރޭ،"

ރައީސް ވިދާޅުވީ، އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބުރައީސް ފައިސަލް ނަސީމް އާއި ރައީސް އޮފީހުގެ މުވައްޒަފުން އަދި އެންވަޔަރަމެންޓް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން އާއި ޕާލޭ މޯލްޑިވްސްގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.

މިއީ ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް އޮފީހުގެ މުވައްޒަފުންނާއެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

comment ކޮމެންޓް